އެމްޕީއެލްގެ "މައި ބަނދަރު" ޕޭމަންޓް ގޭޓްވޭ އަޕްގްރޭޑް ކޮށްފި

އޭޕްރީލް 5، 2020: އެމްޕީއެލް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ "މައި ބަނދަރު" ޕޯޓަލް ގެ ޕޭމަންޓް ގޭޓްވޭ އަޕްގްރޭޑް ކޮށްފި އެވެ.

އެމްޕީއެލް އިން މިއަދު ބުނީ މި ގެނެވުނު ބަދަލާއިއެކު މައި ބަނދަރު ޕޯޓަލް އިން ވެސް ލިންކު ބޭނުން ކޮށްގެން ޕޯޓަލްއިން ބޭރުންވެސް ފައިސާ ދެއްކުމުގެ އިންތިޒާމާ އަދި، މޯބައިލް ޕޭގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖެހިގެން ދާނެ ކަމަށެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ ހިދުމަތް ތަކަށް ގެނައި ބަދަލުތާ ގުޅިގެން ކަސްޓަމަރުންނަށް އޮންލައިންކޮށް ޕޯޓަލްއަށް ރަޖިސްޓްރީ ވެވޭނެ ކަމަށެވެ.

އޭގެ އިތުރުން މުދަލުގެ ވެރިފަރާތުން އެ ފަރާތެއްގެ މުދަލާ ގުޅޭ ހުރިހާ ތަފްސީލެއް ބަލައިލުމުގެ އިތުރަށް މުދަލަށް ދައްކަން ޖެހޭ ފައިސާވެސް ދެއްކޭނެ ކަމަށެވެ.

މި ގެނެވުނު ބަދަލުގެ ތެރެއިން ޝިޕިން އެޖެންޓުންނަށް އޮންލައިންކޮށް އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލް (އީޓީއޭ) އާ ބިލް އޮފް ލޭޑިންގ ހުށަހެޅޭނެ ކަމަށެވެ.

މީގެ އިތުރުން ހުރިހާ ކަސްޓަމަރުންނަށް ފައިސާ ދެއްކި ހުރިހާ ރަސީދު ތަކުގެ ތަފްސީލުތައް ކޮންމެ ވަގުތަކުވެސް ޕޯޓަލްއިން ފަސޭހައިން ބަލައި ލެވޭނެ ކަމަށެވެ.

އެމްޕީއެލް އިން ބުނީ ކުންފުނީގެ އަމާޒަކީ މިހާރު ދެމުންދާ ހުރިހާ ހިދުމަތެއްވެސް ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހަމައެކަނި އޮންލައިންކޮށް ދިނުން ކަމަށެވެ.

ކުންފުނިން އިތުރަށް ބުނީ ކޮވިޑްގެ މި ހާލަތާ ގުޅިގެން ހުރިހާ ކަސްޓަމަރުން ވެސް އެމްޕީއެލްއަށް އައުމުގެ ބަދަލުގައި ޕޯޓަލްގައި ރަޖިސްޓްރީވުމަށްފަހު ހިދުމަތްތައް އޮންލައިން ކޮށް ހޯދުމަށް އިލްތިމާސްކުރާ ކަމަށެވެ.

comment ކޮމެންޓް