ކޮވިޑަށް ޓެސްޓްކުރާ މެޝިންތަކެއް ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާ ކޮށްފި

ކޮވިޑަށް ޓެސްޓްކުރާ 11 މެޝިނާއެކު ބައެއް ތަކެތި، ވޯލްޑް ހެލްތް އޮގަނައިޒޭޝާން (ޑަބްލިއުއެޗްއޯ)އިން ރާއްޖެއަށް ހަދިޔާ ކޮށްފި އެވެ.

ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރި ވެދިނުމުގެ ގޮތުންނާއި، ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ޑަބްލިޔުއެޗްއޯގެ ފަރާތުން ހަދިޔާ ކޮށްފައި ވަނީ 11 ޖީން އެކްސްޕާޓް މެޝިންއާއި، 10 އޮޓޯކްލޭވް، އަދި ކޮވިޑް-19 އާ ގުޅިގެން ހަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމްތައް ބޭނުންކުރުމަށް ހަ މޮޓޯސައިކަލް ގެ އިތުރުން ކޮވިޑް-19 ވެކްސިން ރައްކާކުރުމަށް ބޭނުންވާ އާލާތްތަކާއި ޓެސްޓްކުރުމަށް ބޭނުންވާ 19،500 ޓެސްޓް ކިޓެވެ.

ކެޕްޝަން..

މި ތަކެތި ހަވާލު ކުރުމަށްޓަކައި ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ތަކެއްޗާ ހަވާލުވީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމެވެ. މިތަކެތި ހަވާލުކޮށްދެއްވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. ނާޒްނީން އަންވަރެވެ.

މިއަދު ހަވާލު ކުރެވުނު ތަކެތީގެ ތެރެއިން 11 ޖީން އެކްސްޕާޓް މެޝިންއާއިއެކު ރާއްޖޭގެ 18 އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލްތަކުގައި މެޝިންތައް ބެހެއްޓި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

އަދި އިތުރު 10 ރަށެއްގައި އޮޓޯކްލޭވް ބެހެއްޓި، ސިއްހީ ހިދުމަތްދިނުމަށް ބޭނުން ކުރެވޭ ތަކެތި ރައްކާތެރިކޮށް ނައްތާލުމުގެ އިންތިޒާމްތައް ހަމަޖެހިގެން ދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފައި ވެއެވެ.

ހެލްތް މިނިސްޓްރީން ބުނީ ރެޕިޑް ރެސްޕޮންސް ޓީމްތަކުގެ މަސައްކަތް އަވަސްވެ، ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދަނީ ވަރަށް ބޮޑަށް އެހީތެރިކަން ފޯރު ކޮށްދެމުންނެވެ.

ހާއްސަކޮށް މިބައްޔަށް ޓެސްޓްކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ބޭނުންވާ މެޝިންއާއި، ޓެސްޓްކިޓްތަކުގެ އިތުރުން ކޮންސިއުމަބަލްސް މެދުނުކެނޑި ދަނީ ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުންވެސް އިމަރޖެންސީ ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ އާލާތްތަކާއި ބޭސްވެސް އެޖަމިއްޔާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

comment ކޮމެންޓް