ކޮވިޑް-19ގެ ޑެލްޓާ ވޭރިއަންޓްގެ ނުރައްކާ ޔޫރަޕަށްވެސް ބޮޑުވަނީ

ލަންޑަން (ޖުލައި 9): ކޮވިޑް-19 ގެ ޑެލްޓާ ވޭރިއަންޓްގެ ސަބަބުން އޭޝިއާގެ ގިނަ ގައުމުތަކެއް ހަފުސްވެގެން ދިޔުމަށްފަހު އޭގެ ނުރައްކާ ޔޫރަޕަށްވެސް ފޯރައިފިއެވެ.

މި އަހަރުގެ ތެރޭގައި ކޮވިޑްގެ ހާލަތު ރަނގަޅުވެ ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލްކުރި ޔޫރަޕުގެ ގައުމުތައް ކަމަށްވާ ޔޫކޭއާއި ޖަރުމަނު އަދި ފްރާންސްފަދަ އެތައް ގައުމެއްގައި ޑެލްޓާ ވޭރިއަންޓްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެ އެގައުމުތަކުގެ ހާލަތުވަނީ ގޯސްވާން ފަށާފައެވެ.

ޔޫކޭ ބަލާއިރު ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭމީހުންގެ އަދަދު އެވްރެޖް ގޮތެއްގައި 27,000-29,000 އާ ދެމެދުގައި އޮތުމަށްފަހު މިހާރުވަނީ ކުއްލިއަކަށް ކޮވިޑްގެ ކޭސްތައް އިތުރުވާން ފަށާފައެވެ. މިގޮތުން އިއްޔެ ޔޫކޭގައި ގާތްގަނޑަކަށް 33.000 މީހުންވަނީ ކޮވިޑްއަށް ޕޮޒިޓިވް ވެފައެވެ. ޔޫކޭގައި ކުއްލިއަކަށް ކޮވިޑްގެ ކޭސްތައް އިތުރުވާން ފަށާފައި މިވަނީ ކޮވިޑްގެ ކޭސްތަކުގެ ތެރޭގައި ގިނައީ ޑެލްޓާ ވޭރިއަންޓް ޖެހިފައިވާ މީހުންކަން އެގައުމުގެ ރީސާޗަރުން ހާމަކޮށްފައިވަނިކޮށެވެ.

ޔޫކޭގައި ޑެލްޓާ ވޭރިއަންޓް ވަރަށް ބާރަށް ފެތުރިދާނެކަމުގެ ބިރު ހީވެފައި މިވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އެގައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތައް މި މަހުގެ ފަހުކޮޅު އުވާލައި ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން ދަނިކޮށެވެ. ޔޫކޭގައި ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް މިމަހުގެ 19 ގައި އެއްކޮށް ދޫކޮށްލުމަށް، ނިންމަވާނެކަމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވުމުން އެގައުމުގެ ސިއްހަތާބެހޭ ތަޖުރިބާކާރުންވަނީ އެއީ ނުރައްކާތެރި އަދި ފަހުން ހިތާމަކުރަންޖެހޭނެ ނިންމުމެއްކަމަށް ސިފަކޮށް އެނިންމުން ބަދަލު ކުރުމަށް ގޮވާލާފައެވެ.

ޖަރުމަނުގައިވެސް ކޮވިޑްޖެހޭ މީހުންގެ އަދަދު ޖެހިޖެހިގެން ދެމަސް ވަންދެން ދަށަށް ދިޔުމަށްފަހު ޑެލްޓާ ވޭރިއަންޓް އެގައުމުން ފެނުނުތާ ދުވަސްކޮޅެއްގެ ތެރޭގައި ކޮވިޑްގެ ކޭސްތައްވަނީ ކުއްލިއަކަށް މައްޗަށް ދާންފަށާފައެވެ. ޖަރުމަނުގެ ކޮވިޑް އާބެހޭ ރިޕޯޓްތައް ބުނާގޮތުން އެގައުމުގައި ކޮވިޑްޖެހޭ މީހުންގެ ތެރެއިން 59 ޕަސަންޓަކީ ޑެލްޓާ ވޭރިއަންޓަށް ޕޮޒިޓިވްވާ މީހުންނެވެ. މިއާއެކު ޖަރުމަނުގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދުވެސް މިމަހުން ފެށިގެންވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ.

ފްރާންސަށް ބަލާއިރު އެގައުމުގައި ކޮވިޑް ޖެހޭ މީހުންގެ ތެރެއިން 40 އިންސައްތައަކީ ޑެލްޓާ ވޭރިއަންޓަށް ޕޮޒިޓިވް މީހުންނެވެ. ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ކޮވިޑް ފެތުރޭ މިންވަރު އިތުރުވެ ކޮވިޑްގެ ހަތަރުވަނަ ރާޅެއް ބޯމަތިވަމުންދާ ކަމުގެ އިންޒާރު ފަރަންސޭސި ސިއްހަތާބެހޭ އިދާރާތަކުންވަނީ ދީފައެވެ.

ކުރިން ކޮވިޑް ކޮންޓްރޯލްކުރި ޔޫރަޕްގެ ތިން ގައުމު ކަމަށްވާ ސްޕެއިން، ނެދަލޭންޑްސް އަދި ޕޯޗުގަލްގައިވެސް މިހާރު ވަނީ އަނެއްކާވެސް ކޮވިޑް ވަރަށް ބާރަށް ފެތުރެން ފަށާފައެވެ. މި ތިން ގައުމަކީވެސް ކޮވިޑްގެ ޑެލްޓާ ވޭރިއަންޓް ފެތުރެމުންދާ ގައުމުތަކެވެ. މިއާއެކު މިތިން ގައުމުންވެސް ވަނީ ކޮވިޑްއާ ގުޅިގެން ދީފައިވާ ލުއި ފިޔަވަޅުތައް ހަރުކަށިކުރަން ޖެހިދާނެކަމުގެ އިންޒާރު ދީފައެވެ.

comment ކޮމެންޓް