މިފަހަރު "ކޯން ކޯން ދެ ޑޯޒް ވާލާ ހޭ"

މޭ 1، 2021: ރަމަޟާން މަހު ވެކްސިން ޖަހައިދޭ ވަގުތު މަދުކުރުމުން ކޮންމެ ރެއަކުވެސް އެތައް ސަތޭކަ ބަޔަކު ވެކްސިން ޖަހަން ކިޔުއަށް އަރާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ކޯންކޯން ޖަޒީރާހޭ"އަކީ ބަސަރާއަށް ގޮސް ކަދުރާއި ކާއްޓާ ކާން ރާވައިގެން ތިބި މާލިމީއާއި އޭނާގެ ފަޅުވެރިންނަށް ޖެހުނު ހާލުގެ ވާހަކަ ކިޔައިދޭ ސަމާސާ އަދަބެވެ. ނަމަވެސް މިފަހަރު މިއޮތީ ތަފާތުކޮށްލުމެކެވެ.

ޑިސެމްބަރު 31، 2020 ގައި ކޮވިޑް19ގެ ވެކްސިނެއް ބޭނުންކުރަން ޑަބްލިޔުއެޗްއޯ އިން ދިން ފުރަތަމަ ހުއްދައާއެކު ދިވެހިންވެސް ވަނީ ވެކްސިން ހޯދުމުގެ މަސައްކަތް ފަށާފައެވެ. ރާއްޖެއިން ކުރި މަސައްކަތާއެކު އިންޑިއާއިންވަނީ ރާއްޖެއަށް ކޮވިޝީލްޑްގެ އެއްލައްކަ ޑޯޒް ހަދިޔާ ކޮށްފައެވެ.

ޖެނުއަރީ 20، 2021: އިންޑިއާ އިން ރާއްޖެ އަށް ފޯރުކޮށްދޭ 100،000 ޑޯޒްގެ ވެކްސިން ރާއްޖެއަށް ގެނައުން: އެއާ އިންޑިއާގެ ފްލައިޓެއްގައި ރާއްޖެ މި ވެކްސިން ޑޯޒްތައް ރާއްޖެ ގެނައި އިރު މިއީ އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެފަހުންވެސް އިންޑިއާއިން ވެކްސިން ހަދިޔާކޮށްފައިވާއިރު ކޮވެކްސް ފެސިލިޓީގެ ތެރެއިންނާއި ޗައިނާގެ ފަރާތުންވެސް ރާއްޖެއަށް ވަނީ ވެކްސިން ހަދިޔާކޮށްފައެވެ. ކޯވިޑް19 ގެ ވެކްސިން 2 ޑޯޒް ފުރިހަމަ ކުރަންޖެހޭއިރު އެއިރު އެންމެ ބޮޑު އިސްކަމެއް ދެވުނީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށެވެ.

ވެކްސިންއަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދިނުމާއެކު ހަދިޔާކުރި ފުރަތަމަ އެއްލައްކަ ޑޯޒް ޖެހުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ވެކްސިންްގެ ފުރަތަމަ ޑޯޒް ޖެހުމުގެ މަަސައްކަތް ކުރިޔަށް ދިޔައީ ވަރަށް ބާރަށެވެ. ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް މިސާލު ދައްކަވާ އެންމެ ފުރަތަމަ ވެރިން ވެކްސިން ޖެއްސެވިއެވެ. ވެކްސިނަކީ ރައްކާތެރި އެއްޗެއްކަން ހާމަކޮށްދިނުމަށެވެ. މިހާތަނަށް އައި އިރު ރާއްޖޭގައި އާބާދިގެ 59.7 ޕަސެންޓް މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ސުވާލަކީ ދެވަނަ ޑޯޒްގެ ކަންތައް އޮތީ ކިހިނަކުން ތޯއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑް-19 ވެކްސިން ޖައްސަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ދިގު ކިޔުތަކުގައި ވެހޭހާ ވާރެޔާއި ދޭހާ އަތްވެއްގައި ތިބެ ވެކްސިން ޖެހުމަށް ރައްޔިތުން އިޖާބަ ދިނީ ނުހަނު ފުރިހަމައަށެވެ. ނަމަވެސް ދެން ރައްޔިތުން ސިހިގެން ދިޔައީ ވަގުތީގޮތުން ކޮވިޝީލްޑް ވެކްސިން މާލޭގައި ޖެހުން މެދުކަނޑާލި ޚަބަރުންނެވެ. މެދުކެނޑުމެއްނެތި ވެކްސިން ދެވޭ މިންވަރަށް ރާއްޖޭގައި ވެކްސިން އެބަހުރިކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައިވަނިކޮށް ރާއްޖޭގައި ހުރި ކޮވިޝީލްޑް ވެކްސިންގެ އަދަދު މަދުކަމަށް ރައީސްއޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މޭ 4 ވަނަ ދުވަހު ވަނީ ވިދާޅުވެފައެވެ. އެއާއެކު ދެވަނަ ޑޯޒް ނުޖެހި ތިބެން މިއަދާ ހަމަޔަށް އެތައް ބަޔަކަށް ވަނީ މަޖުބޫރުވެފައެވެ.

"އަޅުގަނޑު ވަރަށް ކަންބޮޑުވޭ މިގޮތަށް ވެކްސިން ނުޖެހި މިހާ ގިނަ ދުވަސްވާތީ. މިހާރު ދެ ވަނަ ޑޯޒް ޖެހޭނެ އިރެއްގެ އިންތިޒާރުގައި މިހުރީ. އެޕޮއިންޓްމަންޓް ހައްދައިގެން ދެވަނަ ޑޯޒް ޖަހަންދާން ތައްޔާރުވަނީ،" ދެވަނަ ޑޯޒް ނުޖެހިފައިހުރި މީހަކު ބުންޏެވެ.

ވެކްސިން ޖެހުމުގެ އެންމެ ބޮޑު ބޭނުމަކީ އާންމު ޙާލަތަށް ރުޖޫޢަވެ އެޅިފައިވާ ފިޔަވަޅުތަކުން ލުއި ހޯދުން ކަމުގައިވީއިރު މިހާރު ވެކްސިން ދެ ޑޯޒް ޖަހާފައިވާ މީހުންގެ އަދަދުތަކަށް ބަލާ، ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ލުއި ދެވެން ނެތްކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމު ވަނީ ވިދާޅުވެފައެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ގިނަބަޔަކު އިންޑިޔާގެ ކޮވިޝީލްޑުން ޖަހާފައިވާއިރު ފަހުން އިންޑިޔާއަށް އައި ކޮވިޑުގެ ރާޅާއެކު އެ ގައުމުގައި ވެކްސިންގެ އަދަދު މަދުވެ ރާއްޖެއަށްވެސް ވެކްސިން އިމްޕޯޓުކުރުމުގައި ވަނީ ބޮޑެތި ދަތިތަކާ ކުރިމަތި ލާންޖެހިފައެވެ. އެހެންކަމުން ކޮވިޝީލްޑް ވެކްސިން ޖެހުމަށް މެދުކެނޑުމެއް އައުމަށްފަހު އިތުރު އެއްލަކަ ޑޯޒް ލިބުމާއެކު މިހާރު މާލޭ ސަރަޙައްދުގައި އެޕޮއިންޓުމަންޓު އުސޫލުން ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮވިޑުގެ ފިޔަވަޅުތަކާއެކު ދޮޅުއަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރެވިފައިވާއިރު ހުރިހާ އެންމެންވެސް ބޭނުންވެފައި ތިބީ މި ޗުއްޓީގައި ހިތްހަމަޖައްސާލެވޭނެ މަގެއް ހޯދާށެވެ. އެކަމަކު މި އުންމީދުތަކަށް އަނދިރި ހިޔަންޏެއް އަޅުވައިލީ ދެ ޑޯޒު ފުރިހަމަކުރި މީހާއަށް ލުއިދެވެން ނެތްކަމަށް އިދާރާތަކުން ބުނުމުންނެވެ. އޭގެ ބަދަލުގައި ލުއި ލިބުނީ ކޮވިޑު ބަލި ޖެހި, ރަނގަޅުވާތާ ދެ މަސް ނުވާ މީހާއަށެވެ. ކަރަންޓީނުގެ އުނދަގުލާ ނުލައި ރާއްޖެއިން ބޭނުންތަނަކަށް ދަތުރުކުރުމުގެ ފެހި ސިގްނަލް ލިބުނީ އެމީހުންނަށެވެ. ވެކްސިން ކިއުތަކުގައި އެތައް ވަގުތެއް ހޭދަކުރި މީހާއަށް 14 ދުވަހުގެ ކަރަންޓީނު ނޫން ގޮތެއް ނެތީއެވެ.

ކޯވިޑު19 ބައްޔަށް ފައްސިވެ ރަނގަޅުވާތާ 3 މަސް ދުވަސް ނުވަނީސް އަލުން ބަލި ނުޖެހޭނެކަމަށް ދިރާސާތަކުން ދައްކައެވެ. ހަމައެއާއެކު އާބާދީގެ ބޮޑުބައެއް ވެކްސިން ދެ ޑޯޒް ޖެހުމުން މުޖުތަމައުގެ ތެރޭ އޮންނަ ރައްކާތެރިކަން އިތުރުވެގެންދާނެއެވެ. އެހެންނަމަވެސް ބަލި ޖެހުނު މީހާއަށް ލުއި ދޭން ނިންމާ ވެކްސިން ފުރިހަމަކުރި މީހާއަށް ލުއި ނުދޭން ނިންމި ނިންމުމާމެދު އެތައް ބައެއް ސުވާލު އުފައްދާނެކަމީ ޔަޤީން ކަމެކެވެ.

ކޮންމެއަކަސް މި ނިންމުމާއެކު ބަލި ނުޖެހިގެން ދެރަވާ މީހުންގެ އަދަދުވެސް އިތުރުވާން ފަށައިފިއެވެ. އެކަމަކު އެއަީ އެންމެ ރަނގަޅު ވިސްނުމެއްނޫނެއެވެ. ނަމަވެސް ބަލި ޖެހި ރަނގަޅުވެ 60 ދުވަސް ނުވާނަމަ މަހެއްގެ ދެބަކޮށްފައި އެއްބައި ކަރަންޓީނުގައި ހޭދަކުރަން ނުޖެހުމަކީ ދަތުރުކުރަން ބޭނުންވާ މީހާއަށް ހޯދައިދިން ރަން ތަޅުދަނޑިއެކެވެ. ސޯޝަލްމީޑިއާގައި މަޖަލާއި މަލާމާތުގެ ރާގަށް ވެކްސިން ޖެހުމުން ލިބޭ ފައިދާއެއް ކޮބައިތޯ ސުވާލުކުރަމުން ދާއިރު، ކަރަންޓީނުވާން ނުޖެހި ދަތުރުކުރާ މީހާ ވެކްސިން ޖެހި މީހާއަށް މަލާމާތުގެ ރާގެއްގައި ގޮވާލާކަހަލައެވެ. "ކޯން ކޯން ދެ ޑޯޒް ވާލާހޭ"އެވެ.

comment ކޮމެންޓް