ކޫއްޑޫގެ ކޭސްތައް ގިނަވެ، މަސްވެރިންނަށް އައިސް ދޫކުރުން މެދުކަނޑާލައިފި

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް-- ފޮޓޯ/ މިފްކޯ

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑް19އަށް ޕޮޒިޓިވްވުމާއެކު މަސްވެރިންނަށް އައިސް ދޫކުރުމުގެ ހިދުމަތް މެދުކަނޑާލައިފި އެވެ.

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ބުނީ ޖެޓީއާއި ކޯލްޑް ސްޓޯރޭޖް އަދި ކަލެކްޓާ ބޯޓުތަކުގެ މުވައްޒަފުން ކޮވިޑް19އަށް ޕޮޒިޓިވްވެ، ގިނަ އަދަދެއްގެ މުވައްޒަފުން އެކަހެރިކޮށްފައިވާތީ މަސް ގަނެ، އައިސް ދޫކުރުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން ކޫއްޑޫއިން މަސްވެރިންނަށް އައިސް ދޫކުރުން ހުއްޓާލާފައިވާ ކަމަށް އެ ކޮމްޕްލެކްސްއިން ބުނެ އެވެ.

"މަސްކިރުމުގެ މަސައްކަތް ކުރިއަށްދާނީ ކޫއްޑޫ ބޭރު ބަނދަރުން މަހާ ކަލަމިންޖާ އަދި ހުވަދު އަތޮޅުގައި ހަރަކާތްތެރިވާ ކަލެކްޓާ ބޯޓު ފަހަރަށް އެކަނި," އެކުންފުނިން ބުންޏެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ކޫއްޑޫގައި މިވަގުތު 76 މީހުން ތިބީ ކަރަންޓީން ކޮށްފަ އެވެ.

ކޫއްޑުއިން މިހާތަނަށް ޖުމުލަ 90 މީހުން ވަނީ ކޮވިޑް19އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި 73 ބިދޭސީންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ ޖުމުލަ 25 މީހުންނެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދަކީ 65 އެވެ.

ކޫއްޑޫގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ނިސްބަތުން 81 ޕަސެންޓު މީހުން ވަނީ ކޮވިޑް19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފަ އެވެ. އަދި ދެ ޑޯޒު ފުރިހަމަކޮށްފައިވަނީ 14 ޕަސެންޓު މީހުންނެވެ.

comment ކޮމެންޓް