ހުކުމްކޮށްފިނަމަ ޖަލަށްދާނަން: މަހުލޫފް

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ހުކުމްކޮށްފިނަމަ ޖަލަށް ވަޑައިގަންނަވާނެކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހުލޫފު ހުންނެވި އިރު އޭރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 އެމެރިކާ ޑޮލަރު މަހުލޫފަށް ދީފައިވާކަން ތަހުގީގަށް ހާމަވާ ކަމަށެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ އިރު, އޭނާ މިވަގުތު ހުރީ މިނިސްޓަރުކަމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައެވެ. ނަމަވެސް މަހުލޫފް މީގެ ކުރިން ވަނީ ހިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައިވާ ކަމަށް ދެކޮޅު ހައްދަވާފައެވެ.

ރޭ ކުލަބުހައުސްގައި ކުރިޔަށް ދިޔަ ސެޝަނެއްގައި ވާހަކަދައްކަވަމުން މަހުލޫފް ވިދާޅުވީ އެ މައްސަލައިގައި ހުކުމް ކޮށްފިނަމަ ޖަލަށް ވަޑައިގަންނަވާނެ ކަމަށެވެ.

"ހުކުމްކޮށްފިނަމަ ޖަލަށްދާނަން އިރާދަކުރެއްވިޔާ.ހަމަގައިމުވެސް ފިލައިގެން ނުދާނަން" މަހުލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން، އިސްތިއުފާ ނުދެއްވާ އަދިވެސް މަގާމުގައި ހުންނެވީ ކީއްވެގެންތޯ ސުވާލުކުރުމުން މަހުލޫފް ވިދާޅުވީ އޭނާގެ މައްޗަށް އަދި ދައުވާ ނުކުރާ ކަމަށާއި ދައުވާކުރާ ހިސާބުން މަގާމުން އިސްތިއުފާ ދެއްވާނެކަމަށެވެ.

https://sun.mv/153191

"ދެން މި އިސްތިއުފާ ކަންތަކުގައި އަޅުގަނޑު ދެންނެވިން ދެއްތޯ. އަޅުގަނޑުގެ މައްޗަށް ދައުވާނުކުރޭ. ދައުވާކުރުމަކީ ޕްރޮސެކިޔުޓަރ ޖެނެރަލް ކޯޓަށް މައްސަލަ ފޮނުވުން. އެހެންވީމާ އޮންނަ އުސޫލުގެ ތެރެއިން އެކަން ކޮށްފިއްޔާ އަޅުގަނޑު އެންމެ ދުވަހަކުވެސް، އެންމެ މިނެޓަކުވެސް ހުންނާކަށް ބޭނުމެއް ނޫން" އޭނާ ވިދާޅުވިއެވެ.

މަހުލޫފުގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ އިރު, އޭނާގެ މައްޗަށް ދައުވާ ކުރުމާ ގުޅޭގޮތުން ވަކި ގޮތަކަށް އަދި ނުނިންމައެވެ.

އޭސީސީއިން މީގެ ކުރިން ބުނެފައިވަނީ އެސްއީޒީ ބިލު ފާސްކުރުމަށް ވޯޓު ދިނުމަށް 27 އޮގަސްޓު 2014 ގައި މަހުލޫފު މަޖިލީހަށް ހާޒިރުވެފައިވަނީ މެލޭޝިއާއިން ސީދާ ވޯޓަށް ކަމަށާއި އެސްއޯއެފްގެ ޗެކަކުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާކަންވެސް ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ.

މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ 33،000 ޑޮލަަރަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއްކަމަށް ބުނެ އެސްއޯއެެފްގެ ނަމުގައި ތަައްޔާރުކޮށްފައިވާ "ޕޭމެންޓް ރިސީވްޑް" ސްލިޕެއް މަހުލޫފު އޭސީސީއަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް، އެ ފައިސާއަކީ ޑޮލަރު ގަތުމުން ދިން ފައިސާކަން ތަހުގީގުން ބެލި ބެލުމުން އެނގެން ނެތް ކަމަށްވެސް އޭސީސީ އިން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީ ޚިޔާނުތުގެ މައްސަލަ އާއި ގުޅިގެން މީގެކުރިންވެސް މަހުލޫފްވަނީ 2019 ވަނަ އަހަރު ސަސްޕެންޑުކޮށްފައެވެ.

comment ކޮމެންޓް