ޔޫކްރެއިންގެ އަސްކަރީ ޕެރޭޑެއްގައި އަންހެން ސިފައިން ފުންނާބު އުސް ބޫޓަށް އަރުވާތީ ނުރުހުން

ޔުކްރެއިންގެ އަންހެން ސިފައިން ފުންނާބު އުސް ބޫޓަށް އަރައިގެން -- ފޮޓޯ: އޭއެފްޕީ

ކިއެވް (ޖުލައި 4): ޔޫކްރެއިންގައި އަންނަ މަހު ބާއްވަން އޮތް އަސްކަރީ ޕެރޭޑެއްގައި އަންހެން ސިފައިން ފުންނާބު އުސް ބޫޓަށް އަރުވަން ނިންމާފައި ވާތީ އެކަމަށް އެގައުމުގެ ގިނަ އަަދަދެއްގެ މީހުން ފާޑު ކިޔައިފި އެވެ.

ޔޫކްރެއިންއިން ދަނީ އެގައުމަށް މިނިވަންކަން ލިބުނުތާ 30 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އަންނަ މަހުގެ 24ގައި އަސްކަރީ ޕެރޭޑެއް ބާއްވަން ތައްޔާރުވަމުންނެވެ. އަދި އެ ޕެރޭޑަށް ތައްޔާރު ވުމުގެ ގޮތުން އަންހެން ސިފައިން ފުންނާބު އުސް ބޫޓަށް އަރައިގެން ހިނގަން ފަރިތަ ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އެގައުމުގެ ޑިފެންސް މިނިސްޓްރީން ވަނީ އާއްމުކޮށްފަ އެވެ.

ޔޫކްރެއިންގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ފުންނާބު އުސް ބޫޓަކީ އަސްކަރިއްޔާގެ އެންމެ ރަސްމީ ޔުނިފޯމާ އެކު އަރާ ބޫޓެވެ.

ޔޫކްރެއިންގެ ޑިފެންސް މިނިސްޓްރީގެ އެ އިއުލާނާ ގުޅިގެން ސޯޝަލް މީޑިއާގަ އާއި ޕާލިމެންޓުގައިވެސް އެ މިނިސްޓްރީއަށް ފާޑު ކިޔުންތައް އަމާޒުވެފައިވެ އެވެ. އެގޮތުން ޕާލިމެންޓު މެމްބަރެއް ކަމަށްވާ އިނާ ސްވޮސަން ވިދާޅުވި ގޮތުގައި ފިިރިހެން ސިފައިންނާ އެއްގޮތަށް، ގައުމަށްޓަކައި ފުރާނަ ނުރައްކަލަށް ހުށަހަޅަމުންދާ އަންހެން ސިފައިންނާ މެދު ތަފާތު ކުރުމަކީ އެމީހުންނަށް މަލާމާތް ކުރުމެވެ. އަދި އެފަދަ ޕެރޭޑެއްގައި ފުންނާބު އުސް ބޫޓަށް އެރުވުމުގެ ސިއްހީ ނުރައްކާތައްވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"މިއަށްވުރެ ތާކުންތާކު ނުޖެހޭ، ގެއްލުން ހުރި ކަމެއް ހިޔާލަށްވެސް ގެންނަން އުނދަގޫ. [އަންހެން ސިފައިންނަށް] މިކަހަލަ މަލާމާތެއް ކޮށްގެން ނުވާނެ،" ސޮވްސަން ވިދާޅުވި އެވެ.

މީގެ އިތުރުން ޕާލިމެންޓުގެ ބައެއް މެމްބަރުން ވަނީ ޕެރޭޑު އޮންނަ ދުވަހު ޑިފެންސް މިނިސްޓަރު އެންޑްރީ ޓަރަންވެސް ފުންނާބު އުސް ފައިވާނަކަށް އެރުމަށް ގޮވާލާފަ އެވެ. އަދި މިނިސްޓަރު މާފަށް އެދިވަޑައިގަތުމަށްވެސް ގޮވާލާފައިވެ އެވެ.

އެ ފާޑު ކިޔުންތަކާ ގުޅިގެން ޔޫކްރެއިންގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މިނިސްޓަރު ޓަރަން އަންހެން ސިފައިންނާ ބައްދަލު ކުރައްވާ، ބޫޓާ ބެހޭ ގޮތުން އެމީހުންގެ މެދުގައި ހުރި ކަންބޮޑުވުންތައް އަޑު އައްސަވާފައިވާ ކަމަށް ބުނެފަ އެވެ. އަދި އެމީހުންނަށް ހިނގަން ފަސޭހަ ވާނެ ގޮތަކަށް ވީހާވެސް އަވަހަށް ބޫޓަށް ބަދަލު ގެންނާނެ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް