ފަލަސްތީނާމެދު މަޖިލީހުން ދެކޭގޮތް ބައިނަލްއަގުވާމީ މުޖްތަމައަށް ހާމަކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ފަލަސްތީނު މައްސަލައިގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ބައިނަލްއަގުވާމީ މުޖްތަމައަށް ހާމަކުރުމަށް ފާސްކޮށްފިއެެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނެވެ.

އެ ގަރާރުގައި ވަނީ، އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލައިފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އިންސާނިއްޔަތާ ހިލާފު އަނިޔާތައް ކުށްވެރިކޮށް، އެ އަނިޔާތައް ހުއްޓާލުމަށްވަނީ ގޮވާލައިފައެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުން އެ މައްސަލައާ މެދު ދެކޭގޮތް ބައިނަލްއަގްވާމީ މުޖްތަމައަށް ހާމަކުރުމަށް ވަނީ ނިންމަވާފައެވެ.

ގަރާރު މަޖިލީހުން ފާސްކޮސްފައިވަނީ ވޯޓުގައި ބައިވެރިވި 44 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ގަރާރު ފާސްކުރަން ބޭނުން ނުވާކަމަށް އެއްވެސް މެންބަރަކު ވޯޓު ދީފައި ނުވާއިރު، ފާސްވުމަށް ބޭނުންވާ އަދަދަކީ 23 ވޯޓެވެ.

ފަލަސްތީނު މައްސަލައިގައި މަޖިލީހުން ދެކޭގޮތް ބައިނަލްއަގުވާމީ މުޖްތަމައަށް ހާމަކުރައްވަން ނިންމަވާފައިވާއިރު، މީގެ ކުރިންވެސް އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދިޔަ އުދުވާނީ ހަމަލާތައް ރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ.

comment ކޮމެންޓް