ހަކުރުބަލީގެމީހުން ކެއުމުގައި ސަމާލުވާންވީ މުހިންމު ކަންކަން

މާލޭގެ މާރުކޭޓެއްގައި މޭވާއާއި ތަރުކާރީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ލޭގެ ތެރޭގައި ހުންނަ ހަކުރުގެ މިންވަރު ވަކި މިންވަރެއްގައި ބެހެއްޓުމަށް ހަކުރު ބަލީގެ މީހުން ކެއުމުގެ ހިމަނަންޖެހޭ އަދި ކެއުމުގައި އުނިކުރަން ޖެހޭ ވަކި ބާވަތްތައް ހުރެއެވެ.

ތަރުކާރިއާއި މޭވާއާއި ޕްރޮޓީނުން މުއްސަނދިވެފައިވާ ކެއުމެއް ކާނަމަ ހަކުރު ބަލީގެ މީހުންނަށް އެތައް ފައިދާއެއް ލިބިގެންދެއެވެ. ހަމައެއާއިއެކު ވަކި ވައްތަރެއްގެ ކާނާ ކެއުމުން ދުރުވުމުންވެސް ހަކުރުބަލީގެ މީހުންނަށް އެތައް ފައިދާއެއް ލިބިގެން ދެއެވެ. ހަކުރު ބަލި ޖެހުމަކީ މީރު ކެއުންތައް ކެއުމުން މަހުރޫމްވެގެން ހުންނަންޖެހޭ ސަބަބެއްވެސް ނޫނެވެ.

ލޭގައި ހަކުރުގެ މިންވަރު މަތިކޮށްދިނުމުގައި މައިގަނޑު ދައުރެއް އަދާކުރަނީ ކާބޯހައިޑްރޭޓްސްއާއި ހަކުރު އެކުލެވިގައިންވާ ކާނާއެވެ. އެހެންނަމަވެސް މިތަކެތި ހިމެނޭ ކާނާ ކައުމުގައިވެސް މިންހަމަ އުސޫލެއް ގެންގުޅޭނަމަ އެއީ މާ ބޮޑު މައްސަލައެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް ކާ ކެއުމުގައި ކާބޯ ހައިޑްރޭޓްސް އެކުލެވިފައިވާ މިންވަރު ބެލުމަކީ ވަރަށް މުހިންމުކަމެކެވެ. ކާބޯހައިޑްރޭޓްސް ހަށިގަނޑަށް ބޭނުންވާ މިންވަރު ބިނާވަނީ އެ މީހެއްގެ ހަރަކާތްތެރިވާ މިންވަރެއްގެ މައްޗަށެވެ.

އެމެރިކަން ޑައެބެޓިކް އެސޯސިއޭޝަން (އޭޑީއޭ) ބުނާގޮތުން ހަކުރުބަލީގެ ރަނގަޅު ކެއުމެއް ކެއުމަށް 4 ކަމަކަށް ސަމާލުކަން ދޭންޖެހެއެވެ. އެއީ ކެއުމުގައި ތަރުކާރިއާއި މޭވާ ހިމެނުމާއި، ލީން ޕްރޮޓީންސް ހިމެނުމާއި، އަދި ވީހާވެސް މަދުން ހަކުރު އެކުލެވޭ ކާނާ ކެއުމުގައި ބޭނުންކުރުމެވެ. މީގެއިތުރުން ޓްރާންސް ފެޓްސް ހިމެނޭ ތަކެތި ކެއުމުން ދުރުވުމަކީވެސް މުހިންމުކަމެވެ.

ތަފާތު އެކިއެކި ފަތުގެ ބާވަތްތަކުގެ ތެރޭ ހިމެނޭ ސްޕިނެޗް، ކެބެޖް، އަދި ބްރޮކޮލީއަކީ ހަކުރުބަލި ހުންނަ މީހުންނަށް ކެއުމުގައި ހިމަނާލެވޭނެ މުހިންމުއެއްޗެކެވެ. ހަމައެއާއިއެކު ރިފައިންޑް ތަކެތި ބޭނުންކުރުމުގެ ބަދަލުގައި ގިނަ އަދަދަކަށް ފައިބާރ އެކުލެވޭ ހޯލްގްރެއިންސްގެ ތެރެއިން ބްރައުން ރައިސް، ހޯލްގްރެއިން ބްރެޑް އަދި ހޯލްގްރެއިން ޕާސްތާ ކެއުމުގައި ބޭނުންކުރެވިދާނެއެވެ.

މީގެއިތުރުން މަހުގެ ބާވަތްތައްވެސް ހިމެނުން މުހިންމެވެ. މަހަކީ އޮމެގާ3 ފެޓީއެސިޑް އެކުލެވޭ އެއްޗަކަށް ވުމުން މިއީ ހަށިގަނޑަށް ފައިދާކުރާ މުހިންމު އެއްޗެކެވެ.

ހަކުރު ބަލީގެ މީހުން ދުރުވާންޖެހޭ ކާނާގެ ތެރޭގައި ގިނަ އަދަދަކަށް ލޮނު އެކުލެވޭ ކާނާ ހިމެނެއެވެ. އަދި ކާބޯހައިޑްރޭޓްސް މާ ގިނައިން އެކުލެވޭ ކާނާތަކުންވެސް ދުރުވާންޖެހެއެވެ. މީގެ އިތުރުން ސެޗުރޭޓެޑް އަދި ޓްރާންސް ފެޓްސް ހިމެނޭ ކާނާއިން ވެސް ދުރުވާން ޖެހެއެވެ.

ދުޅަހެޔޮކޮށް ހުރުމަށްޓަކައި ރަނގަޅު ކާނާ ކެއުމުގެ އިތުރުން ކަސްރަތު ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

comment ކޮމެންޓް