މާލޭ ރައްޔިތުންގެ ލޯނުތައް ދެއްކުން ފަސްކޮށްދިނުމަށް ސިޓީ ކައުންސިލުން ގޮވާލައިފި

މާލެ ސިޓީ މަތިން-- ސަން ފޮޓޯ/ފަޔާޒު މޫސާ

ކޮވިޑް-19 އާ ގުޅިގެން ގިނަ ބައެއްގެ އަތްމަތި ދަތިވެފައިވާ މި ދުވަސްވަރު، ގެދޮރު އިމާރާތް ކުރުމަށް މާލޭ ރައްޔިތުން ނަގާފައިވާ ލޯނުތައް އަނެއްކާވެސް ފަސްކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔާ އަދި ކުރީގެ ހައުސިން މިނިސްޓާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ގޮވާލައްވައިފި އެވެ.

ވީޓީވީގައި ރޭ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މާލޭގެ ގިނަ ރައްޔިތުން ގެދޮރު އިމާރާތް ކޮށްފައިވަނީ ބޭންކުން ލޯނު ނަގައިގެން ކަމަށެވެ.

"މިއަހަރުގެ ނިޔަލަށް އެންމެ ކުޑަވެގެން ހައެއްކަ މަސް އެ ލޯނުތައް އެކްސްޓެންޑް ކޮށްދިނުމަކީ ސިޓީ ކައުންސިލްގެ ފަރާތުން މާލޭ ރައްޔިތުންގެ ހައްގުގައި ރައީސްއަށާއި އެމްއެމްއޭގެ ގަވަރުނަރަށް ގޮވާލާ ކަމެއް. އެކަން މާލޭ ރައްޔިތުންނަށްޓަކައި ކޮށްދެއްވާށޭ،" މުއިއްޒު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަސް ތެރޭގައިވެސް ރާއްޖޭގެ ބައެއް ބޭންކުތަކުން ވަނީ އެ ކުންފުނިތަކުގެ ކަސްޓަމަރުން ނަގާފައިވާ ލޯންތައް ދެއްކުން ފަސްކޮށްދިނުމުގެ އިތުރުން ގިނަ ލުއި ތަކެއް ތައާރަފް ކޮށްފައެވެ.

"މާލޭގެ ގިނަ ރައްޔިތުން މިތިބީ ހަމަ ބޮޑެތި ލޯނު ނަގައިގެން ގެ ހަދާފަ. އެހެންވީމަ އެ ލޯނުތައް ދައްކަން މިހާރު އޮތީ ފަށާފަ. ކުރިން ދެއްވި މޮރަޓޯރިއަމް ހަމަވީމަ މިހާރު އަނެއްކާ ލޯނު ދައްކަން ފަށައިފި،" މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ ލޯނުތައް ފަސްކޮށްދިނުމަކީ މާލޭ ރައްޔިތުންނަށްޓަކައި ސަރުކާރުން ކޮށްދެވެން އޮތް އަދި ކޮށްދޭން ވާނެ ކަމެއްގެ ގޮތުގައި ދެކެލައްވާ ކަމަށެވެ.

comment ކޮމެންޓް