ރައީސް ޔާމީން ފުލުހަށް ހާޒިރުކުރީ އާރަށުގެ މައްސަލައިގައި، އެއީ ނިމިފަ އޮތް މައްސަލަ އެއް: ޖަމީލް

ޖުލައި 10، 2021: ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ފުލުސް އޮފީހަށް ހާޒިރުކުރީ ވ. އާރަށުގެ މައްސަލައިގައި ސުވާލު ކުރުމަށް ކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައިވަނީ މިއަދުގެ 14:00 ގައެވެ. ފުލުހުން ބުނީ ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައިވަނީ އެމްއެމްފީއާރުސީގެ ހިޔާނާތާ ގުޅުންހުރި މައްސަލައެއްގައި ސުވާލު ކުރުމަށް ކަަމަށެެވެ.

މި މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ.ޖަމީލް "ޗެނަލް 13" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެމަނިކުފާނު މިއަދު ފުލުހަށް ހާޒިރުކުރީ މީގެ ކުރިން ބަލައި ނިންމާފައި އޮތް މައްސަލައެއްގެ ތަހުގީގުގައި ސުވާލު ކުރުމަށް ކަަމަށެވެ.

"މިއަދު ފުލުހަށް ހާއްސަ ގޮތެެއްގައި ހާޒިރު މި ކުރެވުނީ މީގެ ކުރީގައިވެސް ތަހުގީގުކޮށް ނިމިފައި އޮތް މައްސަލައެއްގަ. އަނެއްކާވެސް ހަމަ އެ މައްސަލައިގަ ސުވާލު ކުރުމުގެ ގޮތުން. އެއީ ވ.އާރަށާ ބެހޭ ގޮތުން. މިދެންނެވި މައްސަލައަކީ މީގެ ކުރީ ދުވަހެއްގައި ރައީސް ޔާމީން ހާޒިރުވެ ވަޑައިގެން އެ މައްސަލައިގެ ތަހުގީގު މުޅިން ނިމި ސޮއިކުރައްވައި ނިމިފައި އޮތް މައްސަލައެއް"

އެހެންނަމަވެސް ތަހުގީގު ނިމިފައި އޮތް މައްސަލައެއްގެ ފައިލް އަލުން ހުޅުވައި، ސުވާލު ކުރުމަށް ފުލުހަށް ހާޒިރު ކުރުމުން ދޭހަވަނީ މައްސަލަތައް އުފައްދައިގެން ރައީސް ޔާމީނުގެ މައްޗަށް ދައުވާ ކުރުމަށް މަސައްކަތް ކުރާކަން ކަމަށެެވެ.

އޭގެ އިތުރުން ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނާ ބުނުން ޑރ. ޖަމީލް ވަނީ ތަކުރާރު ކުރައްވާފައެވެ.

ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީކުރުމަށް އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ތަހުގީގު ނިންމައި، އެމަނިކުފާނުގެ މައްޗަށް ރިޝްވަތު ނެގުމާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު އެވެ.

https://sun.mv/151698

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019 ގަ އެވެ.

އެ މައްސަލައިގައި އެމަނިކުފާނު ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

އެހެންނަމަވެސް މާފުށީ ޖަލުގައި ކޮވިޑް 19 ފެތުރުމުގެ ސަަބަބުން، ރައީސް ޔާމީނަކީ ހައި ރިސްކު ބޭފުޅެއް ކަަމަށް ބުނެ އެމަނިކުފާނު މިހާރު ވަނީ ގޭ ބަންދަށް ބަދަލު ކޮށްފައެވެ.

comment ކޮމެންޓް