ހުޅުމާލޭގެ 'ފޮތް ގާޑިޔާ' އަށް އިތުރު ފުރިހަމަކަމެއް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ 'ފޮތް ގާޑިޔާ'-- ފޮޓޯ: ބީއެމްއެލް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ 'ފޮތް ގާޑިޔާ' އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ހަޓެއް ހަދައި އާންމުންނަށް ބޭނުންކުރެވޭނެހެން ހުޅުވާލައިފި އެވެ.

ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރީ ޗިލްޑްރަން އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.

މިއީ، ހުޅުމާލޭގައި މިހާރު ގާއިމު ކޮށްފައިވާ ފޮތް ގާޑިޔާއަށް ކުރިމަތިވާ ދަތިތައް ހައްލު ކޮށްދިނުމަށްޓަކައި ކުރެވުނު މަސައްކަތެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އެގޮތުން ބީއެމްއެލް އިން ބުނީ ވިއްސާރައިގެ ސަބަބުން ފޮތްތަކަށް ގެއްލުންވިޔަ ނުދިނުމަށާއި ގިނަ ފަރާތްތަކަކަށް ބޭނުންކުރެވޭނެހެން އެ ފޮތް ގާޑިޔާ ތަރައްގީ ކޮށްފައި ވާ ކަމަށެވެ.

ދިވެހި ހަރުގެއެއް ހެން ފަރުމާކޮށް ހިޔާވާނެގޮތް ހަދާފައި ވާ މި ފޮތް ގާޑިޔާގައި ހުންނަ ފޮތްތައް ރައްކާތެރިކަމާއެކު ބެހެއްޓޭނެ އިންތިޒާމު ވަނީ ގާއިމްކޮށްފައެވެ.

މި ގެނެވުނު ބަދަލާއެކު ފޮތް ކިއުމަށް ކުދިބޮޑު އެންމެން އެއްވާ ތަނެއްގެ ގޮތުގައި ބޭނުންކުރުމާއި، ބުކް ކްލަބް އިންތިޒާމު ކުރުމުގެ އިތުރުން، އާޓް އެންޑް ކްރާފްޓް ސްޓޭޝަން އެއް ގޮތަށް ވެސް މި ފޮތް ގާޑިޔާ ބޭނުން ކުރެވޭނެ އެވެ.

އަދި ތައުލީމީ ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުން ކުރުމުގެ އިތުރުން، ސްކޫލުތަކުގެ ކުދިން ސްކޫލު ގަޑީގައި ޒަޔާރަތްކޮށް ފޮތް ކުރުމަށް ވެސް ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ފޮތް ގާޑިޔާގެ އެންމެ ބޮޑު އެއް އަމާޒަކީ ފޮތް ކިއުމުގެ އާދަ މުޖުތަމުގައި އިތުރު ކުރުން ކަމަށް ފޮތް ގާޑިޔާގެ ފައުންޑަރ ވިދާޅުވި އެވެ.

"ތަފާތު ފޮތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސާ ކުޑަ ކުދިންގެ އިތުރުން ބޮޑެތި މީހުންނަށްވެސް ބޭނުން ކުރެވޭނެހެން މި ސަރަހައްދު ގާއިމްކުރުން. މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ލިބުމުގެ އިތުރުން ތަފާތު ހަރަކާތަތްތައް ހިންގުމަށްވެސް މި ތަން ބޭނުން ކުރެވިގެންދާނެ," އޭނާ ވިދާޅުވި އެވެ.

މި ޕްރޮޖެކްޓް ހިންގުމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ވަނީ ހަރުގެ އެޅުމަށް އެހީތެރިކަން ފޯރިކޮށްދިނުމުގެ އިތުރުން ބޭނުންވާނެ ބައެއް ސާމާނު ހޯދުމަށް އެހީތެރިކަން ފޯރިކޮށްދީފައެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

comment ކޮމެންޓް