ކުރިން ދެމިތުރުންގެ ގޮތުގައިއޮތް ސައޫދީ އާއި "ޔޫއޭއީ" ގެ ގުޅުންތައް ގޯސްވެ ހާލަތު ބަދަލުވަނީ

ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާއި ޔޫއޭއީ ގެ ވަލީއުލްއަހްދު މުހައްމަދު ބިން ޒާޔިދު

ފާއިތުވި ހައެއްކަ އަހަރު ތެރޭގައި ވަރަށް ގާތް އަދި ވަރަށް ސްޓްރެޓީޖިކް ގުޅުންތަކެއް ބާއްވަމުންދިޔަ ގަލްފުގެ އަރަބި ދެގައުމު ކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އާއި ސައުދީއަރަބިއާގެ ގުޅުންތައް ގޯސްވެ ދެގައުމުގެ މެދުގައި އިތުބާރު ގެއްލެން ފަށައިފިއެވެ.

ލަންޑަންގައި ނުކުންނަ މަޝްހޫރު ނޫހެއްކަމަށްވާ "ފައިނޭންޝަލް ޓައިމްސް" ބުނާގޮތުން "ޔޫއޭއީ" އާއި ސައުދީގެ ގުޅުންތައް އެންމެ ބޮޑަށް ބަދަހިވެގެންދިޔައީ ސައުދީބާރުގަދަ މީހާގެ ގޮތުގައި ސިފަކުރެވޭ އެގައުމުގެ މިހާރުގެ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އަށް 2015 ވަނައަހަރު ސައުދީރަސްކަމުގެ ބޮޑެތި ބާރުތަކެއް ލިބުމާ ގުޅިގެންނެވެ. ބިން ސަލްމާން އަށް ބޮޑެތި ބާރުތަކެއް ލިބުނީ 2015 ވަނައަހަރުގެ ޖަނަވަރީމަހު ސައޫދީގެ އޭރުގެ ރަސްގެފާނު އަބްދުﷲ އަވަހާރަވުމާއެކު ސައުދީރަސްކަމަށް ބިންސަލްމާންގެ ބައްޕާފުޅު ސަލްމާން ބިން އަބްދުލްއަޒީޒު އިސްވެ ވަޑައިގަތުމުންނެވެ.

ސަލްމާން ރަސްގެފާނު ސައުދީރަސްކަމަށް އިސްވެ ވަޑައިގަތުމާއެކު ސައުދީވަލީއުލްއަހްދު ގެ ނައިބު ކަމުގެ ނަމުގައި އައު މަގާމެއް އުފައްދަވައި އެމަގާމު ބިން ސަލްމާނަށް ދެއްވިއެވެ. އެއާއެކު ސައުދީދިފާއީ ވަޒީރުކަންވެސް ބިން ސަލްމާންއަށް ދެއްވިއެވެ. އެއަށްފަހު ސައުދީޝާހީ ދަރުބާރުގައި ބިންސަލްމާން އާދަޔާ ޚިލާފަށް ބާރުގަދަ ކުރައްވަމުން ގެންދެވިއެވެ. ބައްޕާފުޅަށް ފިއްތުންތައް ކުރިމަތި ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން 2017 ވަނައަހަރުގެ ޖޫންމަހުގެ ތެރޭގައި ސަލްމާން ރަސްގެފާނު ވަނީ ސައުދީވަލީއުލްއަހްދު މުހައްމަދު ބިން ނާއިފް އެމަގާމުން ދުރުކޮށް ބިންސަލްމާން ވަލީއުލްއަހްދު ކަމަށް އިސްކުރައްވާފައެވެ.

މިއާއެކު ބިންސަލްމާންގެ ބާރާއި ނުފޫޒު ސައޫދީގައި އާދަޔާ ޚިލާފަށް ބޮޑުވެ ވަރުގަދަވެ ސައުދީޝާހީ އާއިލާގެ ތެރޭގައި ބޮޑު ކޯޅުންތަކެއް އުފެދިގެންދިޔައެވެ. ނަމަވެސް އެކޯޅުންތަކުގައި ގަދަބާރުން ކުރި ހޯއްދަވަމުން ގެންދެވީ ބިން ސަލްމާން އެވެ. ބިން ސަލްމާން ގެ ބާރު ސައޫދީގައި ގަދަވުމާއެކު އޭނާ "ޔޫއޭއީ" ގެ ވަލީއުލްއަހްދު އަދި ޔޫއޭއީގެ ހަގީގީ ވެރިޔާ ކަމަށް ސިފަކުރެވޭ މުހައްމަދު ބިންސަލްމާންއާ އާދަޔާ ޚިލާފު ގާތްގުޅުންތަކެއް ބާއްވަން ފެއްޓެވިއެވެ. އަދި އެދެބޭފުޅުން ގުޅިގެން އެމެރިކާގެ ވާގިވެރިކަން ހޯދައިގެން އީރާނާ ދިމާކުރަން ފެއްޓެވިއެވެ.

މިއާއެކު ޔަމަންގެ ހޫޘީންނާއި އެގައުމުގެ ސަރުކާރާ ދެމެދު އުފެދިފައިވާ ސިޔާސީ ކޯޅުންތަކުގެ ތެރެއަށް ސައުދީއާއި ޔޫއޭއީ ވަދެގަނެ "ޔޫއޭއީ" އާއި ސައުދީގުޅިގެން އަރަބި ކޯލިޝަންގެ ނަމުގައި ކޯލިޝަނެއް އުފައްދައި އެދެގައުމު އިސްކޮށް ތިބެގެން ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް އަސްކަރީގޮތުން ވަދެގަތެވެ. މިކަމުގެ ނަތިޖާއަކަށްވީ ޔަމަން މުޅިން ހަލާކުވެ އެގައުމުގެ އެތަށް ހާސްބަޔަކު މަރުވެ އެތަށް މިލިޔަން ބަޔަކު ހާލުގައިޖެހުމެވެ. ނަމަވެސް އީރާނުގެ މަދަދު ލިބޭ ޔަމަންގެ ހޫޘީން އަސްކަރީގޮތުން ބަލިކުރުމުގައި މިދެގައުމުވަނީ މުޅިން ނާކާމިޔާބު ވެފައެވެ. ޔަމަނަށް އަސްކަރީ ގޮތުން މިދެގައުމު ވަދެގަތްނަމަވެސް ހޫޘީން ބަލި ނުކުރެވި ހަނގުރާމަ ދިގުލައިގެން ދިޔުމުގެ ނަތީޖާއަކަށްވީ 2019 ވަނައަހަރު ޔޫއޭއީ ގެ ސިފައިން ކުއްލި ގޮތަކަށް ޔަމަނުން ބޭލުމެވެ. އަދި ޔަމަންގެ ހަނގުރާމައިގާ ސައުދީއެކަނިކޮށްލުމެވެ.

"ޔޫއޭއީ" ގެ ސިފައިން ޔަމަނުން ބޭލުމުގެ ކުރިން "ޔޫއޭއީ" ވަނީ އެގައުމުގެ މަސްލަހަތާ އެއްގޮތަށް ޔަމަންގައި މަސައްކަތްކުރާނެ ގޮނޑިކޮއްކޮ އަސްކަރީ ޖަމާއަތްތަކަކާއި ސިޔާސީ ގޮނޑިކޮއްކޮ އިންތަކެއްވެސް ޔަމަން މީހުންގެ ތެރެއިން އުފައްދާފައެވެ. މިއަށްފަހު "ޔޫއޭއީ" ން ޔަމަންގައި ހާސިލް ކުރަންބޭނުންވާ މަގްސަދުތައް ހާސިލް ކުރަމުން ގެންދަނީ ފައިސާ ގެ އެހީގައި މި ގޮނޑިކޮއްކޮ ޖަމާއަތްތަކަކާއި ސިޔާސީ ގޮނޑިކޮއްކޮ މީހުން ގުޅިގެންނެވެ. މިއާއެކު ސައުދީވަނީ ޔަމަންގެ ލޭއޮހޮރުވުން ބޮޑު އަދި ޚަރަދު ބޮޑު ހަނގުރާމައިގާ މުޅިން އެކަނިވެފައެވެ. މިއީ ސައުދީއާއި ޔޫއޭއީ އާ ދެމެދު ޖެހުނު އެންމެ ބޮޑު އެއް މައްސަލައެކެވެ.

އެއަށްފަހު ޔޫއޭއީގެ ބަސްއަހައިގެން ސައުދީއިސްރާއީލާ ގާތްވުމަށް ކުރިމަސައްކަތުންވެސް އިސްލާމީ ދުނިޔޭގައި ސައޫދީގެ އަގު ވަރަށް ބޮޑަށް ވެއްޓިގެން ދިޔައެވެ. އަދި "ޔޫއޭއީ" ގައި އޮންނަ އިސްލާމްދީނާ ބީރައްޓެހި އެތަށް ކަމެއް ބިން ސަލްމާންގެ ބާރުގައި ސައޫދީގައި ތަންފީޒު ކުރަންފެށުމުން ސައުދީބައެއް އިލްމުވެރިން ނުސީދާކޮށް އެކަމާދެކޮޅަށް ބަސްބުނަން ފެށުމުން އެމީހުން ހައްޔަރުކޮށް ދިގުމުއްދަތުތަކަށް އެމީހުން ޖަލަށްލައި އަނިޔާދޭން ފެށިއެވެ. މިކަންކަމުގެ ސަބަބުން ސައުދީބައެއް ޒުވާނުންގެ ތާއީދު ބިން ސަލްމާންއަށް ލިބުނު ނަމަވެސް އިސްލާމީ ދުނިޔޭގައި ސައޫދީގެ އަގު ވަރަށް ބޮޑަށް ވެއްޓެމުން ދިޔައެވެ.

"ޔޫއޭއީ" އާއި ސައުދީގެ ގުޅުންތައް ގޯސްވި އަނެއް ސަބަބަކީ މިއަހަރުގެ ކުރީކޮޅު ސައޫދީން ގަތަރާ އަލުން ގުޅުންތައް ގާއިމްކޮށް ގަތަރާއެކު ކުރިން ބޭއްވި ދުޝްމަންކަން ނިމުމަކަށް ގެނައުމެވެ. މިއީ "ޔޫއޭއީ" އެއްގޮތަކަށްވެސް ގަބޫލު ކަމެއްނޫނެވެ. ގަތަރާ ގުޅުންތައް ކަނޑާލައި އެގައުމާ ދެކޮޅަށް ހިސާރުގެ ފިޔަވަޅުތައް އެޅީ "ޔޫއޭއީ" އާއި ސައުދީގުޅިގެންނެވެ. ނަމަވެސް ގުޅުންތައް ރަނގަނޅުކުރަން ސައޫދީއާއި "ޔޫއޭއީ" ހުށަހެޅި ޝަރުތުތައް ގަތަރުން ގަބޫލެއް ނުކުރިއެވެ.

އެެހެން ނަމަވެސް ގަތަރު އިނދަޖައްސާލުމުގައި ސައޫދީއާއި "ޔޫއޭއީ" ނާކާމިޔާބު ވުމުން އެންމެފަހުން ސައުދީނިންމީ އެޝަރުތުތައް ދޫކޮށްލައި ގަތަރާ ގުޅުންތައް އަލުން ގާއިމް ކުރުމަށެވެ. މިއީ ސައުދީއާމެދު "ޔޫއޭއީ" ވަރަށް ބޮޑަށް ހިތްހަމަނުޖެހުނު ކަމެކެވެ. މިހާރު ސައޫދީން ގަތަރާ ގާތްގުޅުންތަކެއް ބާއްވަމުން ގެންދިޔަނަމަވެސް "ޔޫއޭއީ" ން ގަތަރާއެކު މާބޮޑު ގުޅުންތަކެއް ނުބާއްވައެވެ. ދުޝްމަންކަން އޮތީ އަދިވެސް އެގޮތުގައެވެ. "ޔޫއޭއީ" ބޭނުންވަނީ އެއީ މުސްތަހީލް ކަމެއް ކަމަށް ވިޔަސް ކުރިން ހުށަހެޅި ޝަރުތުތަކަށް ގަތަރު ބޯލެނބުމުގެ ކުރިން ގަތަރާ ގާތްކަން ނުބޭއްވުމަށެވެ.

"ޔޫއޭއީ" އާއި ސައުދީއާ ދެމެދު މައްސަލަ ޖެހުނު އަނެއްކަމަކީ ކޮވިޑް-19 އެވެ. ކޮވިޑް ގެ ވެކްސިން އަކަށް "ޔޫއޭއީ" ގައި ބޭނުންކުރަނީ ޗައިނާ އިން އުފައްދާފައިވާ "ސިނޮފާމް" ވެކްސިން އެވެ. މިވެކްސިން އަށް ސައުދީގައި ހުއްދަ ދީފައިނުވާތީ "ސިނޮފާމް" ވެކްސިން ގެ ދެ ޑޯޒު ޖަހާފައިވާ "ޔޫއޭއީ" މީހުންވެސް އެއީ ވެކްސިން ޖެހި މީހުންގެ ގޮތުގައި ސައޫދީން ގަބޫު ނުކުރުމަކީ "ޔޫއޭއީ" ހިތްހަމަ ނުޖެހޭ ކަމެކެވެ. އަނެއްކޮޅުން "ޔޫއޭއީ" އަކީ ކޮވިޑް އަށް ބެލުމެއްނެތި މުޅި ދުނިޔެއަށް ހުޅުވާލާފައިވާ ގައުމަކަށްވާތީ "ޔޫއޭއީ" ގައި ކޮވިޑް ކޮންޓްރޯލް ނުވެ ފެތުރެމުން ދާކަމަށްބުނެ "ޔޫއޭއީ" އަށް ދަތުރުފަތުރުކުރުން މަނާކުރުމަށް މިދިޔަ ހަފްތާގައި ސައޫދީން ވަނީ ނިންމާފައެވެ. މި މައްސަލާގައިވެސް "ޔޫއޭއީ" ވަނީ ސައުދީދެކެ އިންތިހާއަށް ރުޅިއައިސްފައެވެ.

މީގެއިތުރުން ސައުދީދާދިފަހުންވަނީ އެގައުމުގައި މައިމަރުކަޒުނެތް ބޭރުގެ ކުންފުނިތަކަށް ސައޫދީގެ ކޮންޓްރަކްޓްތައް މީގެފަހުން ނުދިނުމަށް ނިންމާފައެވެ. މިއީވެސް "ޔޫއޭއީ" ސައުދީދެކެ ރުޅިއައި މައްސަލައެކެވެ. ސަބަބަކީ ސައުދީގެ މި ނިންމުމުގެ ސަބަބުން "ޔޫއޭއީ" ގެ ދުބާއި ދޫކޮށް ބޭރުގެ ބައެއް ކުންފުނިތައް ސައުދީގައި މަރުކަޒު ކުރުމުގެ މަސައްކަތް ފަށާފައިވާތީއެވެ. ސައޫދީގެ މިނިންމުމުގެ ބޭނުމަކީވެސް ދުބާއިގައި މަރުކަޒު ހުންނަ ބޭރުގެ މަލްޓި ނެޝަނަލް ކުންފުނިތައް ދުބާއި ދޫކޮށް ސައުދީއަށް ބަދަލުވުމަށް މަޖްބޫރު ކުރުންކަމަށް "ޔޫއޭއީ" ދެކެއެވެ.

މީގެއިތުރުންވެސް ވިޔަފާރީގެ އެތަށް މައްސަލަތަކެއް "ޔޫއޭއީ" އާއި ސައުދީއާ ދެމެދު ވަނީޖެހިފައެވެ. މިއާއެކު ދެގައުމުގެ ގުޅުންތައް މިހާރުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

comment ކޮމެންޓް