ބަންގްލަދޭޝް ޑޮކްޓަރުންގެ ޓީމް ރާއްޖެއިން ފުރައިފި

މާރޗު މަހުގެ ތިން ވަނަ ދުވަހު ރާއްޖެ އައި ބަންގްލަދޭޝް ގެ ޑޮކްޓަރުންގެ މެޑިކަލް ޓީމް

ރާއްޖޭގައި ކޮވިޑް19 ބަލިން ދިފާއުވުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން ރާއްޖެ އައި ބަންގްލަދޭޝް އަސްކަރިއްޔާގެ މެޑިކަލް ޓީމް ރާއްޖެއިން ފުރައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ބަންގްލަދޭޝްގެ މެޑިކަލް ޓިމް ރާއްޖެއިން ފުރީ މިއަދު މެންދުރުކަމަށެވެ.

ބަންގްލަދޭޝްއިން ރާއްޖެއަށް މެޑިކަލް ޓީމް އައީ މި އަހަރުގެ މާޗު މަހުގެ ތިން ވަނަ ދުވަހުއެވެ. މި ޓީމް ރާއްޖެއައީ ރައިސޫލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިލެއްވުމުގެ މަތިން ގައުމީ ވެކްސިނޭޝަން ޕްރޮގްރާމް "ކޮވިޑް19 ދިފާއު" ކެމްޕެއިނުގައި އެހީތެރިވުމުގެ ގޮތުންނެވެ.

މި ޓީމްގައި 10 ނަރުހުންނާއި، ހަތް މެޑިކަލް އެސިސްޓެންޓުން އަދި އެނެސްތިޒިއޮލޮޖިސްޓެއް ހިމެނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ބަންގްލަދޭޝްގެ އަސްކަރީ މެޑިކަލްޓީމް ރާއްޖޭގެ ސިއްހީ ޚިދުމަތްތެރިންނާ އެއްކޮށް ގާތުން މަސައްކަތް ކުރިކަމަށެވެ. އަދި ސިއްހީ ހިދުމަތްތެރިންނާއެކު ގްރޭޓާ މާލެ ސަރަހައްދުގައި ވެކްސިން ދިނުމުގެ ކަންކަމުގައި ވެސް އެހީތެރިވިކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ ހަމަހަމަކަމާއެކު ރާއްޖޭގެ ރައްޔިތުންނަށާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށްވެސް ވެކްސިން ދިނުންކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި މި ކަމުގައި ބަންގްލަދޭޝްގެ މެޑިކަލް ޓިމްގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ފާހަގަކުރެއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭޚު ހަސީނާއަށާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މުއުމިނަށް ޝުކުރު ފޮރިން މިނިސްޓްރީން ވަނީ ޝުކުރު ދަންނަވާފައެވެ. ހަމައެއާއެކު ބަންގްލަދޭޝްގެ ސަރުކާރުގެ ފަރާތުންނާއި ބަންގްލަދޭޝް އަސްކަރިއްޔާގެ ކޮވިޑު19 ގެ އެކިއެކި ހާލަތްތަކުގައި ލިބުނު އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށްވެސް ވަނީ ޝުކުރު ދަންނަވާފައެވެ.

comment ކޮމެންޓް