ރާއްޖޭގެ ކަނޑުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރި ލަންކާ ބޯޓެއް ޖޫރިމަނާކޮށްފި

ޖޫން 20 ވަނަ ދުވަހު ލ. އިސްދޫ މުލި ކައިރިން ހިފެހެއްޓި ލަންކާގެ މަސްބޯޓު. މި ބޯޓުން ވަނީ ތިނަ ޓަނުގެ މަސް ފެނިފައި. ގިނައީ މިޔަރު. -- ފޮޓޯ/ފިޝަރީޒް މިނިސްޓްރީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ސްރީ ލަންކާގެ މަސްބޯޓެއްގެ ވެރިފަރާތް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އިން ޖޫރިމަނާކޮށްފިއެވެ.

އެ މިނިސްޓްރީއިން މިރޭ ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް ޖޫން 20 ގައި ލ. އިސްދޫ މުލި ކައިރިން އެމްއެންޑީއެފްއިން ހިފެހެއްޓި ކަމަށެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ލައިސަންސެއް ނެޔި މަސްވެރިކަން ކުރީތީ, މަސްވެރިކަމުގެ ގާނޫނުގެ 73 ވަނަ މާއްދާގެ (ށ)ގައި ވާ ގޮތުގެ މަތިން އެ ބޯޓުގެ ވެރިފަރާތް 400,000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވި ގޮތުގައި އެ ބޯޓަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިޔަރުގެ މަސްވެރިކަން ކުރަމުން އައި ބޯޓެކެވެ. އަދި އެ ބޯޓުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް އެދެން އޮންނަ ހުއްދައަށް އެދިފައި ނުވާކަމަށްވެސް އެ މިނިސްޓްރީއިން ބުންޏެވެ.

"އަޅުގަނޑުމެން އިންސްޕެކްޓްކުރި އިރު ގާތްގަނޑަކަށް ތިން ޓަނުގެ މަސް ހުރި [އޭގައި]. ގިނައީ މިޔަރު," މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެ ބޯޓު ހިފަހައްޓާފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު "ސީލައިން" ނަމަކަށް ކިޔާ ރާއްޖޭގެ މަސްދޯންޏެއް ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށްކަމަށް ފިޝަރީޒް މިނިސްޓްރީއިން ބުންޏެވެ.

އަދި ބޯޓުގެ ވެރި ފަރާތަކީ ލަންކާއަށް ނިސްބަތްވާ އަމިއްލަ ފަރުދެއްކަމަށާއި ޖޫރިމަނާކޮށްފައިވަނީ ވާޗުއަލްކޮށް އަޑުއެހުންތައް ބޭއްވުމަށްފަހުކަމަށް މިނިސްޓްރީއިން ބުންޏެވެ. އަދި މިކަމުގައި ސްރީލަންކާ އެމްބަސީއާ އެކުގައި މަސައްކަތްކުރަމުންދާކަމަށް އެ އޮފިޝަލު ވިދާޅުވިއެވެ.

ބޯޓުގެ ވެރިފަރާތަށް ޖޫރިމަނާ ދެއްކުމަށް 30 ދުވަހުގެ މުހުލަތެއް ދީފައިވާއިރު އެ ޖޫރިމަނާ ދެއްކުމުން ނޫންނަމަ ބޯޓު ދޫކޮށްނުލާނެކަމަށް މިނިސްޓްރީއިން ބުންޏެވެ. އަދި ވެރިފަރާތުން ޖޫރިމަނާ ނުދައްކައިފިނަމަ އެޓާނީ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅައިގެން ކުރިޔަށް ގެންދާނެކަމަށް މިނިސްޓްރީއިން ބުންޏެވެ.

comment ކޮމެންޓް