ކޮވިޑް ޖެހިގެން މަރުވާ މީހުންނަށްވުރެ ހައިހޫނުކަމުގައި މަރުވާ މީހުންގެ އަދަދު ގިނަ

ޔަމަންގެ ހަނގުރާމައިގެ ސަބަބުން ހައިހޫނުކަން ތަހައްމަލް ކުރަމުން ގެންދާ ކުޑަކުއްޖެއް

ލަންޑަން (ޖުލައި 9): ކޮވިޑް19ގެ ސަބަބުން މަރުވާ މީހުންނަށްވުރެ ކާބޯތަކެތި ނުލިބި ހައިހޫނުކަމުގެ ސަބަބުން މަރުވާމީހުންގެ އަދަދު މާގިނަ ކަމަށް އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރާ މަޝްހޫރު ޖަމިއްޔާ އެއްކަމަށްވާ "އޮކްސްފާމް" އިން ބުނެފިއެވެ.

އެޖަމިއްޔާއިން ބުނީ ކާބޯތަކެތި ނުލިބިގެންނާއި ސިއްހަތަށް ފައިދާހުރި ކާނާ އެކަށީގެންވާ ގޮތެއްގައި ނުލިބި ކާޑުބަލި ޖެހުމުގެ ސަބަބުން ކޮންމެ މިނިޓެއްގެ ތެރޭގައި ދުނިޔޭގެ ފަގީރު ގައުމުތަކުން 11 މީހުން މަރުވަމުންދާކަމުގައެވެ. މިއީ ކޮވިޑްގެ ސަބަބުން މަރުވާ ރޭޓަށްވުރެ މަތީ ރޭޓެކެވެ. ކޮވިޑްގެ ސަބަބުން މަރުވާކަމަށްވަނީ މިނިޓަކު މީހުންނެވެ.

"އޮކްސްފާމް" އިން ނެރުނު ރިޕޯޓެއްގައިވާގޮތުން "ހައިހޫނުކަމުގެ ވައިރަސް" ގެ ނުރައްކާތެރިކަން ކޮވިޑް19ގެ ވައިރަހަށްވުރެ މާ ނުރައްކާތެރިއެވެ. މި ރިޕޯޓްގައިވާގޮތުން ހައިހޫނުކަން ތަހަންމަލްކުރަންޖެހޭ ހާލަތުގައި ތިބި 155 މިލިޔަން މީހުން ދުނިޔޭގެ ފަގީރުގައުމުތަކުގައާއި ހަނގުރާމަ ހިނގާ ގައުމުތަކުގައި އެބަތިއްބެވެ. މީގެތެރެއިން 41 މިލިޔަން މީހުންނަކީ ހައިހޫނުކަން މިހާރުވެސް ތަހައްމަލު ކުރަމުން ގެންދާމީހުންނެވެ.

ހައިހޫނުކަން ތަހައްމަލު ކުރަންޖެހޭ ހާލަތުގައި ތިބި 155 މިލިޔަން މީހުންގެ ތެރެއިން 20 މިލިޔަން މީހުންނަކީ ކޮވިޑްގެ ސަބަބުން ކުރާ މަސައްކަތާއި ވަޒީފާ ގެއްލި ހާލުގައި ޖެހިފައިވާ މީހުންނެވެ. އަދި މީގެތެރެއިން ގާތްގަޑަކަށް 80 މިލިޔަން މީހުންނަކީ ހަނގުރާމަތަކާއި ދާހިލީ އަރާރުންތަކާއި ތަޅާފޮޅުންތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނެވެ.

"އޮކްސްފާމް"ގެ ރިޕޯޓްގައި ކޮވިޑްގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކުގައި ކާބޯތަކެތީގެ އަގުތައް ދޮޅު އަހަރުތެރޭގައި 40 ޕަސަންޓަށްވުރެ މައްޗަށް ދިޔަކަން ފާހަގަކޮށްފައިވެއެވެ. އާންމު ގޮތެއްގައި ކާބޯތަކެތީގެ އަގުތައް މިފެންވަރަށް މައްޗަށްދަނީ 10-15 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ކަމަށްވިޔަސް ކޮވިޑްގެ ސަބަބުން ދަނޑުވެރިކަންފަދަ އިގްތިސާދީ މަސައްކަތްތަކަށް ބޮޑު ބުރުލެއް އެރުމުގެ ސަބަބުން ކާބޯތަކެތީގެ އަގުތައް 40 ޕަސަންޓަށް އުފުލިފައިވަނީ ދޮޅު އަހަރު ތެރޭގައިކަން "އޮކްސްފާމް" އިން ފާހަގަކޮށްފައިވެއެވެ.

އދގެ "ވޯލްޑް ފުޑް ޕްރޮގްރާމް" ބުނާގޮތުން ދުނިޔޭގައި އެތައް މިލިޔަން ބަޔަކު ބަނޑަށް ޖެހެނީ ހަނފަސްކަމާއި ފެންބޮޑުވުން ފަދަ, މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި ކާބޯތަކެތީގެ އަގު އުފުލުމުގެ ސަބަބުންނާ އަދި ހަނގުރާމަތަކާއި ދާހިލީ އަރާރުންތަކުގެ ސަބަބުންނެވެ. މީގެއިތުރުން ކޮވިޑް19ގެ އަކީވެސް ހައިހޫނުކަމަށް މަގުފަހިކުރާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އދގެ ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގައި ހައިހޫނުކަން ތަހައްމަލްކުރަމުން ގެންދާ 41 މިލިޔަން މީހުން ތިބީ 43 ގައުމެއްގައެވެ. މީގެތެރެއިންވެސް ހައިހޫނުކަން ތަހައްމަލުކުރާ މީހުން އެންމެ ގިނައަދަދަކަށް ތިބީ އެފްރިކާގެ ހަތަރު ގައުމެއްގައެވެ. އެއީ ދެކުނު ސޫދާން، އިތިއޮޕިއާ، މާލީ އަދި ޔަމަނެވެ.

comment ކޮމެންޓް