އައްޑޫ ސިޓީގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދީފި

އައްޑޫ ސިޓީ-- ފޮޓޯ/ފޭސްބުކް

ކޮވިޑް19 އާ ގުޅިގެން އައްޑޫ ސިޓީގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދީފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށް (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ)ގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިއަދުގެ ފަތިސް ނަމާދުން ފެށިގެން ހިތަދޫގެ މިސްކިތްތަކުގައި ގައިދުރުކަމާއެކު ޖަމާއަތް ހަދައިގެން ނަމާދުކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ. އެހެން ނަމަވެސް ހިތަދޫގައި ރޭގަނޑު 9:00އިން ފަތިހު 4:00އަށް ހިންގަމުން އަންނަ ކާފިއުއަށް ބަދަލެއް ގެނެސްފައި ނުވެ އެވެ. އެ ކާފިއު އަކީ މޮނިޓަރިންގެ ހާލަތުގައި ރަށް އޮންނަހާ ދުވަހަކު ހިންގުމަށް އެޗްޕީއޭ އިން ލާޒިމް ކޮށްފައިވާ ކާފިއުއެކެވެ.

އިތުރަށް ދިން ލުއިތަކުގެ ތެރޭގައި ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ޑައިން-އިން ހިދުމަތް ދިނުމުގެ ހުއްދަ ހިމެނެ އެވެ. ޑައިން-އިން ހިދުމަތް ދެވޭނީ ހެނދުނު 8:00 އިން ހަވީރު 6:00އާ ހަމައަށެވެ. އަދި ރޭގަނޑު 10:00އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ.

މީގެ އިތުރުން ހެނދުނު 8:00އިން ހަވީރު 6:00އަށް ބޯކޮށާ ތަންތަނާއި ސެލޫން އަދި ޖިމްތަކުގެ ހިދުމަތް ދިނުމުގެ ހުއްދަވެސް ވަނީ ދީފަ އެވެ.

ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކުޅިވަރު ކުޅޭ ތަންތަނުގައި މެންދުރުފަހު 3:00އިން ހަވީރު 6:00އާ ހަމައަށް ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދިއުމުގެ ހުއްދަ ވެސް ވަނީ ދީފަ އެވެ. އެހެން ނަމަވެސް ކުޅިވަރު މުބާރާތްތައް ބޭއްވުން މަނާވާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

އައްޑޫގައި ކޮވިޑްގެ ހާލަތު ރަނގަޅުވާން ފެށުމުން ހުސްވި ޖޫން މަހުގެ 26ވަނަ ދުވަހުވެސް ފިޔަވަޅުތަކަށް ލުއިތަކެއް ވަނީ ދީފަ އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، އިއްޔެ އައްޑޫ އިން ކޮވިޑަށް ޕޮޒިޓިވްވީ އެންމެ މީހެކެވެ.

އައްޑޫ އިން މިހާތަނަށް ކޮވިޑް ޖެހުނު 501 މީހުންގެ ތެރެއިން 447 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިވަގުތު ބަލި ޖެހިފައި ތިބީ 52 މީހަކަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެނީ ތިން މީހުންނަށެވެ.

އައްޑޫގެ އެކްޓިވް ކޭސްތަކުގެ ތެރެއިން 46 މީހުން ތިބީ ހިތަދޫ ގައެވެ. އަނެއް ހަ މީހުން ތިބީ މަރަދޫ ގައެވެ. އައްޑޫ ސިޓީގެ އެހެން އަވަށެއްގައި މިވަގުތު ކޮވިޑްގެ އެއްވެސް ކޭހެއް ނެތެވެ.

comment ކޮމެންޓް