ބުރިޖުގެ މަސައްކަތް ފެށުމަށް އިންޑަސްޓްރިއަލް ވިލެޖުގެ ބައެއް ހުސްކުރަން އަންގައިފި

މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ --- ފޮޓޯ/ އެމްޓީސީސީ

މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވާލުމުގެ ގޮތުން ގާއިމު ކުރުމަށް ހަމަޖެހިފައިވާ ބުރިޖުގެ މަސައްކަތް ފެށުމުގެ ގޮތުން އިންޑަސްޓްރިއަލް ވިލެޖުގެ ބައެއް ބިންތައް ހުސްކުރަން ހައުސިން މިނިސްޓްރީން އަންގައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމުގެ ގޮތުން ގާއިމު ކުރުމަށް ހަމަޖެހިފައިވާ ބުރިޖު ގުޅާލެވެނީ މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދަށް ކަމަށެވެ. އެހެންކަމުން ބުރިޖުގެ އަމަލީ މަސައްކަތް ކުރިއަށް ދާއިރު މާލޭގެ ވޯކްސައިޓެއްގެ ގޮތުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީވެސް މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދު ކަމަށް އެ އިއުލާނުގައިވެ އެވެ.

އެ މިނިސްޓްރީން ބުނީ އިންޑަސްޓްރިއަލް ވިލެޖްގެ ބޮޑުބައެއް އެ މަސައްކަތަށް ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިއުލާނުގައި ބުނެފައިވަނީ ވަގުތީ ގޮތުން އެކި ކަންކަމަށް ދޫކޮށްފައިވާ ބިންތައް ހުސްކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ ސަރަހައްދުގައި ހިމެނޭ ވަކި ފަރާތަކާއި ހަވާލުކޮށްފައި ނުވާ ބިންތަކަކީ ބުރިޖުގެ މަސައްކަތަށް ކަނޑައަޅާފައިވާ ބިންތަކެއްކަމަށެވެ.

"މި ސަރަހައްދުގައި ހިމެނޭ ވަކިފަރާތަކާއި ހަވާލުކޮށްފައިނުވާ ބިންތަކަކީ ބުރިޖުގެ މަސައްކަތަށް އެކަށައަޅާފައިވާ ބިންތަކެއްކަމާއި މި މިނިސްޓްރީން ބެލި ބެލުމުން މި ބިންތަކުގައާއި މިސަރަހައްދުގެ މަގުތަކުގައި ބައެއް ފަރާތްތަކުން ވެހިކަލް ޕާކުކޮށްފައި ހުންނަކަން ފާހާގަކުރެވިފައިވާތީ މިވެހިކަލްތައް ނަގައި އެތަންތަން ހުސްކުރަން ބޭނުންވެއެވެ،" އެ އިއުލާނުގައިވެ އެވެ.

އެ ސަރަހައްދުގައި ބަހައްޓާފައިވާ ވެހިކަލްތައް މި މަސް ނިމުމުގެ ކުރިން ނެގުމަށް ހައުސިން މިނިސްޓްރީން ވަނީ އަންގާފަ އެވެ.

"މި މުއްދަތުގެ ފަހުން މިނިސްޓްރީގެ ފަރާތުން ވެހިކަލްތައް ނަގައި ބިން ހުސްކުރާނެކަމާއި މިކަމުގައި އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް މިނިސްޓްރީން ޒިންމާ ނުނަގާނެކަމުގައި ދަންނަވަމެވެ،" އެ އިއުލާނުގައިވެ އެވެ.

comment ކޮމެންޓް