ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް ޕާކިސްތާނުން 5.9 މިލިއަން ރުފިޔާގެ އެހީ

ރާއްޖެއިން ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތަށް ޕާކިސްތާނުން 5.9 މިލިއަން ރުފިޔާގެ އެހީ ހަދިޔާކުރުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ކޮވިޑް19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ޕާކިސްތާނު ސަރުކާރުން 5.9 މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.

މި ފައިސާ އަކީ ސާކް ކޮވިޑް19 އިމަޖެންސީ ފަންޑުގެ ދަށުން ޕާކިސްތާނުން ރާއްޖެއަށް ދިން ފައިސާގެ އެހީއެކެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަބްދުﷲ ޝާހިދަށް ފައިސާގެ އެހީގެ ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ވައިސް އެޑްމިރަލް އަތަރު މުޚްތާރެވެ.

މި ރަސްމިއްޔާތުގައި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު ޒުލްގަރުނައިން އަހުމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލާއި ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދާޢި މިނިސްޓްރީގެ ސެކްރެޓަރީ މަލްޓިލެޓަރަލް ޑރ. ހާލާ ހަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޕާކިސްތާނުން ރާއްޖެއާ ދެމެދު ބަަހައްޓާ ޚާއްސަ އަދި ގާތްގުޅުން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއަށާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރުދަންނަވާފައެވެ.

ޕާކިސްތާނުގެ ސަފީރު އަތުހަރު މުޚްތާރު ވަނީ ޔޫއެންގެ 76 ވަނަ ޖެނެރަލް އެސެމްބްލީގެ ރައީސްކަމުގެ މަގާމަށް އިންތިޚާބުވުމުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއަށް މަރުހަބާ ދަންނަވާފައެވެ.

އަދި ޝާހިދު ގާބިލުކަމާމެދު ފުރިހަމަ ޔަގީންކަން އެބަ އޮތްކަމަށްވެސް ހައިކޮމިޝަނަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ހަމައެއާއެކު ކޮވިޑް19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައްވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ބަލިން އަރައިގަނެވޭނީ ގުޅިގެން މަސައްކަތްކޮށްގެން ކަމަށްވެސް ހައިކޮމިޝަނަރު ވަނީ ފާހަގަކުރައްވާފައެވެ.

ސާކް ކޮވިޑް19 އިމަޖެންސީ ފަންޑަކީ މިދިޔަ އަހަރުގެ މާޗު މަހު ސާކް ގައުމުތަކުގެ އިސްވެރިން ބޭއްވި ސާކް ހެޑް އޮފް ސްޓޭޓްސް އެންޑް ގަވާމެންޓްސްގެ ވާޗުއަލް ސަމިޓްގައި އުފައްދާފައިވާ ފަންޑެކެވެ.

މި ފަންޑުގެ ބޭނުމަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް19ގެ ބަލިމަޑުކަމުން ސައުތުއޭޝިއާ ގައުމުތަކަށް ދިމާވާ ދަތިތަކާ ހީނަރުކަމުން އަރައިގަތުމަށް ސަރަހައްދުގެ ގައުމުތަކަށް އެހީތެރިވުމެވެ.

comment ކޮމެންޓް