ޑިޕްލޮމެޓުންގެ ކަރާމާތަށް އަރައިގަތުން ބަލައި ނުގަނެވޭ: އެމްއެމްސީ

މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ޑިޕްލޮމެޓުންގެ ކަރާމާތަށް ބުރޫ އަރާ ގޮތައް މީޑިއާތަކުން ހަބަރު ނުފެތުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސް ކޮށްފިއެވެ.

އެމްއެމްސީއިން މިހެން ބުނީ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އެ ކޮމިޝަނުގެ އިސްވެރިންގެ ކަރާމާތަށް އުނިކަން އަންނަފަދަ ގޮތަކަށް ރާއްޖޭގެ ބައެއް މީޑިޔާތަކުން އަމަލުކުރާތީވެ އެ މައްސަލަ ބަލައިދިނުމަށް އެދި ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ.

މިއަދު އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޭރު ގައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމޭޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ރާއްޖޭގެ ބައެއް ނޫސްތަކުގައި ލިޔުންތައް ޝާއިއު ކުރަމުންދާކަމުގެ ޝަކުވާ ކަމާބެހޭ އެކި ފަރާތްތަކުން މީޑިއާ ކައުންސިލުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން މީޑިއާ ކައުންސިލުން ދެކޭ ގޮތުގައި އެއްވެސް ގައުމަކާމެދު އޮންނަ ހާރިޖީ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި، ކަނޑައެޅިގެން ދޮގު ހަބަރު ފެތުރުމަކީ، އެއްވެސް މީޑިއާއަކުން ކޮށްގެންވާނެ ކަމެއް ނޫންކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ރާއްޖޭގައި ހުރި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކާއި ޑިޕްލޮމޭޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ ހަބަރުތައް ފެތުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެކަމެއް ނޫން ކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ.

އެމްއެމްސީން ބުނީ އެފަދަ ކަންކަމަކީ، އޭގެ ސަބަބުން ރާއްޖެއާއި ދޭދޭ ގައުމުތަކާއެކު އޮތް ގުޅުމަށް ބުރޫއަރައި، ވަކި ގައުމަކާމެދު އާންމު ރައްޔިތުން ދެކޭ ގޮތް ބަދަލުވުމުގެ ސަބަބުން ޖުމްލަ ގޮތެއްގައި މުޅި ގައުމަށް އޭގެ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމަށެވެ.

އެހެންކަމުން އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ގާނޫނުން ކަށަވަރު ކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސީ ހައްގު ހަމަ ގޮތުގައި ބޭނުންކުރުމަށާއި، މީޑިއާ ކައުންސިލުގެ ގާނޫނާއި ގަވާއިދާއި އަދި ކޯޑް އޮފް އެތިކްސްއާ އެއްގޮތްވާގޮތުގެ މަތިން ޒިންމާދާރުކަމާއެކު ހަބަރުތައް ފެތުރުމަށް އެންމެހާ ނޫސްވެރިންނާއި މީޑިއާތަކަށް އެމްއެމްސީން ވަނީ އިލްތިމާސް ކޮށްފައެވެ.

އޭގެ އިތުރުން ރާއްޖެއިން ބައިވެރިވެފައިވާ ހުރިހާ ބައިނަލްއަގުވާމީ މުއާހަދާތަކަށްވެސް އިހުތިރާމްކުރުމާއެކު، ހަބަރާއި މައުލޫމާތު ފެތުރުމުގައި ގައުމީ މަސްލަހަތު އިސްކުރުމަށް ސަމާލުކަން ދިނުމަށް ބާރުއަޅާ ކަމަށްވެސް އެމްއެމްސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެމްއެމްސީން މ އިންޑިއާ ހައިކޮމިޝަނުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރުން މެދުވެރިކޮށް "ދިޔަރެސް" ނޫހުގެ މައްސައެއް ބަލައިދިނުމަށް މީޑިއާ ކައުންސިލްގައި އެދިފައިވާ ކަމުގެ މައްސަލަތަކެއްވެސް މިހާރު ވަނީ ފެންމަތި ވެފައެެވެ.

ރާއްޖެއާއި ބޭރުގެ ގައުމުތަކާ ދެމެދު އޮންނަ ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރު ނުކުރާނޭހެން ރާއްޖޭގެ މީޑިއާތަކުގެ މަސައްކަތް ކުރިއަށްގެންދަން ފޮރިން މިނިސްޓްރީންވެސް ވަނީ މީގެ ކުރިން އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް