ފިލިޕީންސްގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި، 17 މީހަކު މަރުވެއްޖެ

ފިލިޕީންސްގެ އަސްކަރީ މަތިންދާބޯޓު ވެއްޓުނީ 92 މީހުންނާ އެކު ދަތުރު ކުރަމުން ދަނިކޮށް ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީން ބުނި -- ފޮޓޯ: ސީއެންއޭ/ފޭސްބުކް

މެނީލާ (ޖުލައި 4): ފިލިޕީންސްގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި 17 މީހަކު މަރުވެއްޖެ ކަމަށް އެގައުމުގެ އަސްކަރިއްޔާގެ ވެރިޔާ، ޖެނެރަލް ސިރިލީތޯ ސޮބެހާނާ ވިދާޅުވެއްޖެ އެވެ.

ފިލިޕީންސްގެ ޑިފެންސް މިނިސްޓަރު ޑެލްފިން ލޮރެންޒާނާ ވިދާޅުވި ގޮތުގައި ލޮކްހީޑް ސީ-130 މަރުކާގެ އެ ބޯޓު ވެއްޓުނީ 92 މީހުންނާ އެކު ދަތުރު ކުރަމުން ދަނިކޮށެވެ. އޭގެ ތެރޭގައި ތިން ޕައިލެޓުންނާއި ފަސް ކުރޫ މެމްބަރުން ހިމެނެ އެވެ. އަދި އެ ބޯޓު ވެއްޓުނީ ސޫލޫ ޕްރޮވިންސުގެ ޕަޓިކަލް މުނިސިޕަލްޓީގައި ޖައްސަން އުޅެނިކޮށެވެ.

ފިލިޕީންސްގެ ދައުލަތުގެ މީޑިއާއިން ވަނީ ވެއްޓުނު ބޯޓުގައި ރޯވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ.

ސޮބެހާނާ ވިދާޅުވި ގޮތުގައި ބޯޓުގައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން 40 މީހަކު ސަލާމަތްކޮށް، ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހުން ރިޕޯޓު ކުރި ގޮތުގައި އެ ބޯޓަކީ އެމެރިކާއިން މިއަހަރު ފިލިޕީންސަށް ފޯރުކޮށްދިން އަސްކަރީ އެހީގެ ދަށުން އެގައުމަށް ހަދިޔާ ކުރި ބޯޓެކެވެ. އަދި އެއީ އެމެރިކާގެ އެޔާ ފޯސްއިން މީގެ ކުރިން ބޭނުން ކުރި ބޯޓެކެވެ.

comment ކޮމެންޓް