ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރެރިސްޓް ހަމައާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގެ ފައިނަލް ރިޕޯޓު އެ ކޮމިޓީން ރޭ ފާސްކޮށްފިއެވެ.
މި ރިޕޯޓު ފާސްވީ ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ.
ކޮމިޓީގެ ނާއިބު މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި މި ރިޕޯޓުގައި ޖުމްލަ 45 ރިކޮމެންޑާޝަނެއް ހިމަނާފައި ވެއެވެ.
އޭގެ ތެރޭގައި ރައީސް ނަޝީދަށް ސެކިއުރިޓީ ދޭ ގޮތާއި އެމަނިކުފާނު ގޭގައި އުޅުއްވާ ގަޑި އާ އެއްގަމު ދަތުރުފަތުރު ކުރައްވާ ގަޑި އާ ކަނޑުދަތުރުފަތުރު ކުރައްވާއިރު އާ ވައިގެ މަގުން ކުރައްވާ ދަތުރު ތަކުގައި ސެކިއުރިޓީ ފޯރުކޮށްދޭން ހަމަޖެހިފައިވާ ގޮތްތަކާ އަދި އެ ހިދުމަތްތައް ފޯރުކޮށްދެވެމުންދާ ގޮތްތަކަށް ރިޕޯޓުގައި ބަލާލާފައިވެއެވެ.
ރައީސް ނަޝީދުގެ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ރިޕޯޓުގައި ހިމަނާފައިވާ ބައެއް ކަންކަން:
- ރައީސް ނަޝީދު ގެކޮޅުގައި ދިރިއުޅުއްވާ ވަގުތުތަކާއި ނޫޅުއްވާ ވަގުތުތަކުގައި އެކްސެސް ކޮންޓްރޯލްކޮށް ހަތިޔާރާއިއެކު 24 ގަޑިއިރު ފޯރިމެރުން.
- ރައީސް ނަޝީދުގެ ސެކިއުރިޓީއާ ގުޅޭގޮތުން ޑިފެންސް އިންޓެލިޖެންސް ސާވިސްއިން ކަނޑައަޅާ ގޮތެއްގެ މަތީން ނަޝީދަށް އޮތް ތުރެޓް ލެވެލްތަކާއި އެއްފެންވަރަށް ސެކިއުރިޓީ ހަމަޖެއްސުން.
- ރައީސް ނަޝީދަށް ބޭނުންކުރާ ކާރުކޮޅަކީ ސްޓޭންޑާޑް އާމްޑް ކާރުކޮޅެއްކަން ކަށަވަރު ކުރުމާ ކާރުކޮޅު ބޭނުން ކުރެއްވުމުގެ ކުރިން ކާރުކޮޅުގެ ހާލަތު ރަނގަޅަށް ބެލުން.
- ޑިފެންސް އިންޓެލިޖެންސް ސާވިސްގެ ތްރެޓް އެސެސްމެންޓް ތަކަށްފަހު ދޭ ރިކޮމެންޑޭޝަންތައް ތަންފީޒު ކުރުން.
- ރައީސް ނަޝީދުގެ ގެކޮޅު ހުންނަ ސަރަހައްދު ސީސީޓީވީން މޮނިޓަރ ކުރުން
މީގެ އިތުރުން ރައީސް ނަޝީދުގެ ކްލޯޒް ޕްރޮޓެކްޝަން ޓީމްގެ ހުރިހާ މެމްބަރުންނަށް ރިފްރެޝަރ ޓްރެއިން ކަނޑައެޅިފައިވާ ޝެޑިއުލަކަށް ދިނުމާއި އެމަނިކުފާނު ބޭނުން ކުރައްވާ ކާރުކޮޅަކީ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރެވިފައި ކާރުކޮޅެއް ކަށަވަރު ކުރުމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ރިޕޯޓުގައި އިތުރަށް ހުށަހަޅާފައިވަނީ ރައީސް ނަޝީދުގެ ސެކިއުރިޓީއާ ގުޅޭގޮތުން ޑިފެންސް އިންޓެލިޖެންސް ސާވިސް އިން ކަނޑައަޅާ ގޮތެއްގެ މަތީން ނަޝީދަށް އޮތް ތްރެޓް ލެވެލް ތަކާއި އެއްފެންވަރަށް ސެކިއުރިޓީ ހަމަޖެއްސުމަށެވެ.
ޑިފެންސް އިންޓެލިޖެންސް ސާވިސްގެ ތްރެޓް އެސެސްމެންޓް ތަކަށްފަހު ދޭ ރިކޮމެންޑޭޝަންތައް ތަންފީޒު ކުރުމާ ނަޝީދަށް ހިމާޔަތާ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފުލުހުންގެ އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި ފުލުހުންގެ އެހީތެރިކަން ހޯދުން ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
ރައީސް ނަޝީދުގެ ކްލޯޒް ޕްރޮޓެކްޝަން ޓީމުގައި ހިމެނޭ ފަރާތްތަކަކީ ޑިފެންސް އިންޓެލިޖެންސް ސާވިސް އަދި ފުލުހުން ވެޓް ކޮށްފައިވާ ބަޔަކަށްވުން ލާޒިމް ކުރުމަށާއި އެ ފަރާތްތަކަށް އަހަރަކު އެއްފަހަރު ވެޓް ކުރަމުން ގެންދިއުމަށް ބުނެފައިވެއެވެ.
ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަންކަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ޑިފެންސް ފޯސް އާ ފުލުހުންގެ ހިދުމަތް އަދި ޓެރެރިޒަމް މަނާ ކުރުމުގެ ގާނުގައި ބަޔާންކުރާ އިދާރާ ތަކުގެ ތެރޭގައި ހިއްސާ ކުރާނެ ހާމޮނައިޒް ޑާޓާ ސިސްޓަމެއް ވީ އެންމެ އަވަހަކަށް އެކުލަވައިލުމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުނަ ނުދިނުމަށްޓަކައި އެކުލަވާލާފައިވާ މުޅި ސަރުކާރު "ހޯލް ގަވަރންމެޓް އެޕްރޯޗް" އަދި "ހޯލް ސޮސައިޓީ އެޕްރޯޗް"ގެ ސިޔާސަތު ތަންފީޒު ކުރުން އަވަސް ކުރުން. އެގޮތުން ސިޔާސަތުގެ ދަށުން ޓެރެރިޒަމާ ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތުގައި އިސްލާމިކް އެފެއާޒާ އެޑިއުކޭޝަން މިނިސްޓްރީ އާ ޔޫތު މިނިސްޓްރީ އަދި ޖެންޑަރ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަންތައްތަކަށް ޚާއްސަ ސަމާލު ކަމެއް ދީގެން ކުރުމަށް ބުނެފައެވެ.
ކައުންޓަރ ޓެރެރިޒަމްގެ މަސައްކަތްތައް ހަރުދަނާކޮށް ފިޔަވަޅު އެޅުމަށް ބޭނުންވާ ޓެލެކޮމިއުނިކޭޝަން ޑޭޓާ ހޯދުމުގައި ގާނޫނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ހުރި ގޮންޖެހުންތައް މުރާޖާކޮށް އެމައްސަލަ ތަކަށް ހައްލު ހޯދުމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ރިޕޯޓުގައި ބުނެފައިވަނީ އިތުރަށް ބުނެފައިވަނީ މީޑިއާއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ޓެރަރިޒަމާއި ހަރުކަށި ފިކުރަށް ހިތްވަރު ލިބޭ ގޮތަށް މުއާމަލާތް ކުރާ ފަރާތްތައް ހޯދައި، ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމް ކުރުމަށެވެ.
ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ ރިޕޯޓް ފާސްކުރިއިރު ގައުމީ ސަލާމަތަށް ނުރައްކާ ޒާތުގެ މައުލޫމާތު އެ ރިޕޯޓުން އުނިކޮށްފައިވާނެ ކަމަށެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހުގެ ރައީސް އަށާއި އުއްތަމަ ފަނޑިޔާރަށް ފޮނުވާ ރިޕޯޓުގައި މި ރިޕޯޓުން އުނިކުރި މައުލޫމާތުތައް ހިމަނާނެ ކަމުގައި އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ކޮމެޓީގެ މަސައްކަތްތައް ފުރިހަމަ ކުރުމުގައި ހުރިހާ މެންބަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.