ސަލާމަތީ ހިދުމަތްތަކުގައި ހަރުކަށި ފިކުރު އުޅޭކަމީ ހަގީގަތް: އާޒިމް

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް --- ފޮޓޯ/ މަޖިލިސް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ދިވެހި ފުލުހުންގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރެމުން އަންނަ ކަމަށާއި އެކަން ގަބޫލު ނުކުރުހާ ހިނދަކު ތިބެން ޖެހޭނީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމާގައި އެމަނިކުފާނުގެ ސެކިއުޓީ ބްރީޗްވި ސަބަބު ދެނެގަތުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދިޔަ އިންކުއަރީގައި އެކުލަވައިލި ރިޕޯޓާއި ގުޅޭގޮތުން މަޖިލީހުގައި ރޭ ވާހަކަ ދައްވަމުންނެވެ.

އޭނާ ވިދާޅުވީ މިއަދުވެސް ކުރަންވީ ކަމަކީ އެތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުން އިދާރާ ތެރޭގައި ހަރުކަށި ފިކުރުގެ މީހުން އުޅޭ ކަމަށް ގަބޫލުކޮށް ހަގީގަތް ހާމަކުރަންވީ ކަމަށެވެ.

"އެމްއެންޑީއެފް ތެރޭގަ އާ ފުލުހުންގެ ތެރޭގަ ހަރުކަށި ފިކުރު އެބަ އޮތް. އެކަން އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ގައުމުގެ ހާލަތު މިއަދު އޮތް ގޮތުން ހަރުކަށިފިކުރާ ދެކޮޅަށް ވާހަކަދައްކާ ކޮންމެ މީހަކުވެސް ހުންނަން ޖެހެނީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށެވެ.

"އަޅުގަނޑުމެންގެ ކޮންމެ މެމްބަރަކީވެސް ސިޔާސީ މީހަކީވެސް އަދި ހަރުކަށިފިކުރާ ދެކޮޅަށް ވާހަކަދައްކާ ކޮންމެ މީހަކީ ބިރުވެރި ކަމެއްގަ ނުތަވަސް ކަމެއްގެ ތެރޭގަ ކޮންމެ ދުވަހަކުވެސް ހުންނަންޖެހޭ މީހެއް،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ މައްސަލައެއް ކަމަށް ގަބޫލުކޮށް އެކަން ހުއްޓުވުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށެވެ.

އާޒިމް ވިދާޅުވީ މަޖިލީހުގެ 241 ކޮމެޓީއަށް ސިފައިން ހާޒިރުކުރި ދުވަހު ސުވާލުތަކަށް ޖަވާބުދޭން ފަސްޖެހުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ.

"މައުލޫމާތު ނުދީ ހެމުންހެމުން އެދުވަހު ދިޔަ ބޭފުޅުންނަށް މިއަދު އެނގޭނެ އެ ފަރާތްތައް އެކުރި ކަމަކީ ހަގީގަތުގައި އަޅުގަނޑު މި ދަންނަވާ ގޮތަށް އަޅުގަނޑުމެންގެ ސެކިއުރިޓީ ތެރޭގައި ހަރުކަށި ފިކުރު އޮތްކަމަށް ދެކި އެ މައުލޫމާތުތައް ފޮރުވަން އެކަންތަކަކީ މި ތަންތަނުގެ ތެރޭގައި ނުހިނގާ ކަމަކަށް ހަދާ ފޮރުވާ އޮޅުވާ ލުމަށް ކުރި މަސައްކަތް،" އާޒިމް ވިދާލުވިއެވެ.

މެމްބަރު އާޒިމް ވިދާޅުވީ ސިފައިންންނާއި ފުލުހުންގެ ތެރޭގައި ހަރުކަށި ފިކުރުގެ ފަރާތްތައް މަސައްކަތް ކުރަމުންދާކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ހަރުކަށި ދައުލަތެއްގެ ވާހަކަ ރައީސް ދައްކަވާތާ ދުވަސްތަކެއް ވެެއްޖެ ކަމަށާއި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް އެކަން އެނގޭނެ ކަމަށެވެ.

"ރައީސް ނަޝީދު ފެށުނީންސުރެ ދައްކަވަމުން ގެންދަވާ ވާހަކައެއް ހަރުކަށި ދައުލަތެއް އެބަ ދެއޭ. އަޅުގަނޑުމެންނަށް ހަމަލާ ދޭން އެބަ ތައްޔާރު ވެއޭ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ފުލުހުންނާ އެމްއެންޑީއެފްގައި ތިއްބެވި ހުރިހާ ފަރާތްތަކަކީ ހަރުކަށިފިކުރާ ގުޅުންހުރި ބައެއް ނޫން ކަމަށެވެ.

comment ކޮމެންޓް