ހުޅުމާލޭގައި 114 ހައުސިން ޔުނިޓް އަޅަން ކުންފުންޏަކާ ހަވާލު ކޮށްފި

ހުޅުމާލޭގައި 114 ހައުސިން ޔުނިޓް އެޅުމަށް ކުންފުންޏަކާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭގައި 114 ހައުސިން ޔުނިޓް އެޅުމަށް ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މެދުފަންތީގެ ގެދޮރުވެރިންނަށް ހާއްސަކޮށްގެން ހިންގާ މިކްސްޑް ޔޫސް ރެސިޑެންޝަލް ޔުނިޓް އިމާރާތް ކުރުމަށް ހަވާލުކުރީ ސާސޭ ގްލަޓް ޖޭވީ ޕްރައިވެޓް ލިމިޓެޑާއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ސާސޭ ގްލަޓް ޖޭވީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސަވާދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

ވީހާވެސް އަގު ކުޑަކޮށް އާއްމުންނަށް ހުޅުވާލުމަށްޓަކައި ޕްރައިވެޓައިޒް ކޮށްފައިވާ މި ޕްރޮޖެކްޓް އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ S1-3 ގެ 11445 ގައި ކަމަށް އެޗްޑީސީއިން ބުނެއެވެ.

މި މަޝްރޫގެ ދަށުން އަޅާ 114 ޔުނިޓްގެ ތެރެއިން 60 ޕަސެންޓް ޔުނިޓް ވިއްކޭ އެންމެ ބޮޑު އަގަކީ، އަކަ ފޫޓަކަށް 2185 ރުފިޔާ އެވެ. އަދި ބާކީ 40 ޕަސެންޓް ޔުނިޓްތައް، މާކެޓު އަގުތަކުގައި ވިއްކުމަށް ޑިވަލޮޕަރުންނަށް ފުރުސަތު ދީފައި ވެއެވެ.

comment ކޮމެންޓް