ކޮޕާ އެމެރިކާ ފައިނަލު: އާދައިގެ މެޗެއް ނޫން، ރަސްކަމުގެ ތަހުތަށް ކުރާ ހަނގުރާމައެއް!

އާޖެންޓީނާއާއި ބްރެޒިލްގެ ލެޖެންޑުން --

ބައިނަލް އަގުވާމީ ފުޓުބޯޅައިގައި އާޖެންޓީނާއާއި ބްރެޒިލަކީ އަބަދުވެސް ހަތުރުންނެވެ. ދެކުނު އެމެރިކާގެ މި ދެވާދަވެރިން ފުޓުބޯޅައިގައި ހޯދާފައިވާ ކާމިޔާބީތަކާއި، ދެ ގައުމުގައި އުފެދުނު ހުނަވެރި ފުޓުބޯޅައިގެ ޖީލުތަކުން ހާމަވަނީ މި ދެ ހަތުރުންގެ ވާދަވެރިކަމަކީ އިއްޔެއަކު މިއަދަކު ފެށުނު ކަމެއް ނޫންކަމެވެ. އެތައް ޖީލުތަކަކަށް ދެމެމުން އައި އެ ވާދަވެރިކަމުގެ ހުޅު އަނެއްކާވެސް ރޯވެ އަދަމުންދަނީ މާދަމާރޭ އޮންނަ ކޮޕާގެ ފައިނަލަށެވެ.

ފުޓުބޯޅައިގެ އެންމެ ޅަފަތުން ފެށިގެން މި ދެގައުމުގައި އެހާ ބޮޑު ވާދަވެރިކަމެއް އުފެދުނީ ކީއްވެތޯ ސުވާލު އުފައްދާ އިރު، އެ ދެ ގައުމުގައި އުފެދުނު އާދަޔާ ޙިލާފު މޮޅެތި ކުޅުންތެރިންގެ ނަންތައް ހަނދާން ކޮށްލުމުން އެޔަށް ފުރިހަމަ ޖަވާބެއް ލިބެ އެވެ. މިދެގައުމުގެ މަޝްހޫރު ތަރިންނަކީ މުޅި ދުނިޔެއަށްވެސް މަޝްހޫރު ތަރިންނެވެ. އާޖެންޓީނާއިން ނަމަ ޑިއޭގޯ މަރަޑޯނާ އާއި ލިއޮނަލް މެސީ އެވެ. އަލްފްރެޑޯ ޑިސްޓެފާނޯ އާއި މާރިއޯ ކެމްޕަސް އެވެ. ގަބްރިއަލް ބަޓިސްޓޫޓާ އާއި ސާޖިއޯ އަގުއޭރޯ އެވެ. ހުއާން ރިކުއެލްމޭ އާއި ކާލޯސް ޓެވޭޒް އެވެ. ބްރެޒިލުން ނަމަ ޕެލޭ، ގަރިންޗާ، ޒިކޯ، ރޯމާރިއޯ، ރިވާލްޑޯ އަދި ރޮބާޓޯ ކާލޯސް އެވެ. ރޮނާލްޑޯ، ރޮނާލްޑީނިއޯ، ކާކާ އަދި ނޭމާ އެވެ.

[އާޖެންޓީނާއާއި ބްރެޒިލް ކުޅުނު މެޗެއްގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭ މަންޒަރު]

މީގެ އިތުރުން ވެސް ދެ ގައުމުގެ މުޅި ޓީމަކީ އަބަދުވެސް ސަރަހައްދީ ގައުމުތަކާއި، މުޅި ދުނިޔޭގެ ފެންވަރުގެ ބޮޑެތި އެހެން ބާރުތައް ވެސް ޖެހިލުންވާ ވަރުގެ ޓީމުތަކެވެ. އެހެން ކަމުން މި ވަރުގެ ދެ ޓީމުގެ ކުރިމަތިލުމަކީ އެތައް އެތައް ސަޕޯޓަރުންނާއި ޖުމުލަކޮށް މުޅި ފުޓުބޯޅަ އާއިލާ އެކަމަކަށް ނަޒަރު ހުއްޓޭނެ ކަމެއްކަން ޔަގީންވެ އެވެ. އެ ފޯރިގަދަ މެޗަށް ދެ ޓީމުން ވެސް މިވަގުތު ތައްޔާރަށް އޮތް އިރު، މާދަމާ ފަތިހު ކުޅޭ މެޗަކީ އެތައް ގޮތަކުން ހާއްސަ މެޗަކަށްވާނެ އެވެ.

މުހިއްމު ކުޅުންތެރިންތަކެއްގެ ފަހު ކޮޕާއަށް ވެދާނެ

މިފަހަރުގެ ކޮޕާ އެމެރިކާއަށް ބަލާލާއިރު އާޖެންޓީނާގެ ޓީމަކީ ޖުމުލަކޮށް ޒުވާން ސްކޮޑެއްގެ މައްޗަށް އެކުލެވޭ ޓީމެކެވެ. އެހެން ނަމަވެސް އެ ޓީމުގައި ހިމެނޭ މުހިއްމު ބައެއް ކުޅުންތެރިންނަށް މިއީ ފަހު ކޮޕާ އެމެރިކާ ކަމަށް ވުމަކީ ވަރަށް ގާތް ކަމެކެވެ. އޭގެ ތެރޭގައި ކެޕްޓަން ލިއޮނެލް މެސީ، އޭންޖެލް ޑިމާރިއާ، ސާޖިއޯ އަގުއޭރޯ ފަދަ ކުޅުންތެރިންނަކީ އުމުރުގެ ގޮތުން އިތުރު ކޮޕާއަކަށް ވާސިލު ނުވެދާނެ ކަމުގެ ބިރު އޮތް ކުޅުންތެރިންނެވެ.

ހާއްސަކޮށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މެސީއަށް މިއީ އޭނާ ހަޔާތުގެ އެންމެ މުހިއްމު އެއް މެޗަށް ވާނެ އެވެ. އާޖެންޓީނާއަށް ރެކޯޑް އަދަދަކަށް މެޗު ކުޅެދިން މެސީ ވަނީ އެ ޓީމަށް 150 މެޗު ކުޅެދީފަ އެވެ. އަދި އެ މެޗުތަކުގައި އޭނާ ވަނީ 76 ގޯލު ޖަހައި ގައުމީ ރެކޯޑު ވެސް ހަދައިފަ އެވެ. މީގެ ކުރިން ތިންފަހަރެއްގެ މަތިން ކޮޕާ އެމެރިކާގެ ފައިނަލާއި، 2014 ވަަނަ އަހަރު އޮތް ވޯލްޑް ކަޕުގެ ފައިނަލުގައި ވެސް އާޖެންޓީނާއާ އެކު މެސީ ވަނީ ނާކާމިޔާބުވެފަ އެވެ. އެހެން ކަމުން މާދަމާގެ ފައިނަލަކީ މެސީގެ ޓްރޮފީ ކެބިނެޓުން މަދުވާ ހަމައެކަނި ބައިނަލް އަގުވާމީ ތަށި އިތުރު ކުރުމަށް އޭނާއަށް ލިބޭ ފަހު ފުރުސަތައްވުން އެކަށީގެންވެ އެވެ.

[އާޖެންޓީނާއާއި ބްރެޒިލް ބައްދަލު ކުރި މެޗެއްްގެ ތެރެއިން: މިއީ ބައިނަލް އަގުވާމީ ފުޓުބޯޅައިގެ އެންމެ ވާދަވެރި ދެ ގައުމު.]

އަނެއްކޮޅުން ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާއަށްވެސް މިއީ ފަހު ކޮޕާ އެމެރިކާއަށް ވުމުގެ ފުރުސަތު ބޮޑެވެ. އުމުރުން 36 އަހަރުގެ ސިލްވާ މި މުބާރާތަށް މިފަހަރު ކުރިމަތިލީ ޗެލްސީއާ އެކު ޔޫރޮޕުގެ ޗެމްޕިއަންގެ ގޮތުގަ އެވެ. އެހެން ކަމުން މިފަހަރުގެ ކޮޕާ ކާމިޔާބު ކުރުމަކީ އޭނާގެ ފުޓުބޯޅަ ކެރިއަރުގެ އެންމެ ކާމިޔާބު އަހަރެއްގެ ގޮތުގައި ފާހަގަކުރުމަށް އޮތް ރަނގަޅު ފުރުސަތެކެވެ.

ތާރީހުގައި ވެސް ވާދަވެރިކަން ނޫން އެއްޗެއް ނެތް

މިދެގައުމުގެ ދެމެދުގައި ވާދަވެރި މެޗެއް ފުރަތަމަ ކުޅެވުނީ 1904 ގައެވެ. އޭގެފަހުން މިހާތަނަށް އައިއިރު މިދެގައުމުގެ ސީނިއާ ޓީމު ރަހުމަތްރެރިކަމުގެ މެޗުތަކާއި ވާދަވެރި މެޗުތަކުގައި ވަނީ 107 ފަހަރު ވާދަކޮށްފަ އެވެ. މީގެން 43 މެޗުން ބްރެޒިލް މޮޅުވެފައިވާއިރު އާޖެންޓީނާ މޮޅުވެފައިވަނީ 39 މެޗުންނެވެ. މިމެޗުތަކުގައި ބްރެޒިލުން 166 ގޯލް ޖަހާފައިވާއިރު އާޖެންޓީނާގެ އަދަދަކީ 161 އެވެ. އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިއަކީ 8 ގޯލް ޖެހި ބްރެޒިލްގެ ލިއޮނިޑާސް އެވެ. އެންމެ ގިނަ މެޗް ކުޅެފައިވަނީ 16 މެޗް ކުޅެފައިވާ އިޓަލީގެ އިންޓަ މިލާންގެ ލެޖެންޑް ހާވިއާ ޒަނެއްޓީ އެވެ.

މި ދެ ގައުމުގެ ކާމިޔާބީތަކަށް ނަޒަރު ހިންގާލާއިރު ބްރެޒިލުން ވަނީ ރެކޯޑް އަދަދަކަށް ދުނިޔޭގެ ޗެމްޕިއަންކަން ފަސްފަހަރެއްގެ މަތިން ހޯދައިފަ އެވެ. އެގައުމުން ހަތަރު ކޮންފެޑެރޭޝަން ކަޕު ކާމިޔާބު ކުރި އިރު ނުވަ ފަހަރެއްގެ މަތިން ދެކުނު އެމެރިކާ ބައްރުގެ ކޮޕާ އެމެރިކާ ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި އެހެންމެ އެންމެ ފަހުގެ އޮލިމްޕިކުގައި ވެސް ބްރެޒިލުން ވަނީ ވާދަކޮށް ފުރަތަމަ ތަށި ހޯދައިފަ އެވެ. އަނެއްކޮޅުން އާޖެންޓީނާ ވަނީ ދެފަހަރު ވޯލްކަޕް ކާމިޔާބުކޮށްފަ އެވެ. އޭގެ އިތުރުން ފީފާ ކޮންފެޑެރޭޝަންސް ކަޕް 1 ފަހަރު ހޯދައި ކޮޕާ އެމެރިކާ 14 ފަހަރު ކާމިޔާބު ކޮށްފައިވެ އެވެ. އާޖެންޓީނާއިން ވަނީ ދެފަހަރެއްގެ މަތިން އޮލިމްޕިކްސް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން ބްރެޒިލް ބަލި ކުރި ޓީމަކީ އާޖެންޓީނާ އެވެ. އަދި އާޖެންޓީނާ އެންމެ ފަހުން ބަލި ކުރި ޓީމަކީ ވެސް ބްރެޒިލް އެވެ. މި ދެ ޓީމުން ބޮޑެތި މުބާރާތްތަކުގައި ކުޅެފައިވާ ހުރި މެޗުތަކަށްބަލާއިރު، ވޯލްޑް ކަޕް ގައި މިދެޓީމު މިހާތަނަށް ކުރިމަތިލާފައިވާ 4 ފަހަރުގެ ތެރެއިން 2 ފަހަރު ބްރެޒިލް މޮޅުވިއިރު 1 ފަހަރު އާޖެންޓީނާ މޮޅުވި އެވެ. ކޮޕާ އެމެރިކާގެ މިދެޓީމުގެ ކުރިމަތިލުންތަކުގެތެރެއިން 15 ފަހަރު އާޖެންޓީނާ މޮޅުވިއިރު 10 ފަހަރު ބްރެޒިލް މޮޅުވި އެވެ.

ކޮޕަ އެމެރިކާ ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް ބްރެޒިލް ކުޅުނު ތިން ފަހަރު ވެސް ވަނީ މޮޅުވެފަ އެވެ. އެއީ 1937، 2004 އަދި 2007 އެވެ. ބްރެޒިލުން 2007 ވަނަ އަހަރުގެ ފައިނަލުގައި އާޖެންޓީނާ އަތުން މޮޅުވީ 3-0 އިންނެވެ. އަދި އެންމެ ފަހުން 2019 ވަަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ބްރެޒިލުން ވަނީ އާޖެންޓީނާގެ މައްޗަށް 2-0 އިން ކުރިހޯދައިފަ އެވެ.

އާޖެންޓީނާ އާއި ބްރެޒިލް އެންމެ ފަހުން ކޮޕާ އެމެރިކާގެ ފައިނަލުގައި ވާދަކޮށްފައިވަނީ 2007 ވަނަ އަހަރު އެވެ. އެ މެޗު 1-0 އިން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ބްރެޒިލެވެ. ކޮޕާ އެމެރިކާގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމަކީ 15 ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އުރުގުއޭ އެވެ.

މިފަހަރުގެ ކޮޕާއަށް ނަޒަރެއް..

އާޖެންޓީނާއިން މިފަހަރުގެ ކޮޕާ ފައިނަލަށް ދަތުރު ކުރީ ޕެނަލްޓީގައި ކޮލޮމިބިއާ ބަލިކޮށްގެންނެވެ. އެންމެ ފަހުން ކުޅުނު ދެ ފައިނަލުގައި ވެސް ޕެނަލްޓީން ބަލިވި އާޖެންޓީނާއިން އެދުވަހުގެ ޕެނަލްޓީ ކާމިޔާބު ކުރީ ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ދިފާއުކޮށްގެންނެވެ. ކުއާރޓާ ފައިނަލުގައި އިކުއެޑޯ އަތުން މޮޅުވީ ތިން ގޯލު ޖަހައިގެންނެވެ. މެސީގެ ދެ އެސިސްޓާއި، ގޯލަކުން އެ މެޗު ކާމިޔާބު ކުރި އިރު، ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު އެ ޓީމުން ވަނީ ކާމިޔާބު ކޮށްފަ އެވެ. އެއީ އުރުގުއޭއާއި ޕެރަގުއޭ މެޗެވެ. ދެން ކުޅުނު ޗިލީ މެޗުންވީ އެއްވަރެވެ.

ބްރެޒިލުން ފައިނަލަށް ދަތުރު ކުރީ ޕެރޫ ބަލިކޮށްގެންނެވެ. މިފަހަރުގެ ކޮޕާގައި 100 ޕަސަންޓް މޮޅުވުމުގެ ރެކޯޑަކާ އެކު ފައިނަލަށް ދަތުރު ކުރި ބްރެޒިލަށް އެންމެ އުނދަގޫވި މެޗަކީ ކުއާރޓާ ފައިނަލުގައި ޗިލީއާ ދެކޮޅަށް ކުޅުނު މެޗެވެ. މެޗު 0-1 ގެ ނަތީޖާއަކުން ނިމުނު ނަމަވެސް އެ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ގެބްރިއަލް ޖީސުސްއަށް ދެއްކި ރަތްކާޑާ އެކު އެ ޓީމުން މެޗުގެ ބޮޑުބައެއް ވަނީ 10 ކުޅުންތެރިންނާ އެކު ކުޅެފަ އެވެ. އެ ޓީމުން ގުރޫޕް ސްޓޭޖުގައި ވާދަކޮށްފައިވަނީ ކޮލޮމްބިއާ، ޕެރޫ އަދި އިކުއެޑޯއާ އެވެ.

މިފަހަރުގެ ކޮޕާގެ އެންމެ ގިނަ ގޯލު ޖަހާފައިވަނީ މެސީ އެވެ. މެސީ ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. އެންމެ ގިނަ އެސިސްޓްވެސް ހެދީ މެސީ އެވެ. ފަސް އެސިސްޓް މިހާތަނަށް ހެދި މެސީ ވަނީ ހަތަރު މެޗުން މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފަ އެވެ.

comment ކޮމެންޓް