ފޭކް ޓްރާންސްފާ ސްލިޕް ފޮނުވާފައިވާ މީހަކު ހޯދަނީ

އެކި ފިހާރަތަކުން، ވިޔަފާރި ކުރުމަށް ފަހު ސައްހަނޫން ޓްރާންސެކްޝަން ސްލިޕް ތަކުރާރުކޮށް ފޮނުވާފައިވާ މައްސަލައްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ފުލުހުން އިއުލާނު ކޮށްފި އެވެ.

މި މައްސަލައިގައި ހޯދަން ފުލުހުން އިއުލާނު ކޮށްފައި ވަނީ، ހއ. ދިއްދޫ، ވިނޯލިޔާ، އިބްރާހީމް ޚަލީލް (32އ) A291528 އެވެ.

ފުލުހުން ބުނީ، އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރު ކުރެވިފައި ނުވާ ކަމަށެވެ.

އަދި ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ ގަވާއިދުގެ މަތިން، ތަހުގީގަށް ހާޒިރުވުމަށް އޭނާ އަށް ފުލުހުން ވަނީ އަންގާފަ އެވެ.

އެހެންކަމުން މި މަހުގެ 15 ވަނަ ދުވަހުގެ 16:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގް އށް ހާޒިރު ވުމަށް ފުލުހުން ވަނީ އޭނާ އަށް އަންގާފަ އެވެ.

ފިހާރަތަކުން މުދާ ގަތުމަށްފަހު ސައްހަނޫން ޓްރާންސްފާ ސްލިޕް ހަދައި، އެ ސްލިޕް ވައިބާކޮށް ޓްރާންސެކްޝަނަށް މަކަރު ހަދާ މައްސަލައަށް ސަމާލުވާން ފުލުހުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެތޭގައި ވެސް އިލްތިމާސް ކޮށްފަ އެވެ.

ފުލުހުން ބުނީ ސްލިޕް ވައިބާ ކުރާ މީހުން އެކަން ކުރާއިރު ސްލިޕް އެޑިޓްކޮށް އޭގެ ތާރީހާއި ވަގުތު އެޑިޓްކުރާކަން ފާހަގަވެފައިވާ ކަމަށެވެ.

އަދި އެ ސްލިޕްގައި ޖަހާފައިވާ ގަޑީގެ ދެތިން މިނެޓް ކުރިން އެ ސްލިޕްގެ އަގަށްވާ ތަކެތި ނަގަން ފިހާރައަށް ގޮސް ވިޔަފާރި ކުރުމަށްފަހު ފައިސާ ދައްކަން ބުނުމުން، ފައިސާ ވެސް އެކައުންޓަށް ފޮނުވައި ސްލިޕް ވައިބާ ކުރާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޮންލައިންކޮށް ވިޔަފާރިކުރުމަށް ފަހު ފޮނުވާ ސްލިޕްތައް ފޮނުވުމުން އެކައުންޓަށް ޖަމާވެފައިވޭތޯ އާއި އެކައުންޓް ނަންބަރު ރަނގަޅުތޯ ވަގުތުން ބަލާ، އޮންލައިން ޓްރާންސްފާ ކޮށްފިނަމަ ކަސްޓަމަރުގެ މައުލޫމާތު ނޯޓުކުރުން ފަދަ ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.

comment ކޮމެންޓް