ލާހޯރުގައި މިދިޔަ މަހު ދިން ބޮމުގެ ހަމަލާގެ ފަހަތުގައި އޮތީ އިންޑިއާ: ޕާކިސްތާން

ލާހޯރުގައި މިދިޔަ މަހު ދިން ބޮމުގެ ހަމަލާގައި ތިން މީހަކު މަރުވި -- ފޮޓޯ: އޭޕީ

ކަރާޗީ (ޖުލައި 5): ޕާކިސްތާނުގެ ލާހޯރުގައި މިދިޔަ މަހު ކާރެއް ގޮއްވާލައިގެން ދިން ހަމަލާގެ ފަހަތުގައި އޮތީ އިންޑިއާ ކަމަށް އެގައުމުގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު މުއީދު ޔޫސުފް ވިދާޅުވެއްޖެ އެވެ.

ޔޫސުފް ވިދާޅުވި ގޮތުގައި މިދިޔަ މަހުގެ 23ގައި ލާހޯރުގައި ދިން ބާރުގަދަ ބޮމުގެ ހަމަލާގެ ތަހުގީގުން ދެއްކި ގޮތުގައި އެ ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހުރީ އިންޑިއާގެ ޖާސޫސީ އިދާރާ ރިސާޗް އެންޑް އެނެލިސިސް ވިންގް (ރޯ)އަށް ނިސްބަތްވާ މީހެކެވެ. ނަމަވެސް އެމީހާގެ ވަނަވަރު އޭނާ ހާމަ ނުކުރައްވަ އެވެ.

"ޓެރަރިސްޓުންގެ އަތުން ހޯދި އިލެކްޓްރޯނިކް އާލާތްތަކާއި ފޮރެންސިކް އެނެލިސިސް މެދުވެރިކޮށް އަޅުގަނޑުމެން ވަނީ މި ޓެރަރިސްޓު ހަމަލާގައި އެންމެ އިސްކޮށް ހުރި މީހާ އާއި ބައިވެރިވި މީހުން ހޯދާފަ. އަދި އަޅުގަނޑުމެންނަށް އެއްވެސް ޝައްކެއް ނެތް ގޮތުގައި އެބަ އެނގޭ ހަމަލާގެ މޭސްތިރިއަކީ ރޯއަށް ނިސްބަތްވާ، އިންޑިއާގައި ދިރިއުޅޭ އެގައުމުގެ ރައްޔިތެއްކަން،" ޔޫސުފް ވިދާޅުވި އެވެ.

ޔޫސުފް އެފަދައިން ވިދާޅުވުމާ ގުޅިގެން، އިންޑިއާގެ ސަރުކާރުގެ އޮފިޝަލުން ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައި ކަމަށް އެގައުމުގެ ނިއުސް18 މީޑިއާއިން ރިޕޯޓު ކުރި އެވެ. އަދި އެ ތުހުމަތުކޮށްފައި ވަނީ އެއްވެސް ހެއްކަކާ ނުލައި ކަމަށް އޮފިޝަލުން ވިދާޅުވި ކަމަށްވެސް އެ ނޫހުގައިވެ އެވެ.

ލާހޯރުގައި މިދިޔަ މަހު ކާރެއް ގޮއްވާލީ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ ލަކްޝަރީ ތައިބާ އުފެއްދުމުގައި އިސް ދައުރެއް އަދާ ކުރި ހާފިޒް ސައީދުގެ ގެ ކައިރީގަ އެވެ. އެ ހަމަލާގައި ތިން މީހަކު މަރުވެ، 24 މީހަކަށް އަނިޔާވި އެވެ.

އެ ހަމަލާ ދިނީ، ސައީދުގެ މައްޗަށް ޓެރަރިޒަމަށް މާލީ ގޮތުން އެހީވުމުގެ ދައުވާ ސާބިތުވުމުން އޭނާ ޕާކިސްތާނުގެ ޖަލެއްގައި 15 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށެވެ.

އިންޑިއާއިން ތުހުމަތު ކުރާ ގޮތުގައި އެގައުމުގެ މުމްބާއީގައި 2008 ވަނަ އަހަރު ދިން ހަމަލާތަކުގެ މޭސްތިރިއަކީ ސައީދެވެ. އަދި އެ މައްސަލައިގެ ޝަރީއަތަށް ސައީދު އިންޑިއާއާ ހަވާލު ކުރަން އެގައުމުން ޕާކިސްތާނަށް ގޮވާލާފައިވެ އެވެ. ނަމަވެސް ޕާކިސްތާނުން ވަނީ ކުށްވެރިން ހަވާލު ކުރުމާ ބެހޭ އެއްބަސްވުމެއް ދެގައުމުގެ މެދުގައި ނެތުމުން، އެގޮތަށް އަމަލު ކުރެވެން ނެތް ކަމަށް ބުނެފަ އެވެ.

ނޮވެމްބަރު 2008 ގައި މުމްބާއީއަށް ދިން ހަމަލާތަކުގައި 165 މީހަކު މަރުވި އެވެ. އަދި އެ ހަމަލާތަކާ ގުޅިގެން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ވަނީ ސައީދުގެ ބޮލަށް 10 މިލިއަން ޑޮލަރު ހުށަހަޅާފަ އެވެ.

comment ކޮމެންޓް