ލޮކްޑައުންގައި އޮތް އޮސްޓްރޭލިއާގެ ސަރަހައްދެއްގައި ގިނަ އަދަދަކަށް ކޮވިޑު ފެތުރިފައި

އޮސްޓްރޭލިއާގެ ލޮކްޑައުންގެ ސަބަބުން ސިޑްނީ އޮޕެރާ ހައުސް ކައިރި ފަޅުވެފައި -- ފޮޓޯ: އީޕީއޭ

ލޮކްޑައުންގައި އޮތް ނަމަވެސް އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްއިން ގިނަ އަދަދަކަށް ކޮވިޑް19ގެ ކޭސް ފެނިއްޖެއެވެ.

ނިއު ސައުތު ވޭލްސްއިން ރެކޯޑްކޮށްފައިވާ ގޮތުގައި މިއަދު 34 ކޭސް ވަނީ ފެނިފައެވެ. މިއީ ފާއިތުވި 14 މަސް ދުވަހުގެ ތެރޭ މިހާ މަތީ އަދަދަކުން ކޭސްތައް ފެނުނު ދުވަހެވެ. ނިއު ސައުތު ވޭލްސް ލޮކްޑައުންގައި އޮތް އިރު އޮސްޓްރޭލިއާގެ ވެރިކަން ކުރާ ރަށް ސިޑްނީވެސް ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި ލޮކްޑައުންގެ މުއްދަތު އިތުރުކުރަން ސަރުކާރަށް މަޖުބޫރުވެފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އޮސްޓްރޭލިއާގެ ސިޑްނީގައިވެސް ބަލީގެ ގިނަ ކޭސްތަކެއް ދަނީ ފެންނަމުންނެވެ. އެގޮތުން ސިޑްނީގައި 370 އާ ގާތްކުރާ އަދަދަކަށް އަންނަނީ ކޮވިޑް19 ގެ ކޭސްތައް ފެންނަމުންނެވެ. މިހާ ގިނަ އަދަދެއްގެ ކޭސް ފެންނަމުން ދަނީ ޑެލްޓާ ވޭރިއެންޓުގެ ސަބަބުންކަމަށް އެ ގައުމުން ބުނެއެވެ.

މީގެ އިތުރުން ގޭގެއަށް ޒިޔާރަތްކުރުން ފަދަ ކަންކަން ކުރާ މިންވަރު އިތުރުވުމުންވެސް ބަލި ފަސޭހަކަމާއެކު ފެތުރިގެންދާކަމަށް ވަނީ ބުނެފައެވެ. އަދި ހަމަ އެއާއެކު ބަލީގެ އަލާމަތްތައް ފެންނަ މީހުންވެސް ބޭރުތެރެއަށް ނިކުމެ އުޅޭ އުޅުމުގެ ސަބަބުން ބަލި ފެތުރޭ މިންވަރު އިތުރުވާކަމަށް ނިއު ސައުތު ވޭލްސްގެ އިދާރާތަކުން ބުނެއެވެ.

"މިހާރު ފެންނަމުން މިދާ އަދަދުތައް މާ މަތި. މި އަދަދުތައް ދަށް ކުރަންޖެހޭ," ނިއު ސައުތުވޭލްސްގެ ޕްރެމިއަރ ގްލެޑިސް ބެރެޖެކްލިއަން ވިދާޅުވިއެވެ.

މީގެ އިތުުން ފިޔަވަޅުތަކަށް ފުރިހަމައަށް ބޯލެނބުމަށްވެސް ނިއު ސައުތު ވޭލްސްގެ އިދާރާތަކުން އެ ތަނުގައި ދިރިއުޅޭ މީހުންނަށް ވަނީ އަންގާފައެވެ.

comment ކޮމެންޓް