އޮމެގާ3 ފެޓީއެސިޑުން އެތައް ފައިދާއެއް

އޮމެގާ3 ފެޓީއެސިޑު އެކުލެވިގެންވާ ބައެއް ކާނާ

އޮމެގާ3 ފެޓީއެސިޑަކީ ވަރަށް ގިނަ ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. އޮމެގާ3 ފެޓީއެސިޑާ ގުޅޭގޮތުން ހެދިފައިވާ ދިރާސާތައް ދައްކާގޮތުން މިއީ ސިކުނޑިއަށާއި ހަށިގަނޑަށް ފައިދާހުރި މާއްދާއެކެވެ.

އޮމެގާ3 ފެޓީއެސިޑަކީ ޑިޕްރެޝަނާއި އެންޒައިޓީއިން ދުރުކޮށްދޭ އެއްޗެކެވެ. ނަފްސާނީ މައްސަލަތައް ދިމާވާން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ޑިޕްރެޝަނެވެ. މި ބަލީގެ އަލާމާތްތައް ކަމުގައިވާ ހިތްދަތިކަމާއި މާޔޫސްކަމުން ދުރުކޮށްދިނުމަށް އޮމެގާ ފެޓީއެސިޑުގައިވާ މާއްދާތައް އެހީވެދެއެވެ.

ލޮލުގެ ފެނުމަށް ދިމާވާ ތަފާތު އެކިއެކި މައްސަލަތަކަކީ ސިއްހީގޮތުން ފަރުވާ ހޯދަންޖެހޭ މުހިންމު މައްސަލަތަކެކެވެ. އެގޮތުން އޮމެގާ3 ފެޓީއެސިޑުގައި ހިމެނޭ ޑީއެޗުއޭ މާއްދާއަކީ ލޮލުގެ ރެޓިނާއަށް މުހިންމު މާއްދާއަކަށް ވާއިރު މި މާއްދާ ނުލިބޭނަމަ ފެނުމުގައި މައްސަލަތައް ކުރިމަތިވުމަކީ އެކަށިގެންވާ ކަމެކެވެ. ހަމައެއާއެކު އޮމެގާ3 ގެ ސަބަބުން ލޮލުގެ ފެނުން ގެއްލުވާލައި މެކިޔުލާ ޑީޖެނެރޭޝަން ބަލީގެ ނުރައްކާވެސް ކުޑަކޮށްދެއެވެ.

މާބަނޑު އަންހެނުން މާބަނޑު ދުވަސްވަރު އޮމެގާ3 ބޭނުންކުރުމަކީ ބަނޑުގައި އޮންނަ ދަރިފުޅުގެ ހެދިބޮޑުވުމަށްވެސް ފައިދާކުރާ ކަމެކެވެ. އެގޮތުން ކުއްޖާގެ ސިކުނޑި ތަރައްގީވުމުގައާއި ކުއްޖާގެ ހެދި ބޮޑުވުމުގައި އޮމެގާ3 ގެ ދައުރު ބޮޑެވެ. އޮމެގާ3ގެ ސަބަބުން ކުއްޖާގެ ވިސްނުމުގެ ބާރު ގަދަކޮށް ކުއްޖާގެ ވާހަކަދެއްކުމުގެ ހުނަރާއި އިޖުތިމާއީ ހުނަރުތައް ތަރައްގީވުމަށް މަގުފަހިކޮށްދެއެވެ. މީގެ އިތުރުން ހެދިބޮޑުވުމުގައި ލަސްތައް ދިމާވުން ދުރުކޮށްދީ އޯޓިޒަމް ފަދަ ބަލިތަކުންވެސް ކުއްޖާ ރައްކާތެރިވުމަށް މަގުފަހިކޮށްދެއެވެ.

ހިތުގެ ބަލިތަކަކީ ގިނަ ބަޔަކު ދުނިޔެ ދޫކުރާ މައިގަނޑު އެއް ސަބަބެވެ. ހިތުގެ ބަލި ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށްޓަކައިވެސް އޮމެގާ3 ފެޓީއެސިޑަކީ މުހިންމު ދައުރެއް އަދާކޮށްދޭ އެއްޗެކެވެ. އެގޮތުން ލޭގެތެރެއިން ފެންނަ ފެޓްސްގެ މާއްދާއެއްކަމުގައިވާ ޓްރިގްލިސެރައިޑްސް 15 ޕަސެންޓާއި 30 ޕަސެންޓާ ދެމެދުގެ މިންވަރަކަށް މަދުކޮށްދެއެވެ. ލޭގެ ޕްރެޝަރު ދަށްކޮށް ލޭހޮޅިތައް ބެދުމަށް މަގުފަހިވާ ނުރައްކާތެރި ބްލަޑްކޮލްޓްސް އުފެދުމުންވެސް ދުރުކޮށްދެއެވެ.

އޮމެގާ3 ފެޓީއެސިޑް އެންމެ ގިނައިން އެކުލެވިގެންވަނީ މަހުގެ ބާވަތްތަކުގައެވެ. އޭގެ އިތުރުން ވޯލްނަޓްސް އާއި ޗިއާ ސީޑްސް ފަދަ ނަޓްސްގެ ބާވަތްތަކުންނާއި ސޯއީބީން އޮއިލް އަދި ކެނޯލާ އޮއިލް ފަދަ ގަސްގަހާގެހީގެ ތެލުންވެސް އޮމެގާ 3 ފެޓީއެސިޑް އެކުލެވިގެންވެއެވެ.

comment ކޮމެންޓް