ފަލަސްތީނު ރައްޔިތުން އިންސާނީ އެތައް ހައްގަކުން މަހުރޫމުވެފައި، ދުނިޔެ ހިމޭނުން!

އިސްރާއިލުން ފަލަސްތީނުގެ ބިންތަކުގައި ގަވާއިދާ ހިލާފަށް ޔަހޫދީން ވަޒަންވެރި ކުރުމާ ދެކޮޅަށް ހުޅަނގު އައްސޭރީގައި ބޭއްވި މުޒާހަރާއެއް -- ފޮޓޯ: ރޮއިޓާސް

ފަލަސްތީނުގެ ޣައްޒާ އާއި އިރުމަތީ ގުދުސް އަދި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ ހައްގުތައް ނުލިބި ދިރިއުޅެމުންދަނީ އިންތިހާއަށް ދަށް ހާލަތެއްގައިކަމަށް ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލުން ބުނެފި އެވެ.

ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލުން މިހެން ބުނެފައިވަނީ އިސްރާއިލުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި އިންސާނީ ހައްގުތައް ދިނުމުގައި އޮތް ހާލަތު ބަޔާންކޮށް މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓެއްގައެވެ.

އެ ރިޕޯޓުގައި ބުނީ މިދިޔަ މޭމަހުގެ 21 ވަނަ ދުވަހުން ފެށިގެން އިސްރާއިލުން ފަލަސްތީނުގެ ޣައްޒާގައި ހުޅަނގު އައްސޭރީގެ އިތުރުން އިރުމަތީ ގުސްއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލިފައިވާކަމަށެވެ. އަދި އެމީހުން ގެ ދިރިއުޅުމުގެ ހާލަތު ވަރަށް ދަށް ހާލަތަކަށް ވެއްޓިފައިވާކަމަށެވެ.

"މިހާރު އޮތް ހާލަތަކީ ފާއިތުވި އަހަރުތަކުގައި ތަހައްމަލުކުރަން ޖެހުނު ހާލަތްތަކަށްވުރެ މާ ދަށް ހާލަތެއް،" އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެގޮތުން ޝެއިޚްޖައްރާ އާއި ސިލްވާނުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެތަކުން، ބާރުގެ ބޭނުންކޮށް މަޖުބޫރުން ނެރެމުންދާކަމާށާއި އެތަންތަނަށް އިސްރާއިލުގެ މީހުން ނުހައްގުން ވެރިވަމުން ދާކަމަށްވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން މަސްޖިދުލް އަގްސާއަށް އަޅުކަން ކުރުމަށް ދާ ފަލަސްތީނުގެ ރައްޔިތުންނަށް، އިސްރާއިލުގެ ސިފައިން އެ ފުރުސަތު ނުދީ އިތުރަށް ހަނިކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

ހަމައެއާއެކު އިސްރާއިލުން ވައިގެ މަގުން ޣައްޒާއަށް ފޮނުވަމުންދާ ރޮކެޓު ހަމަލާގެ ސަބަބުން ޣައްޒާގައި ގިނަ އަދަދެއްގެ އާންމުން ޝަހީދުވެ އާންމުންގެ މުދަލާއި ތަނުގެ ގިނަ އަދަދެއްގެ ގެދޮރާއި އިމާރާތްތައް ބިމާ ހަމަވެފައިވާއިރު އެކަންވެސް ވަނީ މި ރިޕޯޓުގައި ފާހަގަކޮށްފައެވެ.

އަދި މީގެ އިތުރުން އިންސާނީ އެހީގެ ޒަރޫރީ ޚިދުމަތްދޭ މުހިންމު ތަންތަން ކަމުގައިވާ ސިއްހީ ހިދުމަތްދޭ ތަންތަނަށް ގެއްލުން ދޭ ދިނުމަކީ ހަނގުރާމައިގެ އުސޫލުތަކާ ހިލާފު ބޮޑު ކުށެއްކަމަށްވެސް ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލްގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި ހަމައެއާއެކު މޭ މަހުން ފެށިގެން ދެމުން ގެންދިޔަ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ކަރަންޓުގެ ހާލަތު އިތުރަށް ގޯސްވެ ފެން ތަޣައްޔަރުވެފައިވާކަމަށްވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މޭމަހުން ފެށިގެން ދެމުން ގެންދިޔަ ހަމަލާތަކުގެ ސަބަބުން ގާތްގަނޑަކަށް 400،000 އަށްވުރެ ގިނަ މީހުންނަށް ސާފު ފެން ލިބުމުން މަހުރޫމްވެފައިވާކަމުގެ ކަންބޮޑުވުން ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލުންވަނީ ފާޅުކޮށްފައެވެ.

މީގެ އިތުރުންވެސް ފަލަސްތީނުގެ ޔުނިވާސިޓީއާއި އެތަނުގައި މަސައްކަތްކުރަމުންދާ މީހުންނާއި ދަރިވަރުންގެ ހައްގުތަކަށް އުނިކަން ލިބޭ އެތައް ކަމެއްކޮށްފައިވާކަމަށްވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އިސްރާއީލުން ފަަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ.

comment ކޮމެންޓް