12 ފެބްރުއަރީ 2012 އާ ގުޅޭ

ގާޑަންވިއު އިން ނުކުމުގެން ދިޔަ ކޮންމެ މީހެއްގެ ދުލުން ދެކެވެމުންދިޔައީ އެއް ވާހަކައެކެވެ. މަންސޫރުގެ ހަގު ދަރިފުޅުގެ ފަރާތުން ފެނިގެން ދިޔަ ކަންތައްތަކުގެ ވާހަކަތަކެވެ. އެކަކަށް ވެސް ނޭގިފައިވަނީ އެކަން އެގޮތަށް ހިނގުމަށް މެދުވެރިވި ސަބަބެވެ. އުފުލާލައިގެން ކަހަލަ ގޮތަކަށް އެތެރެއަށް ގެންދިޔަ އީލާކް ރޮނީ އެވެ. ކޮނޑުތަކުގައިވާ އޭނަގެ ފަރުމާކުރުންތައް އެކުލެވިފައިވާ ހެނދުންތައް ވީދާ ހަލާކު ކުރުމަށް މަސައްކަތްކުރިއެވެ. މޮޑެލް ކުރާ ކުދިންތައް ތިބުމަށް ޚާއްޞަކުރެވިފައިވާ ގޮނޑިތައް އުކާ ވަށައިގެން މޭކަޕަށް ޚާއްޞަކުރެވިފައިވާ ލޯގަނޑުތައް ތަޅަންފެށިއެވެ.
"އީލާކް، ބަލަ ދަރިފުޅާ... އީލާކް" ލާއިގާގެ އަޑު އިވިގެންދިޔައެވެ. ހަމައެއާއިއެކުހެން މަންސޫރުގެ އަޑުވެސް އެތަނުގައި ހަރުލައިގެން ދިޔައެވެ.
"ކޮބާތަ ހާޒިމް، ޒައުލް... ކޮއްކޮއަށް އަނިޔާއެއްނުވަނީސް ނިކަން ބައްޕައަށް އެހީވެދީބަލަ، އީލާކް އެއުޅެނީ މޮޔައަކު ފަދައިން..." މަންސޫރު އީލާކް ހުއްޓުވަން މަސައްކަތްކޮށް އެކަން ކާމިޔާބު ނުވުމުން ބުނެލިއެވެ.
"ބައްޕާ، ހާޒިމް އެކޮޅުގެ ކަންތައްތައް ބަލަނީހެން ހީވަނީ" ޒައުލް މަންސޫރު އާއި ގާތްވެލަމުން ބުނެލިއެވެ.
އެވަގުތު އެތަނުގައި ދެން ހަދާނެގޮތެއް ނޭގިފައި މޮޑެލްކުރާ ކުދިންތައް ކަނަކަށްގޮސް އެއްވެތިއްބެވެ. އެމީހުންގެ މޫނުމަތިން ބިރުވެރިކަން ފާޅުވޭވެހުއްޓެވެ. ލާއިގާ އެކުދިންގެ އެޖެންސީގެ ފަރާތުން އައިސް ހުރި އިސް މީހާއާއި ވާހަކަ ދެއްކުމަށްފަހު އެ އެންމެން އެތަނުން ނެރުނެވެ. އަދި ދެންތިބި ބަޔަކުވެސް ފޮނުވާލި އެވެ. މަންސޫރު އާއި ޒައުލް އީލާކްގެ ގައިގާ ހިފަހައްޓައިގަނެގެން އޭނައަށް ވިސްނާދެވޭތޯ އުޅުނެވެ.

އެކި މީޑިއާތަކުން އައި ފޮޓޯ ގްރަފަރުންނާއި ރިޕޯޓަރުން ފިޔަވައި ދެންތިބި މެހެމާނުން ގާޑަންވިއުއިން ނުކުމެ ނިމިއްޖެއެވެ. ލޫލުއާ އާއި އީލާކްގެ ދެރަހުމަތްތެރިން ކަމަށްވާ ޝުދުފާ އާއި ރޮޒޭންގެ މަސައްކަތުން މީޑިއާގެ ފަރާތްތައް ވެސް އެތަނުން ފޮނުވާލިއެވެ. އެމީހުން އެކިއެކި ސުވާލުތައް ކުރަމުންދިޔައެއް ކަމަކު އެއްވެސް ސުވާލަކަށް ޖަވާބު ދިނުމެއް ނެތިއެވެ. އަދި އެއަށްފަހު އަވަސްވެގަތީ ނަހުލާގެ ގާތަށް ދިއުމަށެވެ.

ނަހުލާއަށް ޚާއްޞަ ކުރެވިގެން މިރޭގެ ޝޯއަށް ތައްޔާރުވުމަށްޓަކައި ދެވިފައިވާ ބައިގައި އޭނަގެ މޮޑެލްސް ތަކާއިއެކު ހުއްޓެވެ. އޭނަގެ ދާދި ގާތުގައި ހާޒިމް ހުއްޓެވެ. ހާޒިމްއަށް ހާސްކަންލިބިފައިވާއިރު އޭނަ ހުރީ ނަހުލާ އާއިމެދު ވަރަށް ހިތްހަމަވެސް ނުޖެހިފައެވެ. ވަގުތުން އެތަން ހުސްކުރުމަށް އެންގިއެވެ. މޮޑެލްކުރާ ކުދިންތައް ފޮނުވާލި އެވެ. އެހެންނަމަވެސް ނަހުލާއަށް ދިއުމުގެ ހުއްދައެއް ނުދިނެވެ.
"އަޅުގަނޑަށް ފެންނަނީ ނަހުލާގެ މައިންބަފައިންނަށް ގުޅަން، ވަކީލެއްގެ ހައިސިއްޔަތުން މިހެން މިބުނީ" ހާޒިމް ރަސްމީ ސިފައެއްގައި ނަހުލާ އާއި ވާހަކަދެއްކި އެވެ. ކުރިން ބެހެއްޓި ގާތްގޮތް މުޅިންހެން ފިލުވާލިއެވެ.
"އަހަރެން ގެއަށް ފޮނުވާލާ، މިތަނުގަ އަހަރެން ބެހެއްޓުމުގެ ބޭނުމަކީކޮބާ، ކުރިކަމެއް ކުރީ އީކް އެއްނު، ގައިމު އެންމެނަށް ފެންނާނެ އޭނަ އެކުރި ކަންތައް..." ނަހުލާގެ ވާހަކަ މެދުކަނޑާލީ ޝުދުފާއެވެ.
"ޔޫ އާ އެން އީވިލް ވިޗް، ތިހާ މަކަރުވެރި ވާކަށް ނުވާނެދޯ، ކީއްވެތަ ތިހާ ބޮޑު ލަނޑެއް އީކްއަށް ނަހޫ ތިދިނީ، އީކް ކީއްކޮގެންތަ؟ އީކް ހަމައިންނައްޓާލީ ހަމަ ނަހޫ އާއި ހެދި... އޭނަގެ ހުރިހާ ޑިޒައިންތަކެއް، އެންމެ ހެދުމެއްވެސް ނެތިއްޔޭ ދޫކޮއްލާފަ... ހަމަ ހުރިހާ ހެދުމެއްގެ ޑިޒައިންތައް ތިހުރީ ކޮޕީ ކޮއްފަ، އެކަން އަހަރުމެންނަށް އެނގޭ" ޝުދުފާ އައިސް ނަހުލާގެ ކުރިމައްޗަށް ހުއްޓެމުން ބުނެލި އެވެ. އަދި އިނގިލި ދިއްކޮއްލުމާއިއެކު ނަހުލާގެ ނިތްކުރީގައި އިނގިލިޖައްސާ ކޮއްޕާލަން އޭނަ ބޭނުންވިއެވެ. އެހެންނަމަވެސް ކަމެއް ހިނގާފާނެކަމަށް ހުށިޔާރުވެހުރި ހާޒިމް މާކުޅާދާނަ އެވެ. އޭނައަށް ވިސްނި ޝުދުފާ ދުރަށް ޖައްސާލިއެވެ. ލޫލުއާ ވެސް އެކަމަށް ހާޒިމްއާއި އެއްބައިވިއެވެ.
"ތިކުރީ ވަރަށް ގޯސް ކަމެއް، ނަހުލާގެ އެކުވެރިއެއްނު އީލާކްއަކީ، އެކުވެރިއަކަށް ތިފަދަ ލަނޑެއް ދޭން ހެޔޮވެސް ނުވާނެއެއްނު، އީލާކް ކިހާ ބުރަ މަސައްކަތެއްކުރި މިޝޯއަށްޓަކައި، ނުވިތާކަށް އެންމެ ފަހުވަގުތުގައިވިޔަސް ނަހުލާއަށް މިޝޯއިން ޗާންސް ދިން، ނަހުލާ ތިކުރެވުނީ ވައްކަމެކޭ... އެވެސް އެންމެ ވައްކަމެއް ނޫން، ނަހުލާގެ ކަރުގައި މިރޭ އަޅާފައި އޮތް ފަށަކީ ވެސް އީލާކްގެ ފަށެއް..." ލޫލުއާ ޝުދުފާގެ ކޮނޑުގައި ހިފާ ދުރައްޖައްސާލަމުން ބުނެލި އެވެ.
"އިތުރަށް މިވަގުތު ވާހަކަ ނުދެއްކުން ބުއްދިވެރީ، ނަހުލާގެ މައިންބަފައިންނަށް ގުޅަން ބޭނުންނުވާނަމަ، އަޅުގަނޑަށް ޖެހޭނީ ކޯޓް ކޭސްއެއްގެ ގޮތުގައި މިކަން ކުރިއަށް ގެންދަން" ހާޒިމް ނަހުލާ އާއި ދިމާލަށް އެނބުރިލަމުން ބުނެލިއެވެ.

* * *

"ތީ ކާކުތަ؟ ކިހިނެއްވެގެންތަ ތިއުޅެނީ، އަހަރެންގެ ނަންބަރު ލިބުނީ ކިހިނެއް؟ މީހަކު ބުނެގެންތަ ތިގޮތަށް ތިޖެއްސުންކުރަނީ، އަހަރެން ބުނެފީމެއްނު ނުގުޅާށޭ، އަހަރެން ބޭނުމެއްނެތޭ ތިމީހަކާ ވާހަކަދައްކާކަށް... ކަލެއަށް މިހާރު ދިވެހިބަސް ވެސް ނޭގެނީތަ" ޔޫހާ ކޮޓަރިތެރޭ ހުރެ ބާރަށް ފޯނުން ވާހަކަ ދައްކަމުންދިޔަ އެވެ. އޭރު ކިޔާން އޮތީ ނިދާފައި ކަމުގައި ވިޔަސް އޭނަގެ އެއްވެސް ސަމާލުކަމެއް އެކަމަކަށް ދެވިފައެއްނުވެއެވެ.
"އޯ... ހާދަ ރީތި އަޑެކޭ، ރުޅި އައީތަ؟ އަހަރެން މީހަކު ރުޅިއަންނަވަރުގެ ކަމެއް ނުކުރަމެއްނު، އަހަންނަށް ދިވެހިބަސް އެނގެޔޭ، ވާހަކަވެސް މިދައްކަނީ ދިވެހިބަހުންނެއްނު، ކީއްވާނީ ލޯތްބާއިއެކު އަހަންނާ އެއްފަހަރުވެސް ވާހަކަދައްކާލިއްޔާ، އަހަންނަށް ޔޫހާ ވަރަށް ކަމުދޭ، މީހަކު ބުނެގެން އަހަރެން ކީއްކުރަން ގުޅަންވީ، މީ މީހަކަށް ކޮއްދޭ ކަމެއްނޫނޭ، އަނެއްކާ ޔޫހާ ވަރަށް ގިނަ މީހުންނަށް ފޯނު ނަންބަރު ދީގެންތަ ތިއުޅެނީ، އެހެންވިޔަސް އަހަންނަށް އެއީ މައްސަލައެއް ނޫން އެނގޭ" ޔޫހާ އާއި ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަމުން ދިޔަ މީހާ ބުނެލި އެވެ.
"ހާދަ ގޮތެއް ވެސް ނެތޭ ދޯ ތި މީހާގަނޑުގެ، ވަރަށް ފޫހިވޭ، ކަލެއަށް ދިވެހިބަސް އެނގޭކަމެއް ނޭގުނެއްނު، އަހަރެން ސާފު ދިވެހި ބަހުން ދެން ނުގުޅާށޭ ބުނީމަވެސް ތިގުޅަނީވިއްޔަ، އަހަންނެއް ނޫޅެން ވާހަކަދައްކާ ހިތަކުން، ބަލަ އެވަރަށް ގުޅާއިރު ފޯނު ނުނެގީމަވެސް ތި ސިކުނޑިއަކަށް ނުވިސްނުނުތަ އެއީ އަހަރެން ވާހަކަދައްކަން ބޭނުންނުވާތީކަން، އަދި ފާޑުފާޑުގެ އެއްޗެހި ލިޔެފަ އެބަ މެސެޖު ކުރެޔޭ" ޔޫހާ ރުޅި އައިސް ރަތްވެފައި ހުރެ ބުނެލި އެވެ. އެއްފަހަރަށްވުރެ އަނެއްފަހަރު އޭނަގެ ރުޅި ގަދަވަމުންދިޔައެވެ. އެގޮތް ނޭނގޭ ފޯންކޯލަކީ ކާކު ކުރާކަމެއްކަން އޭނަ އަށް ނޭގޭތީވެސް އޭނަގެ ރުޅި ގަދަވެފައިވެއެވެ. ޒައުލް އެފަދަ ކަމެއް ކޮއްފާނެބާއޭ އޭނަގެ ހިތަށް އެރިއެއްކަމަކު ހަމަ ހީނުވާތީ އަހަން ނުކެރިފައި ހުންނަނީ އެވެ. އެފޯން ކޯލަކާއި ހެދި ޔޫހާއަށް މިހާރު އެއްވެސް ކަމެއް ކުރެވޭވަރެއް ނުވެއެވެ. ފޯނު ނުނަގައިފިއްޔާ މެސެޖު ވެސް ފުލުފުލުގައި ކުރަނީއެވެ. އޭނަގެ އަތުގައި ފައިސާ އެބަހުރި ކަމާއި އޭނަގެ ހިތްހަމަޖައްސާލުމުގައި ޔޫހާއަށް ވެސް އޭގެ އަގާއި ހިތްހަމަޖެހުން ބަދަލުގައި ލިބިގެންދާނެކަން ވެސް ހާމަކުރަނީ އެވެ. އޭނަގެ ވާހަކަތަކާއި ކުރާ މެސެޖުތަކުން އޭނަގެ ބޭނުމަކީ ކޮބާކަން ޔޫހާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އޭނަ ބޭނުންވަނީ ޔޫހާއަށް ފައިސާދީގެން އޭނަގެ ދާން ފަޅުފިލުވާލުމެވެ. އެފަދަ ދަށުދަރަޖައަކަށް ވިސްނުން ދާންވީ ސަބަބެއް ޔޫހާއަކަށް ނުވިސްނުނެވެ. ޒައުލްއަށް އަދިވެސް އޭނަގެ މައްޗަށް އިތުބާރު ނުކުރެވޭތީ ކުރާކަމަކަށްވެދާނެއޭ ހީވާފަހަރު ވެސް މަދެއް ނޫނެވެ.

"ޔޫހާ...ޔޫހާ..." ދޮރުގައި ޖަހާލި ޓަތްކާއިއެކު ޝާއިންގެ އަޑުއިވިގެން ދިޔައެވެ. ހަމައެވަގުތު ޔޫހާ އޭނަ ބުނަންބޭނުންވި އެއްޗެއް ބުނެފައި ފޯނު ކަނޑާލި އެވެ. އަދި މީހާ ހަމަޖެހިލުމަށް ފުންނޭވާއެއް ބޭރުކޮއްލުމަށްފަހު ކޮޓަރީގެ ދޮރު ހުޅުވައިފިއެވެ.
"ޔޫހާ ވާހަކަދައްކާ އަޑު އެބައިވޭ ދޮރުން ބޭރަށް ވެސް، ކިހިނެއްތަވީ؟ ކަމެއް ގޯސްވެގެންތަ ތިއުޅެނީ، އަނެއްކާ... ކިޔާންގެ ބައްޕަގެ ކަމެއްތަ؟" ޝާއިން ޝައްކެއްގެ މަތީހުރެ ބުނެލިއެވެ.
"ސޮރީ...ވަރަށް ފޫހިވޭ މިހާރު ފޯނު ގެންގުޅެން ވެސް" ޔޫހާ ކޮޓަރިން ނުކުމެ ދޮރު ކައިރިކޮއްލަމުން ބުނެލިއެވެ. ބުނެލިގޮތުން ވެސް ޝާއިންއަށް ކަމެއް ގޯސްވެއްޖެކަން އެނގުނެވެ.
"ކާން ހަދަންވީދޯ، އަހަރެންވެސް ވަރަށް ބަނޑުހައިވެއްޖެ، ކޮބާތަ އަފޫ" ޔޫހާ ޝާއިންއަށް ބަލާލަމުން ބުނެލިއެވެ. އޭނަ ވާހަކަ ބަދަލުކޮއްލަނީކަން ޝާއިންއަށް ނަގައިގަނެވުނެވެ.
"އަފޫ މިރޭ ނުކާނަމޯ، އޭނަގެ ރައްޓެހި ކުދިންނާއިއެކު މިރޭ ބޭރަށް ދާން އުޅެނީ، އަސްލު އަހަރެން ޔޫހާ ހޯދަން މިދިޔައީ ކިޔާން ނިންދަވަން ވަންގޮތަށް ނުނިކުތީމަ، އެހެންވެ... ދެން ބުނެބަލަ، އަސްލު ކިހިނެއް ވެގެންތަ ތިއުޅެނީ، ފޯނުދެކެ ތިހާ ފޫހިވާންވީ ސަބަބެއް އޮންނާނެކަން އެނގޭ، އަހަރެން ގާތު ބުނެބަލަ" ޝާއިން ޔޫހާގެ ފަހަތުން ގޮސް ކާކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. ޔޫހާ ކާން ހަދަން އުޅެމުން އެންމެ ފަހުން އޭނައަށް އަންނަ ގޮތްނޭގޭ ފޯން ކޯލްގެ ވާހަކަ ކިޔާދޭން ފެށިއެވެ.
"ޕާކްވިއުގަ އުޅޭމީހެއްހެން ހީވަނީ މިކަމެއް މިކުރަނީ، އަހަރެން ބަލައިފިން އެއީ ކާކުގެ ނަންބަރެއްތޯ ވެސް، ކޮންމެވެސް ބިދޭސީ މީހެއްގެ ނަމުގަ ނަގާފައިނީ، އަހަރެން މިހާރު ބޯ ގޮވައިފި މިކަމަކާ ހުރެވެސް، ލަދުގަނޭ ބައެއްފަހަރު އެ ފޮނުވާފަ ހުންނަ މެސެޖުތައް ކިޔަންވެސް" ޔޫހާ ދެފަރާތަށް ބޯހޫރުވާލަމުން ބުނެލި އެވެ.
"އަހަންނަށް ދީބަލަ ތިނަންބަރު، ދެން ދައްކަބަލަ އެމީހަކު ފޮނުވާފަ ހުރި މެސެޖުތައް" ޝާއިން ވިސްނަން އިނދެފައި ބުނެލިއެވެ. ޔޫހާ ނަންބަރު ދޭން އެއްބަސްވިޔަސް ފޯނުގައި ހުރި މެސެޖުތައް ކިޔުމަށް ފޯނު ދޭކަށް އެއްބަހެއް ނުވިއެވެ. އެހެންނަމަވެސް ކާމޭޒުދޮށުގައި ޝާއިން އާއިއެކު ރޭގަނޑުގެ ކެއުމުގައި ބައިވެރިވި ޔޫހާ ފޯނު މޭޒުމަތީގައި ބޭއްވިއެވެ. ހަމައެވަގުތު ޝާއިން ޔޫހާގެ ފޯނު ނެގިއެވެ. އަދި މެސެޖުބައި ހުޅުވައިގެން ކިޔަންފެށިއެވެ. އޭނައަށްވެސް ހައިރާންކަން ލިބިގެން ދިޔައީ އެ ނަންބަރުން ޔޫހާއަށް ގުޅާފައިވާ އަދަދު ފެނުމުންނެވެ. އަދި ލިބިފައި ހުރި މެސެޖު ގިނަކަމުން ވެސް މެއެވެ. މެސެޖުތައް ކިޔަމުންދިޔަ ވަރަކަށް ޝާއިންގެ ގާތަށް ވެސް އައީ ރުޅިއެވެ.
"ކޮންކަހަލަ ގޮތެއްނެއް މީހެއް، ޔަގީންތަ ޔޫހާއަށް މިމީހަކު ނޭގޭކަން، އޭނަގެ ވާހަކަތަކުން ހީވަނީ ޔޫހާގެ ގާތުގައި އުޅޭ ޔޫހާ ފެނިދެނެވިވާ މީހެއްހެން..." ޝާއިން ބުނެލިއެވެ.
"އަނެއްކާ ފައުޒީ..." ޔޫހާއަށް ވިސްނަން އިނދެ މަޑުމަޑުން ބުނެލެވުނެވެ. އެހެންނަމަވެސް އެއަޑު ސާފުކޮށް ޝާއިންއަށް އިވުނެވެ.
"ފައުޒީއޭ، ޕާކްވިއުގެ ސީނިއަރ މެނޭޖަރ... އޭނައަކީ މިކަހަލަ މީހެއްތަ، އަންހެނުން ކަންތައް ވަރަށް ބޮޑު މީހެއްތަ؟" ޝާއިންއަށް ހައިރާންކަމާއިއެކު އަހާލެވުނެވެ.
"ނޭގެ" ޔޫހާ މާޔޫސްކަމާއިއެކު ބުނެލިއެވެ. އޭނަ ދުވަހަކު ވެސް އެއްކޮށް އުޅޭ މުވައްޒަފުން ގާތު ފައުޒީ އާއި ބެހޭގޮތުން ސުވާލެއް ނުކުރެއެވެ. ހައްތަހާވެސް އެމީހުން އެއްޗެއް ހީކޮއްފާނެއޭ ހިތާ ފަސްޖެހެވެނީ އެވެ. ފެންނަ ފެނުމަށް އޭނައަކީ މުވައްޒަފުންނާ ވަރަށް ރައްޓެހި ރަނގަޅު މީހެކެވެ. އަދި ޒައުލްގެ އިހްތިރާމް ލިބިގެންވާ މީހެކެވެ.
"ދެން ކީއްވެ ޔޫހާ ތިބުނީ ފައުޒީބާއޭ، އަނެއްކާ އޭނަގެ ފަރާތުން ކަމެއް ހިނގީތަ؟" ޝާއިން މިހެން ބުނެލިއިރު ވެސް އިނީ ލިބުނު ހައިރާންކަމާއިއެކު ޔޫހާއަށް ބަލަންށެވެ.

* * *

ހާޒިމްގެ ވާހަކަ އަޑުއިވި ނަހުލާ ޖެހިލުންވިއެވެ. ބަދަލު ހިފުމުގެ ނިޔަތުގައި ވިސްނުމެއްނެތި އޭނައަށް ކުރެވުނު ކަމެކެވެ. މިހާރު އޭނަ އާއި ދިމާލަށް އިނގިލި ދިއްކުރެވޭނޭ އެތަށް ކަމެއް އެބަހުއްޓެވެ. ޚާއްޞަކޮށް މަންސޫރު އާއިލާއިން އޭނަ ދޫކޮށް ނުލާނެކަން އެނގޭއިރު ވެސް އެނަ ގޮތްދޫކުރާކަށް ބޭނުމެއްނުވިއެވެ. އެންމެ ފަހުން ހާޒިމްގެ ހަބަރު ބަލަން އައި ޒައުލް ނަހުލާގެ މައިންބަފައިންނަކީ ކޮބާތޯ ބެލުމަށް އަދި އެމީހުންނަށް ގުޅާފައި ހިނގާދިޔަ ކަންތަކުގެ ވާހަކަ އެންގުމަށް ހާޒިމްގެ ގާތުގައި ބުންޏެވެ. އަދި އެއްބާރުލުމެއް ނުލިބިއްޖެނަމަ ސީދާ ކޯޓަށް މި މައްސަލަ ގެންދިއުމަށްވެސް ޒައުލް ހާޒިމްއަށް އެންގިއެވެ.

އާފާގު އާއިއެކު ގެއަށް ވަތް ޒަރާނާ އަދިވެސް ހުރީ ބޮޑު ފިކުރެއްގެ ތެރޭގައެވެ. އެމީހުންނަށްވެސް އެހެން މެހެމާނުން ތަކާއިއެކު ނުކުންނަން ޖެހުނީތީ ޒަރާނާ ކުޑަކޮށް ހިތްހަމަނުޖެހުނެވެ. ދަރިފުޅަށް ވީގޮތެއް ބެލުމަށް އޭނަ ދާން ބެނުންވިއެވެ. އެހެންނަމަވެސް އެކަކުވެސް އޭނަ ކޮބާތޯ ބަލައެއް ނުލިއެވެ. ރީތިވާ މޭޒުގެ ކައިރީ އިށީނދެލައިގެން އިނދެ މަޑު މަޑުން ގަހަނާތައް ބާލަމުން ދިޔަ ޒަރާނާ ބަސްހުއްޓިފައި ފިކުރުގެ ތެރެއަށް ގެއްލިފައި އިނެވެ.
"ޒަރާ... އަދިވެސް ތިވިސްނަނީ އީލާކް އާއި ދޭތެރޭތަ؟" އާފާގު ޒަރާނާގެ ފަހަތުން އައިސް ހުއްޓިލަމުން ޒަރާނާގެ ކޮނޑުގައި އަތްބާއްވާލާފައި ބުނެލިއެވެ.
"ނޫން ނޫން، އީލާކް އަހަރެންނަކަށް ބޭނުމެއް ނުވާނެއެއްނު، އޭނަގެ ވަށައިގެން މިހާރުވެސް އެތަށް ބަޔަކު އުޅޭނެ، އަހަރެންގެ އުނިކަމެއް މިހާދުވަސްވީއިރު ވެސް ފާހަގައެއްނުވޭ" ޒަރާނާ މިހެން ބުނެ ދެލޯމަރާލީ ހިތުގައިވާ މައިވަންތަކަމުގެ ލޯބި ފަރުދާކޮއްލަމުންނެވެ. އަދި ކޮނޑުގައި ބާއްވާލާފައި އޮތް އާފާގުގެ އަތުގައި އޭނާގެ ކޯތާފަތް ޖައްސާލީ ވަރުބަލި ގޮތަކަށެވެ.
"ޒަރާ، އަހަރެން އަބަދުވެސް ބުނަމެއްނު ނުވިސްނާށޭ ކަންތައްތަކާ، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ، މިހާ ޒަމާންކޮއްފަ އަހަރުމެންނަށް ދައުވަތެއް ލިބުނުކަންވެސް އެއީ ގުޅުން ބަދަހިވެދާނެ ކަމުގެ އަލާމާތެއް ނޫންތަ" އާފާގު އޭނަގެ އަނެއް އަތުން ޒަރާނާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ޒަރާނާ ވެސް ހޫން ލައްވާލަމުން އާފާގު އާއި އެއްބަސްވި އެވެ.

ނަހުލާ އެއްވެސް ކަމެއް ގަބޫލުނުކުރި ކަމުގައި ހާޒިމް އޭނަގެ ބައްޕައަށް ގުޅިއެވެ. ކަންތައް ހިނގާ ދިޔަގޮތް ކިޔާދިނެވެ. އެންމެ ފަހުވަގުތު ޝޯގައި ބައިވެރިވެ އަދި އޭނަގެ ފަރާތުން އެކަކުވެސް ޝޯއަށް ގެނެސްފައެއް ވެސް ނުވެއެވެ. އެކަންވެސް އެންމެނަށް ފާހަގަކުރެވުނީ މާފަހުންނެވެ.(ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު