ކޮޕާ އެމެރިކާ: މެސީގެ މޮޅު ފްރީކިކަކާއި ދެ އެސިސްޓާ އެކު އާޖެންޓީނާ ސެމީއަށް

ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލުގައި ގޯލު ޖެހުމަށްފަހު މެސީއާއި ޑިމާރިއާ --- ފޮޓޯ//މެސީގެ ފޭސްބުކް ޕޭޖް

މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ 2021ގެ ކުއާރޓާ ފައިނަލުގައި އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ އެކުއެޑޯ ކޮޅަށް ޖެހި މޮޅު ފްރީކިކް ގޯލާ އެކު ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

ބްރެޒިލްގެ އެސްޓަޑިއޯ އޮލިމްޕިކޯގައި މިއަދުގެ ކުޅުނު މެޗުން އާޖެންޓީނާ ކުރި ހޯދީ 0-3 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މޮޅާ އެކު އެންމެ ފަހު ކޮޕާގެ ތިންވަނަ ހޯދި އާޖެންޓީނާއިން ސެމީގެ ޖާގައެއް ހޯދި އިރު، އެ ޓީމާ ދެކޮޅަށް އެ މެޗުގައި ނުކުންނާނީ ރޭ އުރުގުއޭ ޕެނަލްޓީގައި ބަލިކޮށް ސެމީގެ ތިންވަނަ ޖާގަ ހޯދި ކޮލޮމްބިއާ އެވެ.

ސެމީގެ ދެން އޮތް ދެ ޖާގަ ހޯދާފައިވަނީ އެންމެ ފަހުގެ ކޮޕާ އެމެރިކާގެ ޗެމްޕިއަން ބްރެޒިލްއާއި ޕެރޫ އެވެ. ބްރެޒިލް ސެމީއަށް ދަތުރު ކުރީ ފަހުގެ ތާރީހުގައި އެންމެ ގިނަ ކޮޕާ އުފުލާލި ޗިލީ ބަލިކޮށްގެންނެވެ. ޕެރޫ އެ ޖާގަ ހޯދީ ޕެނަލްޓީގައި ޕެރަގުއާއީ ބަލިކޮށްގެންނެވެ.

މިއަދުގެ މެޗު ފަށައިގެން މެޗުގެ ކުރީކޮޅު އާޖެންޓީނާ އަށް ލީޑުނަގައިދޭން މެސީ އަށް މެޗުގެ 23 ވަނަ މިނިޓްގައި ވަނީ ހުސް ފުރުސަތެެއް ލިބި ބޭކާރުވެގެން ގޮސްފަ އެވެ. އޭރިއާތެރެއަށް ހުސްކޮށް ބޯޅަ ހިފައިގެން ވަދެ މެސީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތި ދަނޑިއަށެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް އާޖެންޓީނާއަށް މެޗުގެ ފުރަތަމަ ފަހަރަށް ލީޑު ލިބުނީ މެސީ ހުސްކޮށްލާފައި ދިން ބޯޅައަކުން ރޮޑްރީގޯ ޑެ ޕޯލް އެވެ. މެސީއަށް ގޯލަށް ފޮނުވާލެވެން އޮތް ނަމަވެސް އޭގެ ބަދަލުގައި ޑެ ޕޯލްއަށް ދިން އިރު، އޭނާ ގޯލަށް އެ ބޯޅަ ވައްދާލީ ހަމަޖެހިލައިފަ އެވެ.

ދެވަނަ ހާފު ފަށައިގެން އެކުއެޑޯއިން ކުޅުން ރަނގަޅުކޮށް ގޯލެއް ޖެހުމާ ގާތަށް ޖެހިލި ނަމަވެސް އާޖެންޓީނާގެ ޑިފެންސުން ވަނީ އެ ހަމަލާތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ނަތީޖާއަކަށްވީ މެޗުގެ ފަހު ވަގުތުކޮޅުގައި އާޖެންޓީނާގެ ލީޑު ތިން ގޯލަށް ފުޅާ ކުރުމެވެ. ފުރަތަމަ ގޯލަކީ މެސީ ދިން ބޯޅައަކުން ލައުޓަރޯ މާޓީނެޒް ޖެހި ގޯލެކެވެ. ފަހު ގޯލަކީ މެސީގެ ހިތްގައިމު ފްރީކިކް ގޯލެކެވެ. މިއީ އޭނާ ޖެހި 58 ވަނަ ފްރީކިކު ގޯލެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެސީ ވަނީ މިފަހަރުގެ މުބާރާތުގައި މިހާތަނަށް ހަތަރު ގޯލު ޖަހައި ހަތަރު އެސިސްޓް ހަދައިފަ އެވެ.

comment ކޮމެންޓް