އިއްޔެ ބަންދުން ދޫކޮށްލި ތިން މީހުންގެ ތެރެއިން ދެމީހުން އަނެއްކާވެސް ހައްޔަރުކޮށްފި

މެއި 13، 2021: މާލޭގައި ފުލުހުން ވަރުގަދަ ސެކިއުރިޓީގައި ހަރަކާތްތެރިވަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ބަންދުން ދޫކޮށްލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ނިންމި ތިން މީހުންގެ ތެރެއިން ދެ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

އެ ތިން މީހުންނަކީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާ އާ ގުޅިގެން ހައްޔަރުކުރި އަށް މީހުންގެ ތެރެއިން ތިން މީހުންނެވެ.

ނަމަވެސް އެމީހުން ބަންދުން ދޫކޮށްލީ ކީއްވެ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން މިއަދު ބުނީ ކްރިމިނަލް ކޯޓުން އިއްޔެ ބަންދުން ދޫކޮށްލި ތިން މީހުންގެ ތެރެއިން ދެ މީހަކު އަނެއްކާވެސް ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމީހުން ހައްޔަރު ކޮށްފައިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ހައްޔަރުކުރި މީހުންގެ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން މިހާތަނަށް ވަނަވަރު ހާމަކޮށްފައިވަނީ ފަސް މީހެއްގެއެވެ. އެއީ މއ. ފޭރުގެ، މުޖާޒު އަހުމަދު، (21އ) ގއ. ކޮނޑޭ/ފޮޅޭމާ ތަހުމީން އަހުމަދު (32އ) އާއި ވ. ތިނަދޫ/ހިޔާ, އަދުހަމް އަހުމަދު ރަޝީދު، (26އ) އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، (23އ) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27އ) އެވެ.

comment ކޮމެންޓް