ޑެއިޒީ ވިއު ދޯންޏަކީ ކަނޑުމަތީގެ ހީރޯއެއް

މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ސިޓީއަށް ނިސްބަތްވާ "މޯހިރި" ދޯނި, ގއ. ދެއްވަދޫ ކައިރިން މަސްވެރިކަމުގައި އުޅެނިކޮށް ޖެހި ރާޅެއްގައި ބިނދި, ދެބުރިވީއެވެ. އެ ހާލުގައި އޮއްވާ ކައިރިން ދިޔަ ފުރަތަމަ ބޯޓުން އެހީތެރިކަން ފޯރުކޮށް ނުދިނެވެ.

ދެން އެތަނަށް އާދެވުނީ "ޑެއިޒީވިއު" ދޯންޏަށެވެ.

"ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުނު އިރުވެސް އެންމެ ކައިރީގައި އޮތީ ޑެއިޒީވިއު--ގާތްގަނޑަކަށް 10 މޭލު ދުރުގައި އޮތީ. އެ ހަބަރު ލިބުމާއެކު އިސްކަން ދިނީ ދޯނި ސަލާމަތްކުރަން. އޭރު އެ ދޯނި އޮތީ ދެބުރި ވެފައި, ފަރެއްގެ ހުޅަނގު މަތީގައި. އަނެއްކާ ވަރަށް ވިއްސާރަވެފައި ވައިވެސް ބާރު," ޑެއިޒީވިއުގެ ފަޅުވެރިއެއް ކަމުގައިވާ އަހްމަދު ޝާފިއު ކިޔައިދިނެވެ.

އެހެންކަމުން ޝާފިއުމެން މަސައްކަތްކުރީ އެ ދެބުރިވި ދޯނި ފަރަށް އެރުމުގެ ކުރީގައި ސަލާމަތްކުރާށެވެ. އެހެންކަމުން އިތުރު ދޯންޏެއްގެ އެހީއާއެކު "މޯހިރި" ކަފުޖަހައިގެން ގެމަނަފުއްޓަށް ގެންދިޔައީއެވެ.

މި ވާހަކަ ކިޔައިދެމުން ޝާފިއުމެން މީގެ ކުރިން މިގޮތަށް ބޯޓެއް ސަލާމަތްކުރި ހާދިސާއެއްވެސް ކިޔައިދިނެވެ.

"ސައުތު އެކްސްޕްރެސް ކިޔާ ބޯޓެއް ހާލުގައި ޖެހިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން، އެ ސީން އަށް އެންމެ ފުރަތަމަ ދެވުނީ އަހަރުމެންނަށް. އަހަރުމެން މިހާރު މި ދުއްވާ ދޯންޏަށް. ދެން އޭރު ފަރަށް އަރަ އަރަ އޮއްވާ ސަލާމަތް ކުރެވުނީ. ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެއީ އަހަރުމެން ހުރިހާ ފަޅުވެރިންނަށް ވެސް," މިދިޔަ އަހަރު ހިނގި ހާދިސާ އޭނާ ކިޔައިދިނެވެ.

ވެސެލް ޓްރެކިން އެޕުން ބޯޓެއް ހުއްޓިފައި އޮތް ތަން ފެނިގެން ކަމެއް ގޯސްވެގެން އުޅޭކަން އެނގުނެވެ. އެއީވެސް ވަރަށް ވިއްސާރަ, ވައި ބާރު ދުވަހެކެވެ. ހުއްޓިފައި އޮތް ދޯނި ހޯދަން އުނދަގޫވެސް ވިއެވެ.

"އެހާ ވިއްސާރަ, ވައި ބާރުގަދަ ދުވަހެއްގައި ބޯޓު މޫވްކުރާކަން ފާހަގަނުވާތީ އަހަރެމެން އޭގެ ކައްޕިއަށް ގުޅީ. ވަރަށް ގަދައަށް އަޅޭލަވާ އަޑު އިވޭ. ބޯޓު ފަރަށް އަރަނީއޭ، ބޯޓު ސަލާމަތް ކުރަން އަންނާށޭ، އިންޖީނު ހުއްޓިއްޖޭ،"

ވަގުތުން ނަގިލީގެ ވާ ދޫކޮށްލާފައި, ހަތް މޭލު ދުރުގައި ހާލުގައި ޖެހިފައި އޮތް ބޯޓަށް އެހީވާން ޑެއިޒީވިއު ނައްޓާލީއެވެ.

"ނަސީބަކުން ވައި ބާރުވެފަ ރާޅު ބޮޑުވީމަ އަހަރުމެންނަށް ދޯނި ދުވާ ސްޕީޑްވެސް ވަރަށް ބާރު. ގާތްގަނޑަކަށް 17 މޭލު 18 މޭލު ބޮޑެތި ރާޅުތައް މަތީގައި ދުއްވީމަ 20 މިނެޓެއްހާ އިރު ތެރޭގައި އަހަރުމެންނަށް އެހިސާބަށް ދެވުނު. ދެވުނު އިރު، ދޯނި އޮތީ ފަރާ ގާތްގަނޑަކަށް 100 އެއްހާ ފޫޓް ދުރުގައި،"

ބަރުކޮށް އޮތް އެ ބޯޓު ފަރާ ދުރުކުރުމަށް ވާ ޖަހައިގެން ދެމުމުން ވާކޮޅު ދިޔައީ ކަނޑައިގެންނެވެ. ނަމަވެސް އެ ބުރުގައި ގަލެއްގައި ޖެހި, ދޯނި ސީދާވިއެވެ. އެހެންކަމުން ދެވަނަ ފަހަރަށްވެސް ވަލެއް ޖަހައިގެން ދަމާލުމުން ސަލާމަތްވިކަމަށް ޝާފިއު ބުންޏެވެ.

ސައުތު އެކްސްޕްރެސް ބޯޓު އަޑީގައި ޖެހުނުލެއް ބާރުކަމުން ތަންގަނޑެއް ފަޅައިގެން ދިޔައެވެ. އެކަމަކުވެސް ޑައިވަރުންނާއި އެހެން ފަޅުވެރިން ވެގެން އެތަކުގައި ފިލާ ޖަހައިގެން ބައްދައިލިއެވެ. އަދި އެ ދުވަހު މެންދުރެއްހާ އިރު ކަފުޖަހައިގެން އެ ބޯޓު ގެމަނަފުއްޓަށް ގެންދިޔައެވެ.

ހޮނިހިރު ދުވަހު "މޯހިރި" ދޯނި ދެބުރިވެގެން ހާލުގައި ޖެހުނު އިރު އެތަނަށް ފުރަތަމަ ދިޔަ ދޯނިން އެހީތެރިކަން ފޯރުކޮށްދޭން އުޒުރުވެރިވީ ކީއްވެގެން ބާވައެވެ. މިއީ ކަނޑުމަތީގައި އާންމުކޮށް ހިނގާ ކަމެއް ބާވައެވެ.

"އަހަރެމެން ކުރާ ކަމަކީ, ދޯންޏަކަށް ކަމެއް ވެއްޖެއްޔާ އެންމެ ފުރަތަމަ އެކަމަކަށް އެޓެންޑް ކުރެވޭތޯ ބަލަން. ކަނޑުމަތީގައި ދިމާވާ ހުރިހާ ހާދިސާއެއްގައި, ބޭރު ކަނޑު ވިޔަސް އެތެރެވަރީގައި ވިޔަސް ގިނަ މަސްވެރިން އެބަޔަކަށް އެހީތެރިވާނެ," މަސްވެރިކަމާއި އެންވެރިކަންވެސް ހުއްޓާލާފައި އަވަސްވެގަންނަނީ އެހީވާން ކަމަށް ޝާފިއު ބުންޏެވެ.

ކަނޑުމަތީގެ ހާދިސާތަކުގައި ހާލުގައި ޖެހޭ އުޅަނދުތަކަށް އެހީނުވެ އަޅާނުލައި ދިއުމަކީ މަދުން ނަމަވެސް ހިނގާ ކަމެއްކަން ހޮނިހިރު ދުވަހުގެ ހާދިސާއިން އެނގެއެވެ. ނަމަވެސް "ޑެއިޒީވިއު" ފަދަ ދޯނިތަކުން ލާ ހިތްވަރާއި އިސްކުރާ އެހީތެރިކަމުގެ ރޫހުން ނަމޫނާ ލިބިގަތުން މުހިންމެވެ

comment ކޮމެންޓް