ފައިސާ ދެއްކީ މަސާޖަކަށް، އެއީ ކުޑަކުއްޖެއް ކަމެއް ނޭނގެ: އަޝްމަލީގެ ވަކީލު

އިއްޔެ އަޝްމަލީ ވަނީ ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފަ -- ފޮޓޯ: އޭއެފްޕީ

ސްރީލަންކާގެ މައުންޓް ލެވިނިއާގައި ކުޑަކުއްޖަކު ލައްވާ ހަށިވިއްކުވި މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީގެ ދިފާއުގައި އޭނާގެ ވަކީލު ވާހަކަ ދައްކަވައިފި އެވެ.

މައުންޓް ލެވިނިއާގައި 15 އަހަރުގެ ކުއްޖަކު ލައްވާ ހަށިވިއްކުވި މައްސަލައާ ގުޅިގެން އާދިއްތަ ދުވަހު އަޝްމަލީ ހައްޔަރު ކުރީ "ފައިސާ ދީގެން އެ ކުއްޖާ ގެންދިޔުމުގެ" ތުހުމަތުގައި ކަމަށް ލަންކާގެ ދަ މޯނިން ނޫހުން ރިޕޯޓު ކުރި އެވެ.

ނަމަވެސް އޭއެފްޕީ ނޫހަށް މައުލޫމާތު ދެއްވަމުން އަޝްމަލީގެ ވަކީލު ވިދާޅުވި ގޮތުގައި އަޝްމަލީ ފައިސާ ދެއްކީ އޮންލައިންކޮށް ފެނުނު އިޝްތިހާރަކާ ގުޅިގެން "އޮއިލް މަސާޖެއް" ހެއްދުމަށެވެ. އަދި އެއީ ކުޑަކުއްޖަކު ލައްވާ މަސައްކަތް ކުރުވަން ކުރި އިޝްތިހާރެއް ކަމެއް އޭނާއަކަށް ނޭނގެ ކަމަށް ވަކީލު ބުންޏެވެ.

އެ މައްސަލައިގައި އިއްޔެ އަޝްމަލީ ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓަކަށް ހާޒިރުކޮށް، އޭނާގެ ބަންދަށް 14 ދުވަސް ވަނީ ޖަހާފަ އެވެ.

ލަންކާގެ މީޑިއާތަކުގައިވާ ގޮތުން 15 އަހަރުގެ ކުއްޖާ ލައްވާ ތިން މަހަށް ހަށިވިއްކުވިކަން ފުލުހުންނަށް ވަނީ އެނގިފަ އެވެ. އަދި އެ މައްސަލައިގައި މިދިޔަ މަހުގެ 7އިން ފެށިގެން މިހާތަނަށް 32 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 22 މީހަކު ކުއްޖާ ރޭޕް ކުރިކަން އެނގިފައިވާ ކަމަށް ލަންކާގެ ފުލުހުންގެ ތަރުޖަމާނު އަޖިތު ރޮހާނާ ވިދާޅުވި އެވެ.

ލަންކާގެ ނޫސްތަކުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުއްޖާގެ މަންމަ އާއި ގައުމުގެ ވެރިކަން ކުރާ ޕާޓީގެ އިސް މެމްބަރުންތަކެއްވެސް ހިމެނެ އެވެ. އަދި އެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް މިހާތަނަށް ދައުވާ ކޮށްފައި ނުވެ އެވެ.

comment ކޮމެންޓް