އިންޑިއާ ގުރުއާން ޓީޗަރުންނާއިމެދު ބެލެނިވެރިން ހިތްހަމަ ޖެހޭ: އެޑިއުކޭޝަން

ރާއްޖޭގެ ސްކޫލްތަކުގައި އަރަބި, ގުރުއާން މާއްދާ ކިޔަވައިދޭން އިންޑިއާއިން ގެނެސްފައި ތިބި ޓީޗަރުންނާއިމެދު ބެލެނިވެރިން ހިތްހަމަ ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެ ޓީވީގައި ރޭ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ އެއްފަހަރަށްވުރެ ގިނަ ފަހަރު އިއުލާން ކޮށްގެންވެސް ގުރުއާން ޓީޗަރުން ހަމަނުވި ބައެއް ސްކޫލް ތަކަށް ގުރުއާން ޓީޗަރުން މިހާރު ހަމަޖައްސާފައި ވާނެ ކަމަށެވެ.

އެގޮތުން އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި އިންޑިއާގެ ގުރުއާން ފަސް ޓީޗަރުން އަދި އަރަބި ފަސް ޓީޗަރުން މިހާރު ކިޔަވައިދެމުން އަންނަ ކަމަށެވެ.

"ސްކޫލްތަކުން ވަރަށް ބޮޑަށް ފާހަގަކޮށްފަ އެބަވޭ މި ގެނެވުނު ޓީޗަރުން ރަނގަޅުކަމާ އަދި އެބޭފުޅުން އެއީ ޒަމާންތަކެއް ވަންދެން ގުރުއާން މާއްދާ ކިޔަވައިދޭނެ ޓީޗަރަކު ނުލިބިހުރެ އެފަދަ ފުރުސަތެއް ލިބުނީމަ ހަމަ ބެލެނިވެރިންވެސް ވަރަށް ބޮޑަށް ސްކޫލް ތަކުގަ ހިތްހަމަޖެހިފަ ތިބިކަން އެ ސްކޫލް ތަކުންވެސް ފާހަގަކުރޭ،" ޕާމަނަންޓް ސެކްރެޓަރީ ވިދާޅުވިއެވެ.

އަހްމަދު އަލީ ވިދާޅުވީ އަތޮޅު ތެރޭގެ ރަށްރަށުގައި މިވަގުތު ކިޔަވައިދެމުން އަންނަ ޓީޗަރުންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޓީޗަރުން ކިޔަވައިދެމުން އަންނަނީ ކޮންމެ ސްކޫލެއްގައި ހުންނަ އިސްލާމް މުދައްރިސާގެ އެހީތެރިކަމާއިއެކު އޭނާގެ އިރުޝާދުގެ ދަށުން ކަމަށެވެ.

"ކޮންމެ ސްކޫލެއްގަ އެ ހުންނަވާ އިސްލާމް މުދައްރިސާ އާ އެއްކޮށް އަސްލު މި މާއްދާ ކިޔަވައިދިނުމުގެ މަސައްކަތްތައް އެ ސްކޫލް ތަކުގަ އިންތިޒާމް ކުރެވިފަ ވަނީ. އޭގެ ތެރެއިން ގްރުއާނުގަ މި ހިމެނޭ ތަޖުވީދުގެ އިލްމާ އެބައިތައް ކިޔަވައިދެނީ އިސްލާމް ޓީޗަރުންގެ އެހީތެރިކަމާއިއެކު،" އަހްމަދު ވިދާޅުވިއެވެ.

އަހްމަދު އަލީ ވިދާޅުވީ ދިވެހި ޓީޗަރުން ހޯދުމަށްކުރާ މަސައްކަތުގެ ތެރެއިން އަތޮޅުތެރޭ ބައެއް ރައްރަށަށް ޓީޗަރުން ހޯދަން ދެ ފަހަރަށް އިއުލާން ކޮށްގެންވެސް މީހަކު ނުވާ ހާލަތްތައް އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ މިނިސްޓްރީގެ އަމާޒަކީ ސްކޫލްތަކުގައި ޕްރައިމަރީން ފެށިގެން ހައި ސެކަންޑަރީ އާ ހަމައަށްވެސް ވަކިވަކި މާއްދާތައް ކިޔަވައިދޭ ގްރޭޑް ތަކާ ކްލާސް ތަކުގަވެސް އެ މާއްދާތައް ކިޔަވައިދޭން ބިދޭސީންގެ ބަދަލުގަ ދިވެހި ޓީޗަރުން ލިބޭތޯ މަސައްކަތް ކުރުން ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ނިންމާފަ މި އޮތީ މި ހިނގާ ދިރާސީ އަހަރު ފެށޭއިރު އަޅުގަނޑުމެން މިހާރު މި ކުރިއަށް ގެންދާ ބިދޭސީ ޓީޗަރުން ރެކްރޫޓް ކުރުމުގެ މަރުހަލާގެ ތެރޭގަ އެއްވެސް ގުރުއާން ޓީޗަރަކު އަލަށް ރެކްރޫޓު ނުކުރާ ގޮތަށް،" އަހްމަދު ވިދާޅުވިއެވެ.

ރާއްޖޭގެ ސުކޫލު ތަކުގައި ކިޔަވައިދޭން އިންޑިއާއިން އަރަބި ޓީޗަރުންނާއި ގުރުއާން ޓީޗަރުން ގެންނަން ޖެހުނީ ދިވެހި މުދައްރިސުން ނުލިބުމުން ކަަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައިއެވެ.

އިންޑިއާއިން ގުރުއާން ޓީޗަރުން ގެނަމުގެ މަސައްކަތް ކުރަން ފެށުމުން ގިނަ ބައެއްގެ ފާޑުކިއުން އެޑިއުކޭޝަން މިނިސްޓްރީއަށް އަމާޒުވިއެވެ.

comment ކޮމެންޓް