މާރިޔާއާ ދޭތެރޭ އެމްޑީޕީގެ އިތުބާރެއް ނެތް: ސައީދު

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ މެދު އޭނާ ނިސްބަތްވާ އެމްޑީޕީގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރައްވަމުން ސައީދު ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއަކީ ދިވެހި ކޮންމެ ރައްޔިތަކަށް އަމާޒުވެގެންދިޔަ ހަމަލާއެއް ކަމަށެވެ.

އެފަދަ ނުރައްކާތެރި ހަމަލާއެއް ދެވުނު އިރު ރާއްޖޭގެ އިންޓެލިޖެންސްގެ ދެ މުއްސަސާ (ސިފައިންނާއި ފުލުހުން)ނާ ހަވާލުވެގެން ތިއްބެވި ދެ މިނިސްޓަރުންގެ ތެރޭގައި ހިމެނޭ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ ބަގާވާތް ކުރެއްވި ބޭފުޅެއް ކަަމަށް އެމްޑީޕީގެ ފޮތްތަކުގައި ކަޅާ ހުދުން ފަވާ ނެގިފައިވާ ނަމެއް ކަމަށެެވެ. އަދި ރައީސް ނަޝީދަށް ދިނީ ވަރަށް އާދައިގެ ހަމަލާއެއްކަމަށް ދޭހަވާގޮތައް މިނިސްޓަރު އިމްރާން ވާހަކަފުޅު ދައްކަވާފައި ވާކަން ސައީދު ފާހަގަކުރެއްވިއެވެ.

"ދެން މި ހުންނެވީ މާރިޔާ. މާރިޔާ ޑިފެންސް މިނިސްޓަރަކަށް ހުންނަވާއިރުގައި ސީދާ މި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރަކު އެބަ ވިދާޅުވޭ މިކަން [އޭނާއަށް] ރިޕޯޓުކުރީމޭ. ދެން އެމްޑީޕީ ތެރޭން މިއަދު އޮއެވަރު އޮތް ގޮތުން އަޅުގަނޑުމެންނަށް އެނގޭ އެބަ އެކަމަނާއާ ދޭތެރޭގައި އެމްޑީޕީގެ އިތުބާރެއްވެސް ނެތް. ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ ވެރިކަންކުރާ ނިޒާމުގެ ތެރޭގައި ރައްޔިތުން ހަވާލުކުރި އަމާނާތާއި ޒިންމާއާ ދޭތެރޭ އެއްޗެއް ބުނެވޭ ވަރުގެ އޮތޯރިޓީއެއް އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށެެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިން އޭރު ވިދާޅުވީ އެފަދަ ހަަމަލާއެއްގެ އެއްވެސް އިންޓެލް އެއް ލިބިފައި ނުވާ ކަމަށެވެ.

އެގޮތުން މިނިސްޓަރު މާރިޔާ ބައިވެރިވި ޕްރެސްއެއްގައިވެސް ހަމަލާގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި މައުލޫމާތު ލިބުނު ނަމަ އެކަން ވިޔަ ނުދޭނެ ކަަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެ ހަމަލާގެ މައުލޫމާތު އެމްޑީޕީގެ މެމްބަރަކު ކުރިންބައިން މިނިސްޓަރު މާރިޔާއާ ހިއްސާކުރެއްވިކަން ހާމަވީ އޭގެ ފަހުންނެވެ.

https://sun.mv/152251

comment ކޮމެންޓް