އައްބާސްއާ ދެކޮޅު މުޒާހަރާއަށް ފަހު އިސްރާއީލުން ފަލަސްތީނުގެ ވަކީލަކު ހައްޔަރުކޮށްފި

އިސްރާއީލުން ވަނީ ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ވަކީލެއް ކަމަށްވާ ފަރީދު އަލް އަތުރަޝް ހައްޔަރުކޮށްފަ -- ފޮޓޯ: އޭއެފްޕީ

ގުދުސް (ޖުލައި 5): ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ދެކޮޅަށް ހުޅަނގު އައްސޭރީގައި ބޭއްވި މުޒާހަރާއެއްގައި ބައިވެރިވި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ވަކީލެއް ކަމަށްވާ ފަރީދު އަލް އަތުރަޝް އިސްރާއީލުން ހައްޔަރުކޮށްފި އެވެ.

ފަލަސްތީނުގެ އިންޑިޕެންޑެންޓް ކޮމިޝަން ފޯ ހިއުމަން ރައިޓްސް (އައިސީއެޗްއާރު)އިން ނެރުނު ބަޔާނެއްގައިވާ ގޮތުން އިއްޔެ އަލް އަތުރަޝް ހައްޔަރު ކުރީ ރާމަﷲގައި އައްބާސްގެ ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާއަކަށް ފަހު ގެޔަށް ދަނިކޮށެވެ. އަދި އިސްރާއީލްގެ ޗެކްޕޮއިންޓަކުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެގައުމުގެ ހޮސްޕިޓަލަކަށް ގެންދިޔަ ކަމަށް އެ ބަޔާނުގައިވެ އެވެ.

އަލް އަތުރަޝްގެ އެކުވެރިއެއް އަދި އެކްޓިވިސްޓެއް ކަމަށްވާ އީސާ އަމްރޯ ބުނި ގޮތުގައި އޭނާ ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް ފުލުހުން އަދިވެސް ދަނީ އޭނާއާ ސުވާލު ކުރަމުންނެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ ސަބަބެއް އެނގިފައި ނުވެ އެވެ.

އައިސީއެޗްއާރުން ވަނީ އަލް އަތުރަޝް ވަގުތުން ދޫކޮށްލުމަށް ގޮވާލާފަ އެވެ. ނަމަވެސް އޭނާ ހައްޔަރު ކުރުމާ ބެހޭ ގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިންވެސް ފުލުހުންވެސް އަދި އެއްޗެކޭ ބުނެފައި ނުވެ އެވެ.

އަލް އަތުރަޝް ވަނީ ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ބާރު ފޯރުވުމާ ދެކޮޅަށްވެސް މީގެ ކުރިން މުޒާހަރާކޮށްފަ އެވެ.

ހުޅަނގު އައްސޭރީގައި ސަލާމަތީ ކަންތައްތައް ބަލަހައްޓަނީ އިސްރާއީލާއި އައްބާސްގެ ސަރުކާރުން ގުޅިގެންނެވެ. އަދި އެ ސަރުކާރާ ދެކޮޅަށް މިހާރު ފަލަސްތީނުގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި އެ ސިޔާސަތާ ދެކޮޅަށްވެސް މީހުން އަޑު އުފުލަމުން ގެންދެ އެވެ.

އެ މުޒާހަރާތައް ފެށުނީ މިދިޔަ މަހުގެ 24ގައި ފަލަސްތީނުގެ ފުލުހުން، ސަރުކާރާ ދެކޮޅު އެކްޓިވިސްޓެއް ކަމަށްވާ ނިޒާރު ބަނަތު ހައްޔަރު ކުރި ފަހުން އޭނާ މަރުވުމުންނެވެ. ބަނަތުގެ އާއިލާއިން ބުނި ގޮތުގައި އޭނާ ހައްޔަރު ކުރި އިރު ފުލުހުން އޭނާއަށް މުގުރުބުރިން ހަމަލާ ދިނެވެ. އަދި އެ އަނިޔާއާ ހެދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފަ އެވެ.

ބަނަތު ވަނީ ފަލަސްތީނުގެ ސަރުކާރާ މެދު ނުރުހުން ފާޅުކޮށް، އެ ސަރުކާރުގެ ހުދުމުހުތާރު ކަމާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މައްސަލަތައް އިތުރުވަމުންދާ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. އަދި ހުޅަނގުގެ ގައުމުތަކުން އެ ސަރުކާރަށް އެހީ ފޯރުކޮށްދިނުން ހުއްޓާލުމަށް ގޮވާލާފަ އެވެ.

މީގެ އިތުރުން އެ މުޒާހަރާތައް ކުރިއަށްގެންދަނީ، ފަލަސްތީނުގައި އައްބާސަށް އޮތް ތާއީދު ކުޑަ ވަމުންދާ ކަމަށް ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާފައި ވަނިކޮށެވެ.

comment ކޮމެންޓް