އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން އަމުރެެއް ނުނެރެދިން، ޕީޖީން ހައިކޯޓަށް!

މާޗް 8، 2020: ކޮވިޑ 19 އާ ބެހޭގޮތުން ޓުއަރިޒަމް މިނިސްޓްރީ އިސްބޭފުޅުންނާއިއެކު ރައީސް އޮފީހުގައި ބޭއްވި ޕްރެސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިންސީ ގޯނާގެ ކުށުގެ ދައުވާއުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓުގައި އެދުމުން ކްރިމިނަލް ކޯޓުން އެ އަމުރު ނުނެރެދިނެވެ. ޕީޖީން މިއަދު ވަނީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުވެސް ކޮށްފައެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދުނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.

މިކަމާ ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޭނާގެ ބްލޮގުގައި އަޕްލޯޑުކޮށްފައިވާ "ހަފްތާ ރިވިއު" ގައި ބުނެފައިވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައިދިނުން އެދުނު މައްސަލައިގައި ކްރިމިނަލް ކޯޓުން ބުނެފައިވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މަގްސަދެއް އޮތްކަމަށް އެ ކޯޓުން ނުދެކޭ ކަަމަށެވެ.

އެހެންކަމުން ފުލުހުން ހުށަހަޅާފައި އޮތް ގޮތައް ޕާސްޕޯޓު ހިފަހައްޓައިދެވެން ނެތް ކަަމަށް ކްރިމިނަލް ކޯޓުން ބުނެފައިވާ ކަަމަށް ޝަމީމް ވިދާޅުވިއެވެ.

"މި ނިންމުން ނިންމާފައި އޮންނަނީ ގާޒީ ހަސަން ސައީދު މިއަދު ހެނދުނު 10:00 ގައި. އަޅުގަނޑުމެންނަށް މި ލިޔުން ލިބުނީ މިއަދު ހެނދުނު ގައިގަނޑަކަށް 9:37 ހާއިރު." ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޕާސްޕޯޓު ހިފަހައްޓައި ނުދިން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށެވެ.

"އެޕީލް ކުރަނީ އަޅުގަނޑުމެން މި ދަންނަވަނީ މީނައަކީ ފިލައިގެން އުޅޭ މީހެކޭ. ހައިކޯޓަށްވެސް ނުފެނިފަ ހުރި މީހެކޭ. ކްރިމިނަލް ކޯޓަށްވެސް ނުފެނިފަ ހުރި މީހެކޭ. އަދި ސްޕްރީމް ކޯޓަށްވެސް ނުފެނިގެން އުޅުނު މީހެއްކަމަށް އަޅުގަނޑުމެންނަށް ލިޔެކިޔުމުން ފެންނަން އޮތް މީހެކޭ. އެހެންވީމަ މީނަގެ ޕާސްޕޯޓު ހިފަހައްޓަންޖެހޭ ސަބަަބެއް އޮތްކަމަށް އަޅުގަނޑުމެންނަށް އެބަ ގަބޫލުކުރެވޭ." ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބޭއްވުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުންވެސް ޕީޖީ އިން މިހާރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަން ޝަމީމް ފާހަގަކުރެއްވިއެވެ.

https://sun.mv/153856

ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އޭރު މި ސަރުކާރުގެ އެންމެ އިސް އެއް މިނިސްޓަރުކަމުގައިވާ އަލީ ވަހީދު މަގާމުން ވަކިކުރީ މިިޔަ އަހަރުގެ މެދު ތެރޭގަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް އެންމެ ފުރަތަމަ ހިފަހައްޓާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަސް ތެރޭގަ އެވެ.

އެ މައްސަލައިގައި ދައުވާކޮށްފައި ވަނިކޮށް އޭނާ ބޭސްފަރުވާއަށް އިނގިރޭސިވިލާތައް ދިޔައީ ކޯޓުގެ ހުއްދަ ލިބިގެންނެވެ. ނަމަވެސް ބޭސް ފަރުވާއަށް ދިން މުއްދަތު ހަމަވުމުންވެސް އަލީ ވަހީދު އަނބުރާ ރާއްޖެ އައިސްފައެއް ނުވެއެވެ.

އަލީ ވަހީދު ރާއްޖެއިން ފުރީ އޭނާގެ ޕާސްޕޯޓް ކޯޓުން ދޫކޮށްލުމުގެ ކުރީގައިކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވާއިރު އޭނާ ފުރާފައިވަނީ އޭނާގެ ގާތް އެކުވެރިޔާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އޭނާއަށް ޖާމިނުވުމަށް އެއްބަސްވުމާ އެކުގަ އެވެ.

comment ކޮމެންޓް