ކޮންމެ ރިސޯޓަކުން ވެސް ދެން ދާއިމީކޮށް ކޮވިޑަށް ޓެސްޓް ކުރަންޖެހޭނެ

ފެބްރުއަރީ 3، 2021: މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިސޯޓްތަކުގައި ދާއިމީ ގޮތެއްގައި ކޮވިޑަށް ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖައްސަން ސަރުކާރުން އަންގާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކަނޑައެޅިފައިވާ އުސޫލަކާއެއްގޮތަށް، ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ރިސޯޓްތަކުގައި ހަމަޖެހިފައި ހުރުމަކީ މުހިންމުކަމެއް ކަމަށެވެ.

"ރިސޯޓްތަކުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެ ރިސޯޓުތަކެއްގައި ދާއިމީކޮށް ޓެސްޓުކުރެވޭނެ އިންތިޒާމެއް އެބޭފުޅުން އަމިއްލައަށް ރާއްވަވާ އިންތިޒާމްކޮށްގެންވިޔަސް ނުވަތަ ތާޑްޕާޓީ އަކާ ގުޅިވަޑައިގެން ރާއްވަވާ އިންތިޒާމެއްކަމުގައި ކަމަށްވިޔަސް އެ ރަށްރަށަކީ ގަވާއިދުން ޓެސްޓުކުރެވޭ ރަށްތައް ގޮތުގައި އިންތިޒާމްތައް ރާވަން އެންގިގެންދާނެ،" މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިސޯޓްތަކުގައި ވަކި އިންތިޒާމެއްގެ ދަށުން ކޮވިޑަށް ޓެސްޓް ކުރުން މަޖުބޫރު ކުރަނީ ޚާއްސަ އުސޫލުތަކެއްގެ ދަށުން ރިސޯޓް މުވައްޒަފުންނަށް ރަށްރަށަށް ދަތުރުކުރެވޭނެ ގޮތް ހަމަޖައްސާފައިވާތީ ކަމަށެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ ރިސޯޓު މުވައްޒަފުން ކޮވިޑަށް ނެގެޓިވް ވެއްޖެ ނަަމަ، ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭގޮތަށް ލުއި ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މިމަހުގެ 15އިން ފެށިގެން ސައުތުއޭޝިއާގެ ފަތުރުވެރިންނަށް ރިސޯޓްތަކަށް ދެވޭނެހެން ލުއި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް