ބީއެމްއެލް ކޮމިޔުނިޓީ ފަންޑުން ގދ. ވާދޫގައި ސްކޭޓް ޕާކެއް

އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑުގެ ދަށުން، ގދ. ވާދޫގައި ސްކޭޓް ޕާކެއް ގާއިމްކޮށްފި އެވެ.

ސްކޭޓްކުރާނެ ބަޔަކާ ކުޑަކުދިންނަށް ބައިވެރިވެވޭނެ ގޮތަށް އިޖްތިމާއީ ހަރާކާތްތަކާއި އިވެންޓްތައް ބޭއްވުމަށް ހާއްސަ ސަރަހައްދެއްވެސް ހިމެނޭ މި ޕާކު ހުޅުވާފައި ވަނީ މިއަދު އެވެ.

ސްކޭޓް ޕާކް ޕްރޮޕޯސަލް ކާމިޔާބުކޮށް، މި ޕްރޮޖެކްޓް ހިންގާފައި ވަނީ ހުވަދޫ އެސޯސިއޭޝަން ފޯ ޓުއަރިޒަމް (ހެޓް) އިންނެވެ.

މިއީ ރަށުގެ ކުޑަކުދިންނާއި ޒުވާނުންނަށް ހުސްވަގުތުގައާއި ހުނަރެއް ދަސްކޮށްދިނުމާއި އެކުވެރި މާހައުލެއް ގާއިމްކޮށް ހެލިފެލިވެ އުޅުން އިތުރު ކުރުމަށް ބާރުއެޅުމުގެ މަގްސަދުގައި ހިންގި ޕްރޮޖެކްޓެކެވެ.

ވާދޫގައި ރާޅާއެޅުމަކީ މަޝްހޫރު ކަމަކަށްވާއިރު އެ ރަށުގެ ކުދި ބޮޑު އެންމެންނަށްވެސް މި ޕާކު ބޭނުންކޮށްގެން ރާޅާއެޅުމުގެ ހުނަރު ދަސްކުރެވޭނެެއެވެ. އެއީ ސްކޭޓްކުރުމާއި ރާޅާއެޅުމުގައި އެއް ހުނަރު ތަކާއި ވިސްނުން ބަހައްޓަންޖެހޭ ކަންކަން އެއްގޮތްވުމުންނެވެ.

މިއާ އެކު ހުވަދު އޮތޮޅުގައި ފަތުރުވެރިކަން ތަރައްގީވަމުން އަންނަ ހިނދު ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައްވެސް ހުޅުވިގެންދާނެެއެވެ.

ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ހެޓް ގެ ރައީސް އަޙްމަދު ޠާރިޕް މުޙައްމަދު ވިދާޅުވީ މި ސްކޭޓް ޕާކުގެ ސަބަބުން ކުދިންނަށް އިތުރު ހުނަރެއް ދަސްވުން އެއީ އެންމެ މުހިންމު އެއް މަގުސަދު ކަމަށެވެ.

"މި ޕާކާއެކު މުނިފޫހިފިލުވުމާއި ކުޅިވަރުގެ ތެރެއިން ޒުވާނުންގެ މެދުގައި ގުޅުން ބަދަހިވެ އެކަތިގަނޑަކަށް ވުމުގެ ފުރުސަތު ހުޅުވިގެންދާނެ. މި ފުރުސަތުގައި މި މުޖުތަމައަށް ނުހަނު ބޭނުންތެރި މިފަދަ ޕްރޮޖެކްޓަކަށް އެހީތެރިވެދެއްވި ކަމަށްޓަކައި ބީއެމްއެލް އަށް ހާއްސަ ޝުކުރެއް ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

ހެޓްގެ އަމާޒަކީ ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ފަރާތްތަކާއި ގުޅިގެން ސްކޭޓްކުރުމުގެ ތަމްރީންތައް ދިނުމުގެ އިތުރުން ރައްކާތެރި މާހައުލެއްގައި ތަފާތު ހުނަރު ތަރައްގީ ކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

comment ކޮމެންޓް