ވެކްސިން ފުރިހަމަ ކޮށްގެން ލަންކާއަށް ދާ މީހުން ދެން ކަރަންޓީނު ވާން ޖެހޭނީ އެންމެ ދުވަހަަކަށް

ސްރީލަންކާ -- ފޮޓޯ: އޭޕީ

ކޮލަމްބޯ (ޖުލައި 8): ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ޖަހައިގެން ސްރީލަންކާއަށް ދަތުރު ކުރާ މީހުން މިއަދުން ފެށިގެން ކަރަންޓީނު ވާން ޖެހޭނީ އެންމެ ދުވަހަކަށް ކަމަށް އެގައުމުން އިއުލާން ކޮށްފި އެވެ.

ލަންކާގެ ހެލްތު މިނިސްޓްރީން އާންމުކުރި ސާކިއުލާއެއްގައިވާ ގޮތުން އެގައުމަށް އަދިވެސް ދަތުރު ކުރެވޭނީ 72 ގަޑި އިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތުމުންނެވެ. ނަމަވެސް އެގައުމަށް ދިޔުމަށް ފަހު އިތުރު ޕީސީއާރު ޓެސްޓެއް ހަދާ، އެ ޓެސްޓު ނެގެޓިވްވުމުން އެއް ދުވަހަށް ވުރެ އިތުރަށް ކަރަންޓީން ވާން ނުޖެހޭނެ އެވެ.

އެ ސާކިއުލާގައިވާ ގޮތުން ލަންކާއަށް ދަތުރު ކުރާ ފަތުރުވެރިން އެގައުމުގެ ޓޫރިޒަމް ވެބްސައިޓު މެދުވެރިކޮށް އިލެކްޓްރޯނިކް ޓްރެވެލް އޮތޮރައިޒޭޝަން (އީޓީއޭ) ހޯދަން ޖެހޭނެ އެވެ. އަދި އެހެން ސަބަބުތަކަށްޓަކައި އެގައުމަށް ދަތުރު ކުރާ މީހުން ހުއްދަ ހޯދަން ޖެހޭނީ އެގައުމުގެ ފޮރިން މިނިސްޓްރީއަށް އީމެއިލްކޮށްގެންނެވެ.

މީގެ އިތުރުން، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައި ނުވާ މީހުން 14 ދުވަހަށް ކަރަންޓީނު ވާން ޖެހޭނެ އެވެ. އަދި ވެކްސިން ޖަހާފައިވާ މީހުންވެސް އެގައުމަށް ދާތާ ހަތް ދުވަސް ފަހުން އިތުރު ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ އެވެ.

ލަންކާއަށް ދަތުރު ކުރާ ގިނަ މީހުންނަށް ލުއިތައް ދިން ނަމަވެސް، އެގައުމުގެ ދިޔުމުގެ ކުރިން 14 ދުވަސް ތެރޭގައި އިންޑިއާ، ވިއެޓްނާމް އަދި ދެކުނު އެމެރިކާ އާއި ދެކުނު އެފްރިކާގެ ގައުމުތަކަށް ދަތުރުކޮށްފައިވާ މީހުންނަށް އެގައުމަށް ނުވަދެވޭނެ ކަމަށް ލަންކާއިން ވަނީ ކަނޑައަޅާފަ އެވެ.

ލަންކާއިން މިދިޔަ މަހު ކޮވިޑްގެ ޑެލްޓާ ވޭރިއެންްޓް ފެނި، އެގައުމުގައި ބަލީގެ ކޭސްތައް އިތުރުވާނެކަމުގެ ބިރު އޮތްކަމަށް ސިއްހީ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި އެގައުމުން ރިޕޯޓުކުރާ ކޭސްތައް މަދުވެފައި ވަނީ ހެލްތު ސެކްޓަރުގެ ގިނަ ބަޔަކު މިމަހުގެ އެކަކުން ފެށިގެން ހަޅުތާލުކޮށް، ކޮވިޑް ޓެސްޓު ހަދާ މިންވަރު މަދުވުމުންކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުންނާ ހަވާލާދީ އިކޮނޮމީ ނެކްސްޓް ނޫހުން ރިޕޯޓު ކުރި އެވެ.

ލަންކާގައި މިހާރު ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުން ދަނީ 27,232 މީހުންނެވެ. އަދި އެގައުމުން މިހާތަނަށް ތިން މިލިއަން މީހުން ވެކްސިން ޖަހާފައިވާ އިރު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ އެއް މިލިއަން މީހުންނެވެ.

comment ކޮމެންޓް