ހަރަދު ކުޑަކުރަން ބާސެލޯނާއިން ޕިޔަނިޗްއާއި އުމްޓިޓީ ވިއްކާލަނީ

ބާސެލޯނާގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް (ކ) އާއި ޑިފެންޑަރު ސަމުއެލް އުމްޓިޓީ (ވ): މި ދެ ކުޅުންތެރިން ވިއްކާލުމަށް ބާސެލޯނާއިން ވަނީ ނިންމާފައި --- ފޮޓޯ//ބީބީސީ

ބާސެލޯނާގެ ދަރަނިތައް ބޮޑުވުމާ ގުޅިގެން ހަރަދުތައް ކުޑަ ކުރުމަށް ކުލަބު މެނޭޖްމެންޓުން ނިންމާފައި އޮތް ނިންމުމާއެކު މިދިޔަ ސީޒަނުގައި އެ ޓީމަށް ބޮޑު އަގުގައި ގެނައި މިޑްފީލްޑަރު މިރަލެމް ޕިޔަނިޗްއާއި ތަޖުރިބާކާރު ޑިފެންޑަރު ސަމުއެލް އުމްޓިޓީ ވިއްކާލަން ނިންމައިފި އެވެ.

ޕިޔަނިޗް 31، މިދިޔަ ސީޒަނުގައި ބާސެލޯނާއަށް ގެނައީ 60 މިލިއަން ޔޫރޯގެ އަގަކަށެވެ. ބާސާއަށް ކުޅެމުން އައި ޒުވާން މިޑްފީލްޑަރު އާތުރް ޔުވެންޓަސްއަށް ވިއްކާލުމާ އެކު ޕިޔަނިޗް ގެނައި ނަމަވެސް ކުރީ ސީޒަނުގައި އޭނާ ބާސެލޯނާގެ ފުރަތަމަ އެގާރައިން ފުރުސަތު ދިނީ އެންމެ 13 މެޗުންނެވެ. އަދި އެހެންމެ ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަންގެ ސިސްޓަމަށް ޕިޔަނިޗް ނުފެތޭ ކަމުގެ ޝަކުވާތަށް ވެސް އޮތީ ފެންމަތިވެފަ އެވެ.

އަނެއްކޮޅުން ބާސެލޯނާގައި ހަ އަހަރެއް ވުރެން ގިނަ ދުވަހު ކުޅެފައިވާ ފްރާންސްގެ ޑިފެންޑަރު އުމްޓިޓީ ވެސް މިދިޔަ ސީޒަނުގައި ކުޅެފައިވަނީ 13 މެޗެވެ. އަނިޔާގެ މައްސަލަތަކާއި، ފޯމު ކެޓުމުގެ ސަބަބުން ޓީމުން ޖާގަ މަދުވާން ފެށި އުމްޓިޓީއަކީ ވެސް ކޫމަންގެ ޕްލޭނުގައި ފަހަކަށް އައިސް މުހިއްމު ކުޅުންތެރިއެއް ނޫނެވެ.

ބާސެލޯނާގެ ކުރީގެ ރައީސް ޖޯސެޕް ބާޓޮމެއޫގެ ދުވަސްވަރު ހިނގާފައި އޮތް "ބޮޑެތި ޖަރީމާތަކުން" ކުލަބުގެ ދަރަނި އަތް ނުފޯރާ ވަރަށް ގޮސްފައި އޮތްކަން މިހާރުގެ ރައީސް ޖޯއާން ލަޕޯޓާ ހާމަކޮށްފައިވާ އިރު، އެ ޓީމުން މިިދިޔަ ޓްރާންސްފާ މާކެޓުގައި ވެސް ވަނީ ގިނަ ކުޅުންތެރިންތަކެއް ދޫކޮށްފަ އެވެ. އެހެން ނަމަވެސް ކުޅުންތެރިންގެ ކޮންޓްރެކްޓް އަހަރުތަކަށް ދެމިގެން ގޮސްފައިވާތީ ކުޅުންތެރިން ވިއްކުމުގައި ކުލަބަށް އޮތީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.

އެގޮތުން ޕިޔަނިޗްގެ ކޮންޓްރެކްޓް އިތުރު ތިން އަހަރަކަށް އޮތް އިރު، އުމްޓިޓީގެ އެއްބަސްވުމުގައި އަދި ދެ އަހަރު އެބައޮތެވެ. އެހެން ކަމަށްވާ ނަމަ މި ކުޅުންތެރިން ވިއްކާލަން ބާސެލޯނާއިން ބޭނުންވެއްޖެ ހާލަތެއްގައި އެކުޅުންތެރިންނަށް ބޮޑު އަދަދަކަށް ފައިސާ ދައްކަން ޖެހޭނެ އެވެ.

ބާސެލޯނާއިން މިފަހުން ވަނީ މިދިޔަ ސީޒަނުގައި އެކުލަބުގެ ސްކޮޑުން ފުރަތަމަ ފަހަރަށް ޖާގަ ހޯދި ފްރެންސިސްކޯ ޓްރިންކާއޯ ލޯނަށް ދޫކޮށްފަ އެވެ. ވިންގަކަށް ކުޅެމުން އަންނަ ޓްރިންކާއޯ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ބާސެލޯނާގެ ފޭނުންގެ ލޯބި ހޯދި އިރު، އޭނާ ލޯނުގެ އުސޫލުން ދޫކޮށްފައިވަނީ އިނގިރޭސި ޕްރިމިއާ ލީގަށް ކުޅެމުން އަންނަ ވޮލްވާހަމްޓަނަށެވެ.

މީގެ އިތުރުން މިވަގުތު ކޮންޓްރެކްޓް ހަމަވެފައިވާ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީގެ ކޮންޓްރެކްޓް އައުކުރުމުގެ މަސައްކަތް ބާސެލޯނާއިން އަންނަނީ ކުރަމުންނެވެ. މީގެ ކުރިން ކުލަބު ދޫކޮށްލަން ބޭނުންވާކަން އިއުލާން ކުރި މެސީ ބާސެލޯނާގައި ކުރިއަށް އޮތް ދެ ސީޒަނުގައި މަޑު ކުރުމަށް ބާސެލޯނާއިން ތައްޔާރުކުރަމުން އަންނަނީ 200 މިލިއަން ޔޫރޯގެ ޕްރޮޕޯސަލެއް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް