ލުގުމާނުގެފާނުގެ ނަސޭހަތް: އޭ ދަރިފުޅާއެވެ.

އިލްމުވެރި، ސޯލިހު، އަދި ހިކުމަތްތެރި ބޭކަލެއްގެ ގޮތުގައި އިސްލާމީ ތާރީހުން ފާހަގަކޮށްލެވޭ ލުގުމާނުގެފާނަކީ އެބޭކަލެއްގެ ނަމުން ކީރިތި ގުރުއާނުގެ ސޫރަތަކަށް ނަން ދެވިފައިވާ، އަދި ހަމަ އެއާއުކު އެބޭކަލަކަށް ކީރިތި ގުރުއާނުގައި ތަޢުރީފުގެ ބަސް ވަހީކުރައްވާފައިވާ ބޭކަލެކެވެ. އެކަލޭގެފާނުގެ ހަޔާތްޕުޅަކީ ކޮންމެ އިންސާނަކަށްވެސް އެމީހެއްގެ ދިރިއުޅުމުގައި ގެންގުޅެންވީ އަގުހުރި ސިފަތަކާއި ކަންކަން ނުހަނު ފުރިހަމައަށް ހާމަވެގެންދާނެ ހަޔާތްޕުޅެކެވެ. އެގޮތުން ލުގުމާނުގެފާނު، އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަސޭހަތަކީ އިބްރަތުން ފުރިގެންވާ އެތައް ފިލާވަޅެއް އެ ނަސޭހަތެއްގެ ތެރެއިން ހާސިލްކުރެވޭނެ ނަސޭހަތެކެވެ.

ލުގުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަސޭހަތް ފައްޓަވަނީ، ޒައްރެއްގެ މިންވަރުން ނުވަތަ ކިތަންމެ ބޮޑު ހެޔޮކަމެއް ނުވަތަ ގޯސްކަމެއް ކަމުގައިވީ ނަމަވެސް ތިމާ ކުރާ ކޮންމެ އަމަލަކީ މާތްﷲ އެ އަމަލެއްގެ ހިސާބު ބައްލަވާނޭ އަމަލެއްކަން ހަނދާން ކޮށްދެއްވަމުންނެވެ. ލުގުމާނު ސޫރަތުގެ 16ވަނަ އާޔަތުގައި ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އޭ ދަރިފުޅާއެވެ! ހަމަކަށަވަރުން އެ އަމަލަކީ ރެވިއޮށްޓަރެއްގެ ބަރުދަން ހުރި އަމަލެއްކަމުގައިވިޔަސް، ހިލައެއްގެ ތެރޭގައި ވިޔަސް، ނުވަތަ އުޑުތަކުގައިވިޔަސް، ނުވަތަ ބިމުގެ ތެރޭގައިވިޔަސް (ގިޔާމަތް ދުވަހުން) ﷲ އެ އަމަލެއް ގެންނަވާނެތެވެ. ހަމަކަށަވަރުން ﷲއީ އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

މި ވާހަކައާމެދު ވިސްނާލައިފި ނަމަ ކޮންމެ މީހަކަށްވެސް އޭނާ ކުރާ ޢަމަލުތައް ކުރުމުގައި ތެދުވެރިވެ ގޯސް ކަންކަން ކުރުމުން އެއްކިބާވުމުގެ މުހިންމުކަން ހާމަވެގެންދެއެވެ. އެހެނީ ތިމާކުރާ ކޮންމެ އަމަލަކީ އެ ޢަމަލެއްގެ ޖަޒާ ގިޔާމަތް ދުވަހުން ލިބޭނެ ކަމަކަށް ވާތީއެވެ.

އަމަލުތައް ބައްލަވާވޮޑިގެންވާކަމާއި އަމަލުތަކުގެ ހިސާބު ބެއްލެވޭނެކަން ހަނދާންކޮށްދެއްވުމަށްފަހު ދެން އެކަލޭގެފާނުގެ އެންމެ ފުރަތަމަ ނަސޭހަތަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުމަށް ދެއްވި ނަސޭހަތެވެ. މުސްލިމަކަށްވުމަށް ޝަހާދަތުގެ ދެކަލިމަ ކިޔުމަށްފަހުގައި ނަމާދަކީ އެންމެ އިސްކަން ދީގެން އަދާކުރުމަށް މާތްﷲ ފަރުޟުކުރައްވާފައިވާ އެންމެ މަތިވެރި އަޅުކަމެވެ. އިންސާނާއާއި އޭނާ ހެއްދެވި ހާލިގުވަންތަ ކަލާނގެއާ ދެމެދުވާ ގުޅުން ވަރުގަދަކޮށްދޭ އަޅުކަމެވެ. ރެޔަކާއި ދުވާލު އަދާކުރުމަށް ފަރުޟު ފަސް ނަމާދު އޮތް އިރު ނަމާދު އަދާކުރުމަށް ކީރިތި ގުރުއާނުގައި މާތްﷲ ވަނީ ގަދަ އަމުރަކުން އަމުރުކުރައްވާފައެވެ. އައްނިސާ ސޫރަތުގެ 103ވަނަ އާޔަތުގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން ނަމާދަކީ މުއުމިނުތަކުންގެ މައްޗަށް ވަޤުތު ކަނޑައެޅިގެން އޮތް ފަރުޟެއްކަމުގައިވެއެވެ."

މީގެ އިތުރުން މާތް ރަސޫލާ މުހައްމަދުގެފާނު މި އުންމަތުގެ މީސްތަކުންނަށް ކުރެއްވި އެންމެ ފަހު ވަސިއްޔަތަކީވެސް ނަމާދު އަދާކުރުމަށް އެންގެވި އެންގެވުމެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. "ނަމާދުކުރުން މަތީ ދެމިތިބުމަށް ތިޔަބައިމީހުން ފަރުވާތެރިވާށެވެ! އަދި ނަމާދުކުރުމާމެދު ތިޔަބައިމީހުން ފަރުވާކުޑަނުކުރާށެވެ." އެހެންކަމުން ނަމާދަށް ރައްކާތެރިވުމުގެ މުހިންމުކަން ހާމަވެގެންދެއެވެ.

ތިންވަނަ އަދި ހަތަރުވަނަ ކަމަކަށް ލުގުމާނުގެފާނު ދެއްވެވި ނަސޢޭހަތަކީ ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކުރުމަށާއި މުސީބާތްތަކަށް ކެތްތެރިވުމަށެވެ. ކޮންމެ ތަނެއްގައިވެސް ހެޔޮކަންކަން ކުރާ މީހުންނާއި ގޯސްކަންކަމުގައި މަޝްގޫލުވެ އުޅޭ މީހުން އުޅޭއިރު އެމީހަކަށް ކެރިކުޅަދާނަވީ މިންވަރަކުން ތިމާގެ ބެލުމުގެ ދަށުގައިވާ މީހުންނަށާއި އާއިލާއާއި ރަޙުމަތްތެރިންނަށް ހެޔޮކަންކަން ކުރުމަށް ގޮވާލުމަކީ ތިމާގެ ހެޔޮކަމުގެ ފަތް ބަރުވެގެންދާނެކަމެކެވެ. ހަމައެއާއެކު ދުނިޔެގައި އުޅޭއިރު ތިމާއަށް ކުރިމަތިވާ ހިތާމައިގެ ވަގުތުތަކުގައި ކެތްތެރިކަމާއި ހިތްތިރިކަން އިސްކޮށް މާތްﷲގެ ހަޟްރަތުން މަދަދަށް އެދި ހެޔޮ ކަންކަމަށް އުންމީދުކުރުމަކީ އެހާމެ މަތިވެރި ސިފައެކެވެ. ދުނިޔޭގައި މާތްﷲ ކުރިމަތި ކުރައްވާ އިމްތިޙާނުތަކަށް ކެތްތެރިވެ ފުރިހަމަގޮތުގައި އަމަލުކުރާ މީހާ އަކީ ހިތްވަރު ހުރި މީހުންގެ ތެރެއިން ވާ މީހެކެވެ.

އިންސާނާ އޭނާގެ ވިސްނުމާއި އަމަލުތައް ހުންނަ ގޮތުން އޭނާގެ ކިބައިން އެހެން މީސްތަކުންނަށް ތަފާތު އެކި ކަންކަން ފާހަގަވެގެން ދެއެވެ. އެގޮތުން ބޮޑާކަމުގެ ހުތުރު ސިފައަކީ މުޖުތަމައުގެ ތެރެއިން ފެންނަމުންދާ ސިފައެކެވެ. ފަސްވަނަ އަދި ހަވަނަ ކަމަކަށް ލުގުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަސޭހަތް ދެއްވީ މީސްތަކުންނަށް ބޮޑާކަން ނުދެއްކުމަށާއި ތިމާ ހިނގާ ހިނގުމުގައި މެދުމިނުގެ ގޮތް އިހުތިޔާރުކުރުމަށެވެ. މާނައަކީ މާ އަވަހަކަށްވެސް ނޫނެވެ. އަދި މާ ލަހަކުންވެސް ނޫނެވެ. ބާރަށް ހިނގުމާއި ލަހުން ހިނގުމުގެ މެދުމިންގަނޑެވެ. މުޖުތަމައުގެ ތެރޭގައި އެކި ފަންތީގެ އެކި ގިންތީގެ މީހުން އުޅޭއިރު ސުލްހައިގެ ގުޅުމުން ޖަރީވެފައިވާ ބަދަހި މުޖުތަމައެއް ބިނާކުރުމަށްޓަކައި ކިބުރުވެރިކަމާއި ބޮޑާކަމުގެ ސިފަ ދޫކުރަން ޖެހެއެވެ. ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު އެންމެންނާ ދޭތެރޭގައިވެސް ކަންކަން ކުރަންޖެހެއެވެ. އަދި ބޮޑާކަމަކީ، ތިމާގެ ކިބައިގައިވާ ރަނގަޅު އެތައް ސިފައަކުން މަހުރޫމުކޮށްލާ ސިފައެކެވެ. އެހެންވީމާ، އަމިއްލަ ނަފުސުގެ ސިފަތަކާމެދު ވިސްނާލަމާތޯއެވެ. ރަނގަޅު ސިފަތައް އަށަގެންނެވުމަށް އިސްކަންދީ، ތިމާގެ އުޅުމުގައި ރިވެތި ގޮތްތަކާއި މަގުތައް އިހުތިޔާރުކުރަމާތޯއެވެ.

ފަހުކަމެއްގެ ގޮތުގައި ލުހުމާނުގެފާނުގެ ނަސޭހަތުން ފާހަގަވަނީ ބަސްބުނާ ހިނދު ތިމާގެ އަޑު ތިރިކުރުމެވެ. ތިމާ ކޮންމެ މީހަކާއެކު ވާހަކަ ދެއްކިކަމުގައިވީ ނަމަވެސް މަޑުމައިތިރިކަމާއެކު އަޑުހަރުކަން އިސްނުކޮށް ވާހަކަދެއްކުމެވެ. އަޑުހަރުކޮށް ހަރުކަށިކަމާއެކު ވާހަކަދައްކާ މީހާގެ އަޑުގެ މިސާލަކީ ހިމާރެއްގެ އަޑުގެ މިސާލެވެ. އެހެނީ އެންމެ ނުރުހެނިވި އަޑުތަކަކީ ޙިމާރުތަކުގެ އަޑުކަމުގައި ވާތީއެވެ. އެހެންކަމުން މާތްﷲގެ ރުއްސެވުމާއި މީސްތަކުންގެ ލޯތްބާއި އިހުތިރާމު ހޯދަން އެދޭނަމަ މުޢާމަލަތުކުރުމުގައި މަޑުމައިތިރިކަން އިސްކުރަން ޖެހޭކަން ލުގުމާނުގެފާނުގެ ނަސޭހަތުން ހާމަވެއެވެ.

މި ނަސޭހަތްތަކަކީ ދުނިޔެއާއި އާހިރަތް ބާއްޖަވެރިކުރުމަށް އެދޭ މީހާ އިސްކަންދޭނެ ނަސޭހަތްތަކެކެވެ. ލުގުމާނުގެފާނުގެ ދަރިކަލުންނަށް ދެއްވި މި ނަޞޭހަތަކީ މުޅި އުންމަތަށް ވާ ހެޔޮކަމުގެ ފެން އާރެއް ފަދައެވެ. އެ ހެޔޮކަމުގެ ފެން އާރުން ފެން ލިބިގަނެ ބޯ މީހާގެ ކަރުހިއްކުން އެއިން ފިލުވައިދެއެވެ. އިބުރަތުގެ އެތައް ފިލާވަޅެއް ލިއްބައިދެމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް