ޔާމީން ތާއީދުކުރައްވާ ނިޒާމެއް ނަޝީދަކަށް ނޭނގޭނެ: އަދުރޭ

އަބްދުއްރަހީމް އަބްދުالله --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ތާއީދުކުރައްވާނީ ރައްޔިތުން ނިންމާފައި އޮތް ނިންމުމަށް ކަމަށާއި, އެމަނިކުފާނު ތާއީދުކުރައްވާ ނިޒާމެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެނގިވަޑައިނުގަންނަވާނެ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން އިންތިޒާމުކޮށްގެން ރޭ ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރާއްޖެއަށް އެންމެ އެކަށޭނަ ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމެއް ކަމަށް އެމަނިކުފާނު އަބަދުވެސް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.

އަދި ކުރީގެ ރައީސް އަބްދުالله ޔާމީންވެސް ތާއީދުކުރައްވަނީ ބަރުލަމާނީ ނިޒާމަކަށް ކަމަށާއި ރައީސް ޔާމީނާއި ޕީޕީއެމްއާ ގުޅިގެން ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސް ނަޝީދު ރޭ ވިދާޅުވިއެވެ.

https://sun.mv/153932

އަދި 2022 ވަނަ އަހަރު ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ތާއީދުކުރައްވާ ކަމަށާއި އެކަމުގައި ޕީޕީއެމްއާ އެކުގައި ކުރިއަށް ދެވޭނެކަމަށް ގަބޫލުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ނުދެކެން ރިޔާސީ އިންތިހާބެއް ރާއްޖޭގައި އޮންނާނެ ކަމަކަށް. އަޅުގަނޑު ދެކެނީ ރައީސް ޔާމީން އަޅުގަނޑާއެކުގައި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމުގަ މަސައްކަތް ކުރައްވާނެ ކަމަށް. އަދި އެ ފެންނަ ނުފެންނަ ވޯޓެއް ނަގާއިރުގަ އަޅުގަނޑު ދެކެނީ ޕީޕީއެމް އާއި އެމްޑީޕީއިން އެކުގައި ތިބެގެން މި ފެންނަ ނުފެންނަ ވޯޓަށް އަޅުގަނޑުމެންނަށް ދެވޭނެ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން އިދިކޮޅު ކޯލިޝަންގެ އިސްވެރިޔާ އަބްދުއްރަހީމް ވިދާޅުވީ ރައީސް އަބްދުالله ޔާމީން ތާއީދުކުރައްވަނީ ރައްޔިތުންގެ ނިންމުމަށް ކަމަށާއި, ރައްޔިތުން ބޭނުންވަނީ ރިޔާސީ ނިޒާމެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

"ރައީސް ޔާމީން ތާއީދުކުރައްވާ ނިޒާމެއް ރައީސް ނަޝީދަކަށް އެނގިވަޑައެއް ނުގަންނަވާނެ," ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާޑަކުރެވެން ޖެހޭނެކަމަށާއި ގައުމު ބޭނުންވާ ގޮތަކީވެސް އެއީކަމަށް އަދުރޭ ޓްވީޓުގައި ވިދާޅުވިއެވެ.

ރޭގެ ޕްރޮގްރާމުގައި ރައީސް ނަޝީދުވެސް ވިދާޅުވީ އެއްވެސް އިރެއްގައި ރައީސް ޔާމީނަށް ދެރައެއް ނޭދޭ ކަމަށާއި, އުންމީދަކީ ރާއްޖޭގައި ބާއްވާ ކޮންމެ އިންތިހާބެއްގައިވެސް ހުރިހާ ސިޔާސީ ވެރިންނަށް ބައިވެރިވެވުން ކަމަށެވެ.

ރޭ ރައްޔިތުންގެ މަޖިލީހުގެ "އާސްކް ސްޕީކާ" ގައި ރައީސް ނަޝީދު، ރައީސް ޔާމީނާ ގުޅޭގޮތުން ދެއްކެވި ވާހަކައާއެކު އިދިކޮޅުގެ ގިނަ މެމްބަރުންތަކެއް އަންނަނީ އެ ވާހަކަތަކަށް ރައްދު ދެމުންނެވެ.

comment ކޮމެންޓް