މީޑިއާގެ މިނިވަން ކަމަށް ހުރަސް ނޭޅުމަށް އެޑިޓާސް ގިލްޑް އިން ގޮވާލައިފި

ނޫސް މަޖައްލާތަކުގެ އެޑިޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

މީޑިއާގެ މިނިވަންކަމަށް ހުރަސްނޭޅުމަށް ރާއްޖޭގެ ބޮޑެތި މީޑިއާތަކުގެ އެޑިޓަރުން ގުޅިގެން އުފައްދާފައިވާ އެޑިޓާސް ގިލްޑުން ބުނެފި އެވެ.

އެޑިޓާސް ގިލްޑް އިން މިހެން ބުނީ އިންޑިއާ ހައިކޮމިޝަނުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރުން މެދުވެރިކޮށް "ދިޔަރެސް" ނޫހުގެ މައްސައެއް ބަލައިދިނުމަށް މީޑިއާ ކައުންސިލްގައި އެދިފައިވާ ކަމުގެ ޝަކުވާ އެ ޖަމިއްޔާއަށް ލިބުމާ ގުޅިގެން ނެވެ.

"ގާނޫނު އަސާސީން ލިބިދޭ ނޫސްވެރިކަމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އެންމެހާ ފަރާތްތަކަށް ގޮވާލަން،" އެޑިޓާސް ގިލްޑް އިން ނެރުނު ބަޔާނުގައިވެ އެވެ.

އެޑިޓާސް ގިލްޑް އިން ބުނީ އެ ޖަމިއްޔާ ގަބޫލުކުރާ ގޮތުގައި ނޫހެއްގައި ޝާއިއު ކުރާ ކޮންޓެންޓަކާ ގުޅޭ މައްސަލައެއް ބަލައިދޭން އިންޑިއާ ހައިކޮމިޝަނުން އެދޭ ނަމަ އެކަން ކުރަން ޖެހޭނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކަމަށެވެ.

ނަމަވެސް، ޖަމިއްޔާއަށް މައުލޫމާތު ލިބިފައިވާ ގޮތުން މިނިސްޓްރީން އެފަދަ އެއްވެސް މައްސަލައެއް ބަލައިދިނުމަށް މީޑިއާ ކައުންސިލަށް ހުށަހަޅާފައި ނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ޖަމިއްޔާ އިން ދެކޭ ގޮތުގައި އެއީ މީޑިއާގެ އެތިކަލް މައްސަލަ ބެލުމުގައި އަމަލުކުރާ އެންމެހާ ބެސްޓް ޕްރެކްޓިސްތަކާ ހިލާފު ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އަދި މީޑިއާ ކައުންސިލް އޯވަސީ ކުރުމުގެ މެންޑޭޓް އޮންނަ ކޮމިޓީން މީޑިއާއެއްގެ މައްސަލަ ބަލައިދޭން އެ ކައުންސިލްގައި އެދުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މީޑިއާގެ އެތިކަލް މައްސަލަތައް އޮންނަ އުސޫލުގެ ތެރެއިން ބެސްޓްޕްރެކްޓިސްއާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އެ ޖަމިއްޔާ އިން ވަނީ ގޮވާލާފަ އެވެ.

ހަމައެހެންމެ މީޑިއާތަކުން ވެސް ކޮންޓެންޓް ޝާއިއުކުރުމުގައި ޒިންމާދާރުވެ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑު އެންމެ މަތީ ދަރަޖައެއްގައި ހިފެހެއްޓުމަށް ވެސް އެންމެހާ ނޫސްވެރިންނަށް އެ ޖަމްއިއްޔާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

comment ކޮމެންޓް