އަނެއްކާވެސް ޕާކިސްތާނަށް ޓިކްޓޮކް!

ޓިކްޓޮކް--

ޕާކިސްތާނުގައި އަލުން ޓިކްޓޮކް ބޭނުންކުރަން ފަށައިފިއެވެ.

ޕާކިސްތާނުގައި އަލުން ޓިކްޓޮކް ބޭނުންކުރަން ފެށުނީ ހޮނިހިރު ދުވަހު އެ ގައުމުގެ ޕްރޮވިންސް ކޯޓަކުން ޓިކްޓޮކް ބޭނުންކުރުން މަނާކުރަން ނިންމި ނިންމުން އަނބުރާ ނެގުމާއެކުއެވެ. މި ނިންމުން އަނބުރާ ނެގިކަމުގައިވީ ނަމަވެސް ކޯޓުން ވަނީ ޓިކްޓޮކާމެދު މީހުންކުރަމުން އަންނަ ޝަކުވާތަކަށް ޖަވާބެއް ދިނުމަށް ޓިކްޓޮކަށް އަންގާފައެވެ.

އާންމު މީހެއް ހުށަހެޅި ޝަކުވާއާއެކު ޕާކިސްތާނުގެ ސިންދު ކޯޓުންވަނީ ޗައިނާގެ އެ އެޕްލިކޭޝަން ބޭނުންކުރުން މަނާކަމަށް ނިންމާފައެވެ. އެއާއެކު ޕާކިސްތާން ޓެލެކޮމްސް އޮތޯރިޓީ (ޕީޓީއޭ) ޓިކްޓޮކް ތިން ވަނަ ފަހަރަކަށް ބްލޮކު ކުރިއެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ގޮވާލާ ގިނަބަޔަކު އަންނަނީ ޕާކިސްތާނު ސަރުކާރުގެ މި އަމަލުތަކާމެދު ނުރުހުން ފާޅުކުރަމުންނެވެ. އަދި އެ ގައުމުގެ މީޑިއާ އާއި އިންޓަނެޓުގެ ބާރު ހޯދުމަށް ކުރާ މަސައްކަތަށްވެސް އެ މީހުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ޕާކިސްތާނުގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރުމާއެކު ޓިކްޓޮކް މެދުވެރިކޮށް އޮންލައިން ވިޔަފާރި އިޝްތިހާރުކުރާ ގިނަބަޔަކަށް ވަނީ ގެއްލުންތަކާ ކުރިމަތިވެފައެވެ.

މީގެކުރިން ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފައިވަނީ މާޗްމަހުގެ ތެރޭ އިޖުތިމާއީ މިންގަނޑަށް ނުފެތޭ ވީޑިއޯތަކެއް ދައުރުވާން ފެށުމާއެކުއެވެ.

comment ކޮމެންޓް