ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އުޅެންވާނީ އިސްކޮޅުން: އާޒިމާ

ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަމުގައި ހުންނެވި އާއިޝަތު އާޒިމާ ޝަކޫރު -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއަށް ބައިނަލްއަގުވާމީ މުޖުތަމައާ ދުރެއް ނުވެވޭނެ ކަމަށާއި ނަމަވެސް ރާއްޖެވެސް އުޅެން ވާނީ ރާއްޖޭގެ އިސްކޮޅާއި ހަކަތައާ އެކަށީގެންވާ ގޮތަށް ކަމަށް ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޒާ އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ..

ރާއްޖެއަށް ބޭރުގެ ނުފޫޒު ގަދަވަމުންދާ މައްސަލަ އާ ގުޅޭ ގޮތުން ކްލަބްހައުސްގައި ކުރިއަށް ގެންދިޔަ ފޯރަމެއްގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ ދުނިޔޭގެ އޮއިވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ތަން ފެންނަ ކަމަށެވެ. މިހާރު ދުނިޔޭގައި ހަގީގީ ބާރު ހިންގަނީ އަސްކަރީ ބާރުތަކަށް ވުރެ ބޮޑަށް އިގްތިސާދީ ބާރުތައް ކަމަށް އޭނާ ވިދާޅުވިއެވެ. ދެކުނު މިހާރު ހިނގަމުންދާ ކަންކަމުގެ ތެރެއިން ދެކުނު އޭޝިއާއަކީ ވަރަށް ސްޓްރެޓީޖިކް ތަނެއް ކަމަށާއި, އޭޝީއާއާއި ދެކުނު އޭޝިއާ ތެރޭގައި "ފިނި ހަނގުރާމަ"އެއް ހިނގަމުންދާ ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

"މި އިގްތިސާދީ ބާރުތަކުގެ ތެރެއިން ދުނިޔޭގަ ކުރީގަ ކޮންވެންޝަނަލީ ނޫން ވަރަށް ގިނަ ގައުމުތައް ބާރުގަދަ ވަމުން މި އަންނަނީ،" ކުރީގެ ރައީސް އަބްދުالله ޔާމީނުގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަމުގައި ހުންނެވި އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ އޭގެ ސަބަބުން ދެކޮޅުގައި މި އޮތް ހަނގުރާމައިގެ ތެރެއަށް ރާއްޖެ ވަނުމަކީ އޭނާ އެންމެ ކަންބޮޑުވާ މައްސަލަ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގެންޖެހޭ އަޅުގަނޑުމެން މި އޮތީ ކޮން ލޮކޭޝަނެއްގައިކަން. އަދި މި ލޮކޭޝަންގެ މުހިއްމު ކަމަކީ ޖިއޯޕޮލިޓިކްސްގައި ކޮބައިކަން އަޅުގަނޑުމެންނަށް އެބަ އެނގެން ޖެހޭ. ރާއްޖެ މި ހާލަތުގަ އަޅުގަނޑުމެންގެ ރިސޯސަސް ބޭނުން ކުރާނީ ކިހިނެއްކަން އަޅުގަނޑުމެން ޑިސައިޑްކުރަން އެބަޖެހޭ،" އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ މިސާލެއްގެ ގޮތުން ރާއްޖެ މިއޮތީ ވަރަށް ބޮޑު ޝިޕިން ލޮކޭޝަންއެއްގައި ކަމަށެވެ. އިހަވަންދިއްޕޮޅުގައި ހަދަން އެ އުޅޭ ބަނދަރުތަކަކީ ދުނިޔޭގެ އިގްތިސޯދަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވޭ ކަހަލަ ސަރަހައްދެއް ކަމަށެވެ. އެހެން ކަމުން އުތުރާ ދެކުނުގައި ހުރި ކަންތައްތައް ނިންމާއިރު ރާއްޖެއިން މިހާރަށްވުރެ ބޮޑަށް ދުނިޔެއަށް ލޯ ހުޅުވަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމާ ވިދާޅުވީ ރާއްޖެއަށް ބައިނަލްއަގުވާމީ މުޖުތަމައުއާ ދުރު ނުވެވޭނެ ކަމަށާއި އެހެން ނަމަވެސް ރާއްޖެ އުޅެންޖެހޭނީ ރާއްޖޭގެ އިސްކޮޅުން ކަމަށެވެ.

"އަޅުގަނޑުމެންނަށް އިންޓަނޭޝަނަލް ކޮމިއުނިޓީއާ ދުރެއް ނުވެވޭނެ. އަޅުގަނޑުމެންނަށް އުޅެވޭނީ ބައިނަލްއަގްވާމީ މައިދާނުގަ. ނަމަވެސް އަޅުނޑުމެން ބައިނަލްއަގްވާމީ މައިދާނުގައި އުޅެން ވާނީ އަޅުގަނޑުމެންގެ އިސްކޮޅާ އަޅުގަނޑުމެންގެ ރޫފައާއި އަޅުގަނޑުމެންގެ ހަކަތައާ އެކަށީގެންވާ ކަހަލަ ގޮތަކަށް,"

ނަމަވެސް އޭގެ މާނައަކީ ބައިނަލްއަގުވާމީ މުޖުތަމައުގައި ދިވެހީންގެ އަގު ގެއްލޭ ގޮތަށް އަމަލުތައް ބެހެއްޓުން ނޫން ކަމަށާއި, ރާއްޖޭގެ ވެރިންނާއި ވަޒީރުން ބޭރު ގައުމުތަކަށް ގޮސް އުޅޭއިރު "މިލިއަނެއްހާ ޑޮލަރު ދީގެން ގަނެވޭ ބައެކޭ" ބުނެ މަލާމާތް ރައްދުވާ ފަދަ ގޮތްގޮތަށް އަމަލު ބަހައްޓައިގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އެއަށްވުރެ އަޅުގަނޑުމެން ތަންކޮޅެއް އަރަފޯދެން ވާނެ,"

އާޒިމާ ވިދާޅުވީ އަޅުގަނޑުމެންގެ ބާރާއި ހަކަތައަށް ނުވިސްނާ ދުނިޔޭގައި އޮތް ޖިއޯޕޮލިޓިކަލް ހަނގުރާމައިގައި އިންޑިއާ ކަނޑަށް ރާއްޖެއިން "ބޮއްކުރަ"އެއްގައި ނުކުތުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި ތަނަވަސްކަން ނެތްނަމަވެސް އެކަން ހޯދަން ކުރަންވާ އަދި ކޮށްގެން ނުވާނެ ކަންކަންވެސް ހުންނަ ކަމަށާއި ކޮންމެކޮންމެ ކަމަކަށް ފޮރިން އިންވެސްޓްމަންޓް ބޭނުންވާކަމަށް ގަބޫލު ނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ފޮރިން އިންވަސްޓްމަންޓު ލިބެން އޮތްނަމަވެސް ސަރަހައްދުގެ ގޮތުން ނޫނެކޭ ބުނަންޖެހޭ ހާލަތްތައް ހުންނަ ކަމާށާއި, މީގެ ކުރިންވެސް ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން އެފަދަ ސްޓޭންޑު ނަގާފައި ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ނޭޝަނަލް ސެކިއުރިޓީއަށް ގެއްލުން ވީމަ ހަދާފަ ހުރި އިންވެސްޓްމެންޓްތައްވެސް އަޅުގަނޑުމެން ހުންނާނީ ބޭރު ކޮށްފަ. އެ ހިތްވަރުވެސް އަޅުގަނޑުމެންގެ ހުރި. އަދި ބައިނަލްއަގްވާމީ ކޯޓުތަކުގަ މައްސަލަތައް ވިން ކުރާހާ ގާބިލްކަންވެސް އަޅުގަނޑުމެންގެ ހުރި،" ރައީސް މައުމޫނާއި ރައީސް ވަހީދުގެ ސަރުކާރުގެ ބަންޑާރަނައިބުކަން ކުރެއްވި އާޒިމާ ވިދާޅުވިއެވެ.

comment ކޮމެންޓް