ހަމަލާއަށް ފަންޑުކުރި މީހުން ހޯދުމުގެ ތަހުގީގު ދާ ގޮތް ނަޝީދަށް ކަމަކު ނުދޭ

މެއި ހައެއްގެ ހަމަލާގެ ތަހުގީގު ނިމޭ އިރު ހައްޔަރުކުރެވެން ޖެހޭނީ ހަމައެކަނި ބޮން ގޮއްވާލި މީހުން ނޫން ކަމަށާއި ހަމަލާ ރޭވި މީހުންނާއި ފަންޑުކުރި މީހުންވެސް ހޯދެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އިންކުއަރީއެއް ވަނީ ހިންގާފައެވެ. އަދި ހަމަލާއާ ގުޅިގެން ފުލުހުން މިހާތަނަށް ވަނީ ފަސް މީހެއް ހައްޔަރުކޮށް ވަނަވަރު ހާމަކޮށްފައިވާއިރު އެ މައްސަލައިގައި އަށް މީހަކަށް ތަހުގީގު ހިންގައި، ހަތަރު މީހަކަށް ދައުވާ ކުރަން ފޮނުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ސޯލިހު ވަނީ މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވެފައެވެ. ނަމަވެސް މިހާތަނަށް ހަމަލާއަށް ފަންޑުކުރި އެއްވެސް ފަރާތެއް ހޯދިފައެއް ނުވެއެވެ.

ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ "އާސްކް ސްޕީކަރ" ޕްރޮގްރާމް ގެ ތިންވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބޮން ގޮއްވާލުމުން އަމަލުކުރަންވީ އެންމެ މުހިންމު ކަމަކީ އެކަން ރާވާ ހިންގި މީހުންނާއި ހަރަދުކުރި މީހުން ހޯދައި ހިފާ ހައްޔަރުކުރެވޭނެ ގޮތެއް ހޯދުން ކަމަށެވެ.

"އަޅުގަނޑު ކޮމިޝަނާ އޮފް ޕޮލިސްގެ އަރިހުގައިވެސް ދަންނަވާފަ ވާނެ އަޅުގަނޑު ދެކޭ ގޮތުގައި މިއަށްވުރެ މާ ބޮޑަށް ބައިވެރިވާން ، ޓެކްނިކަލް އެހީތެރިކަން އެބަ މި ތަހުގީގަށް ބޭނުންވެޔޭ. ދެން އަޅުގަނޑު ކޮމިޝަނާ އަރިހުގައި ދަންނަވާފަ ވާނެ އެކަން ކުރިއަށް ގެންގޮސް ދެއްވުމަށް ސަރުކާރުގައި ދަންނަވައިގެން މަސައްކަތް ކޮށްދެއްވުމަށް. ދެން އެއަށްފަހަކުން ކޮމިޝަނާ އެކަމަށް އެއްޗެއް ދަންނަވާފައެއް ނެތް. އަޅުގަނޑު ދެކެނީ ރޭވި މީހުން އަދި މިއަށް ހަރަދުކުރި މީހުން ނުހޯދި ވާކަމަށް ވާނީވިއްޔާ އަޅުގަނޑު ދަންނަވާނީ އެއޮތީ އެކަން ނުވެޔޭ," ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ތަހުގީގު ނިމޭ އިރު ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވީ ހަތަރު މީހުން އެކަނި ކަމުގައި ނުވާނެ ކަމަށާއި، އެކަން ރޭވި މީހުންނާއި ފަންޑު ކުރި މީހުން ހޯދެން ޖެހޭނެ ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި މިކަން ރޭވި މީހުންނާއި ހަރަދު ކުރި މީހުން ނޭނގޭ ނަމަ ހަމަ މާދަމާވެސް މީގެ އަނެއް ބޮން ގޮއްވާލެވޭނެ. އަދި އެމީހުންގެ ބޭނުމަކީ އަޅުގަނޑު މަރާލުންކަން އެއީ މިހާރު ޝައްކެއް ހިނގާ ކަމެއް ނޫން. އެހެންވީމާ އެކަން ނުކޮށް އޮއްވައި އަޅުގަނޑަށް ފްރީކޮށް މާލެ ތެރޭގައި އުޅެން ވަަރަށް އުނދަގޫ ވާނެ." ނަޝީދު ވިދާޅުވިއެވެ

ހަމަލާގެ ތަހުގީގު ރަނގަޅަށް ނުކުރެވިއްޖެނަމަ ވަރަށް ގިނަ ބައެއްގެ އިތުބާރު ދިވެހި ސަރުކާރުގެ މައްޗަށް ގެއްލިގެން ދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މިހާރު ރާއްޖޭގެ ގާނޫނު އޮތް ގޮތުން ތަހުގީގީ އިދާރާތަކުން ހިންގާ ތަހުގީގު ވާންޖެހޭނީ ވަރަށް ފުރިހަމަ ތަހުގީގަކަށް. އެ ތަހުގީގަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވައިގެން ނުވާނެ. އެއީ ހޯމް މިނިސްޓަރު ވިޔަސް އަދި ރައީސުލްޖުމްހޫރިއްޔާ ވިޔަސް އަދި އެހެން މީހަކު ވިޔަސް. ތަހުގީގު ރަނގަޅަށް ހިނގަން ޖެހޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ އަކީ ސަރުކާރުގެ ތެރެއިން ދެވުނު ހަމަލާއެއް ކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން ތުހުމަތު ކުރި ނަމަވެސް ހަމަލާގައި ސަރުކާރުގެ ބައިވެރިވުން އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މޭ މަހުގެ ހަވަނަ ދުވަހު ޓެރަރިސްޓު ހަމަލާއެއް ދީފައިވަނީ އެމަނިކުފާނު ދިރިއުޅޭ ގ. ކެނެރީގޭ ކައިރީގައި ހުރި ސައިކަލެއްގައި އީއައިޑީއެއް ގޮއްވާލައިގެންނެވެ.

ހަމަލާގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން މައުލޫމާތު ހާމަކޮށްފައިވާ މީހުންނަކީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ/ފޮޅޭމާ ތަހުމީން އަހުމަދު 32 އާއި ވ. ތިނަދޫ/ހިޔާ, އަދުހަމް އަހުމަދު ރަޝީދު، 26 އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23އ ގެ އިތުރުން ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27އ) އެވެ.

comment ކޮމެންޓް