ނަޝީދުގެ ވެރިކަމެއް ދެން ރާއްޖެއަކުން ދުވަހަކުވެސް ނުފެންނާނެ: ޖަމީލު

ރައީސް ނަޝީދު(ކ) އާއި ޖަމީލް: ނަޝީދުގެ ވެރިކަމެއް ދެން ރާއްޖެއަކުން ދުވަހަކުވެސް ނުފެންނާނެ ކަމަށް ޖަމީލް ވިދާޅުވި ---

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެއް ދެން ދުވަހަކުވެސް ރާއްޖެއިން ނުފެންނާނެ ކަމަށް ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރޭ ރައްޔިތުންގެ މަޖިލީހުން ބޭއްވި "އާސްކް ސްޕީކާ" ގެ ތިންވަނަ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ 2023 ވަަނަ އަހަރު އެމްޑީޕީގެ ފަރާތުން ރިޔާސީ ޓިކެޓުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ.

މިކަމާ ގުޅިގެން ޑރ. ޖަމީލް މިއަދު "ސަން" އަށް ވިދާޅުވީ ރައީސް ނަޝީދަށް ތާއީދުކުރާ ބަޔަކު އަދިވެސް ރާއްޖޭގައި ތިބި ނަމަވެސް 2008 ވަނަ އަހަރު އެމަނިކުފާނަށް ރާއްޖޭގައި އޮތް ތާއީދު މިހާރު އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަަމަށެވެ.

"އަނެއްކާ ލިބުނު ފުރުސަތު ހަގީގަތުގަ ބޭނުންފުޅެއް ނުކުރެއްވި، އިސްތިއުފާ ދެއްވާފަ ދުރަށް ވަޑައިގަތީ. އެހެންވީމަ ސާފުކޮށް އެނގޭ ކަމަކީ ރައްޔިތުން ގަބޫލެއް ނުކުރޭ ރައީސް ނަޝީދަކީ އެ ކެޕޭސިޓީ ވެސް އަދި ގާބިލުކަންވެސް ލިބިފައި ހުރި ބޭފުޅެއް ކަމަކަށް،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ރައީސް ނަޝީދު ވެރިކަމުގައި ހުންނަވައިގެން އޭރު ކުރެއްވި ވަރަށް ގިނަ ކަންތައްތަކަކީ އޭގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބުނު ކަންތައްތައް ކަަމަށެވެ.

"ޖީއެމްއާރު ބޭރު ބަޔަކަށް ވިއްކާލުން ފަދަ ކަންކަން ކުރުމުން ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް މިލިއަނެއް ދައްކަން ޖެހުނު، އެހެންވީމާ ރައީސް ނަޝީދުގެ ވެރިކަމަކީ ގެއްލުން ދިން ވެރިކަމެއ ކަމަށް ގަބޫލުކުރާ ވަަރަށް ގިނަ ރައްޔިތުން އެބަ ތިބި," ޖަމީލް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ދީނީ ނަޒަރިއްޔާތަކީވެސް ވަރަށް ގިނަ ބަޔަކު ކަންބޮޑުވާ ނަޒަރިއްޔާތެއް ކަން ފާހަގަކުރައްވައި ޖަމީލް އިތުރަށް ވިދާޅުވީ ރައީސް ނަޝީދަކީ ވެރިކަމަށް އެކަށީގެންވާ ބޭފުޅެއް ނޫން ކަަމަށެވެ.

"ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް މިއަދު ގަބޫލެއް ނުކުރައްވާ ރައީސް ނަޝީދަކަށް އެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަކަށްވެސް އަދި ދޭންޖެހޭނެ ކަމަކަށް ވެސް. އަދި އެކަމަށް ދެކޮޅު ހަދާ ވަރަށް ގިނަ ރައްޔިތުން އެބަތިބި. އެހެންވީމަ ގަބޫލެއް ނުކުރެވޭ ނަޝީދުގެ ވެރިކަމެއް ދެން ރާއްޖެއިން ފެނިދާނެ ކަމަކަށް," ޖަމީލް ވިދާޅުވިއެވެ.

އެމްޑީޕީގެ ޓިކެޓުގައި 2023 ވަނަ އަހަރު ވެރިކަމަށް ވާދަކުރައްވާނެ ކަން ރޭ ރައީސް ނަޝީދު ހާމަކުރައްވާފައި ވާއިރު އެމަނިކުފާނު ވަނީ ރާއްޖޭގެ ބޮޑުވަޒީރުގެ މަގާމަށް އަންނަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.

އެކަން ކުރުމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަންޖެހޭ ކަމަށާއި ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އަންނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްވެސް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

comment ކޮމެންޓް